Wednesday 12th Feb 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ނަޝީދު

ރައީސް ނަޝީދުގެ އިތުބާރުނެތްކަމަށް ފާސްކުރަން އެމްޑީޕީން ތުރީލައިން ވިޕެއް ނެރެފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު މަޖިލީހުގެ ރިޔާސަތުން ވަކިކުރުމަށް އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުން މިއަދު ތުރީލައިން ވިޕެއް ފާސްކޮށްފިއެވެ.

މިއަދު އޮތް އެމްޑީޕީ ޕާލިމަންޓަރީ ގުރޫޕުގެ ބައްދަލުވުމަށް ނަޝީދު ވަކިކުރަން ތުރީލައިން ވިޕެއް ނެރުއްވަން ހުށަހެޅުއްވީ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމެވެ. އެ ހުށަހެޅުއްވުމަށް ތާއީދުކުރެއްވީ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުޙައްމަދު ފަލާޙެވެ.

ރޮޒައިނާގެ ހުށަހެޅުއްވުން މިއަދުގެ ބައްދަލުވުމުގައި ފާސްވީ އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އެމްޑީޕީ ޕީޖީގެ ހުރިހާ މެންބަރުންގެ އިއްތިފާޤުންކަމަށް އެމްޑީޕީން ބުނެފައިވެއެވެ.

ނަޝީދުގެ އިތުބާރުނެތްކަމުގެ މައްސަލަ އެންމެ އަވަސްވެގެން ތާވަލުކުރެވޭނީ އަންނަ އާދީއްތަދުވަހަށްކަން މަޖިލީހުގެ އިދާރާއިން މެންބަރުންނަށް މިހާރުވަނީ އަންގާފައެވެ. އެ މައްސަލާގައި ޖަވާބުދާރީވެވަޑައިގަތުމަށް 30 މިނިޓުގެ ވަގުތެއް ނަޝީދަށް އެރުވުމާއެކު، 2 ގަޑިއިރުގެ ބަހުސަށް ކަނޑައަޅަން މަޖިލީހުގެ އާންމު ކޮމިޓީން ފާސްކޮށްފައިވެއެވެ.

މާދަމާއަށް ނޯޓިސްގެ 14 ދުވަސް ހަމަވި ނަމަވެސް މާދަމާއަކީ މަޖިލީހުގެ ބައްދަލުވުން ނޯންނަ ދުވަހެކެވެ. އާދީއްތަދުވަހަކީވެސް އާންމުކޮށް މަޖިލީހުގެ ޖަލްސާތައް އޮންނަ ދުވަހަކަށްނުވާތީ ބެލެވޭ ގޮތުގައި އެ މައްސަލަ ތާވަލުކުރާނީ އަންނަ ހޯމަދުވަހަށެވެ.

މީގެ ކުރިން ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ކުރިންވެސް ރައީސް ނަޝީދުގެ އިތުބާރުނެތްކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހެޅިއެވެ. ނަމަވެސް މަޖިލީހުގެ ރައީސާއި ނައިބުރައީސްގެ އިތުބާރުނެތްކަމުގެ މައްސަލަ އެއްފަހަރާ ހުށަހެޅުމުން ރައީސާއި ނައިބުރައީސް މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވުމަށް އުޒުރުވެރިވެވަޑައިގަތުމާއެކު، އެ މައްސަލަ ކުރިއަށްނުގެންދެވުނެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އެމްޑީޕީގެ ކެންޑިޑޭޓު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ނާކާމިޔާބުވެވަޑައިގަތުމުން އެ މައްސަލަ އަނބުރާ ގެންގޮސް، ނަޝީދާއި އެމަނިކުފާނުގެ ދަ ޑިމޮކްރެޓްސްގެ ތާއީދު ހޯދަން އެމްޑީޕީން މަސައްކަތްކޮށް، އެ މަސައްކަތް ނާކާމިޔާބުވުމުން އަނެއްކާވެސް އިތުބާރުނެތްކަމުގެ މައްސަލައެއް އެ ޕާޓީން މަޖިލީހަށް ހުށަހެޅީއެވެ.

49 މެންބަރުންގެ ސޮޔާއެކު ހުށަހެޅި މައްސަލާގައި މަޖިލިސް ހިންގުމުގައި އަމިއްލަ މަސްލަހަތު އިސްކުރައްވައި، ތައައްސުބު ގެންގުޅުއްވައި ޤަވާއިދާ ޚިލާފުވެވަޑައިގަންނަވާ ކަމަށާއި، ޖަލްސާތައް ގެންދަވަނީ ޤަވާއިދާ އެއްގޮތަށް ނޫންކަމަށާއި، ނިޒާމު ނަންގަވައިލައްވަން އުޅުއްވާކަމަށް ރައީސް ނަޝީދާމެދު ތުހުމަތުކޮށްފައިވެއެވެ.

މި ލިއުމާއި ގުޅޭ