Tuesday 22nd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައްޔިތުންގެ މަޖިލީސް

އިޒްރޭލު މީހުންނާއި މުދާ ވެސް ރާއްޖެ ނުގެންނަން މެންބަރުން މަޖިލީހުގައި ގޮވައިލައިފި

މެދުނުކެނޑި އިޒްރޭލުން ފަލަސްތީނަށް ބޮން އަޅައި މުސްލިމުން ޝަހީދު ކުރަމުންދާތީ، އިޒްރޭލު ރައްޔިތުން ރާއްޖެ އައުން މަނާކޮށް އެ ގައުމުގައި އުފައްދާ މުދާ ވެސް ރާއްޖެ އެތެރެ ނުކުރަން މަޖިލީހުގެ ބައެއް މެންބަރުން މިއަދު ގޮވާލައްވައިފި އެވެ.
މެންބަރުން އެގޮތަށް ގޮވައިލީ އިޒްރޭލުން ފަސްލަތީނުގެ ބިންތައް ފޭރިގަނެ އެ ގައުމުގެ ރައްޔިތުންނަށް ދެމުންދާ އުދުވާނީ ހަމަލާ ކުށްވެރިކޮށް އެކަމުގެ ފިޔަވަޅު އެޅުމުގެ ގޮތުން އިޒްރޭލުން ދިވެހިރާއްޖެއަށް މުދާ އެތެރެކުރުން މަނާކުރުމާއި ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތް ކުރުން މަނާ ކުރަން ރައްޔިތުންގެ މަޖިލީހަށް ގަރާރަށް ބަހުސް ކުރައްވަމުންނެވެ.
ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިން ހުށަހެޅުއްވި އެ ގަރާރަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަހުސްކުރައްވަމުން ބައެއް މެންބަރުން ގޮވާލީ ރާއްޖެއިން އިޒްރޭލާ އެއްވެސް މުއާމަލާތެއް ނުކުރުމަށާއި އެފަދަ މުއާމަލާތެއް ކުރުމަކީ ވެސް މަނާ ކަމަކަށް ހެދުމަށެވެ.
ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުލް ލަތީފު ވިދާޅުވީ އިޒްރޭލު ކުށްވެރިކޮށް ބަޔާންތައް ނެރުމުގެ އިތުރުން ދެން ކުރެވެން އޮތް ކަންކަން ބަލައި އެކަންކަން ކުރަންޖެހޭ ކަމަށެވެ. އެގޮތުން އިޒްރޭލުގެ ޕާސްޕޯޓު ބޭން ކުރުމާއި އެގައުމުގެ މުދާ ރާއްޖެ އެތެރެ ނުކުރުން ފާހަގަކުރެއްވި އެވެ.
"އިޒްރޭލުގެ ޕާސްޕޯޓް ބޭންކުރުން އެއް ކަމަކަށް. އިޒްރޭލުން އެތެރެކުރާ މުދާ ހުއްޓުވައިލުން ދެވަނަ ކަމަކަށް،" ޔާސިރު ވިދާޅުވި އެވެ.
"އަޅުގަނޑުގެ ހުށަހެޅުމަކީ، ހިނގާށޭ އަޅުގަނޑުމެން އެހެން ސްޓެޕަކަށް ދާން. ގާނޫނެއްގެ ސިފައިގައި، އަޅުގަނޑުމެން ބޭނުންވާ [މި]ކަންތައްތައް ތައާރަފްކުރަން އަދި ތަންފީޒުކުރަން."
މަކުނުދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ރާއީ ވިދާޅުވީ ރާއްޖެއަށް ޓޫރިސްޓުންގެ ގޮތުގައި އިޒްރޭލު މީހުން އައުން މަނާކުރުމަކީ ދިވެހިން ރުޅިއައިސްފައި ތިބިކަން އެނގިގެން އިޒްރޭލު ސަރުކާރުން އެކަން މަނާކުރުމުގެ ކުރިން ރާއްޖޭން އަޅަން ޖެހޭނެ ފިޔަވަޅެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
އިސްރާއީލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން އިޒްރޭލުގެ ފަތުރުވެރިން ރާއްޖެ އެތެރެވިޔަ ނުދިނުމަށާއި އެ ގައުމުގެ ޕާސްޕޯޓު ރާއްޖެއިން ބޭން ކުރަން ގޮވައިލައި ގިނަ ދިވެހިން ތަކުރާރުކޮށް ސޯޝަލް މީޑިއާގައި ވެސް އަންނަނީ ގޮވާލަމުންނެވެ.
އެކަމަކު ދިވެހި ސަރުކާރުން އެގޮތަށް ނުނިންމި ނަމަވެސް، އިޒްރޭލާ ދެކޮޅު ހަރަކާތްތައް ރާއްޖޭގައި ވަރުގަދަ ވަމުން އަންނާތީ އެ ގައުމުގެ ރައްޔިތުން މި ދަނޑިވަޅުގައި ރާއްޖެ ދަތުރު ނުކުރަން އިޒްރޭލުގެ ފޮރިން މިނިސްޓްރީން މިދިޔަ ހަފްތާގައި ވަނީ އަންގާފަ އެވެ.
މި މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އިޒްރޭލުން ހުއްޓުމެއްނެތި ދެމުންދާ ހަމަލާތަކުގައި އިއްޔެގެ ނިޔަލަށް 5،000 އަށްވުރެ ގިނަ ފަލަސްތީނުގެ ރައްޔިތުން ވަނީ ޝަހީދުވެފަ އެވެ. އަދި 15,000 އަށްވުރެ ގިނަ މީހުން ޒަހަމްވެ، އެތައް ބައެއްގެ ގެދޮރު ގެއްލި ވަނީ ހާލުގައި ޖެހިފަ އެވެ.
މި ލިއުމާއި ގުޅޭ