Thursday 16th Jan 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފެނަކަ

ފެނަކައާ ގުޅުންހުރި 75 މައްސަލަ އޭސީސީން ބަލަަނީ، 20 މިލިއަން ރުފިޔާ އަނބުރާ ހޯދަން އަންގައިފި

ފަނަކަ ކުންފުންޏަށް ތުހުމަތުވާ ކޮރަޕްޝަނުގެ 75 މައްސަލައެއް އެންޓި-ކޮރަޕްޝަން ކޮމިޝަނުން ބަލަމުން އަންނަކަމަށާއި، 20 މިލިއަނަށްވުރެ ގިނަ ރުފިޔާ އެ ކުންފުންޏަށް އަނބުރާ ހޯދަން އަންގާފައިވާކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

އޭސީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފެނަކައާ ދެކޮޅަށް އެ ކޮމިޝަނަށް ހުށަހެޅުނު މައްސަލަތަކުގެ ތެރޭގައި ކުންފުނި ހިންގުމުގައި މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމައި، ހޯދައިދިނުމާ ގުޅޭ މައްސަލަތަކާއި، އުސޫލުގެ ބޭރުން މީހުންނަށް ވަޒީފާ ދިނުމާއި، ކުންފުނީގެ ޕްރޮކިއުމެންޓު އުސޫލުތަކާ ޚިލާފުވުމާއި، ފައިސާ ދުކުރުމާ ގުޅޭ އުސޫލުތަކާ ޚިލާފަށް ބައެއް ފަރާތްތަކަށް ފައިސާ ދޫކުރުމުގެ މައްސަލަތައް ހިމެނޭ ކަމަށެވެ.

އިތުރަށް އޭސީސީން ބުނެފައިވަނީ މިހާތަނަށް ތަހުގީގުކުރި ފެނަކައާ ގުޅުންހުރި މައްސަލަތަކާ ގުޅިގެން، އެ މައްސަލަތަކުގައި ހިމެނޭ، 20،504،491.54 (ވިހި މިލިޔަން ފައްސަތޭކަ ހަތަރު ހާސް ހަތަރު ސަތޭކަ ނުވަދިހަ އެއް ރުފިޔާ ފަންސާސް ހަތަރު ލާރި)، އެ ކުންފުންޏަށް ހޯދުމަށް އެ ކޮމިޝަނުން އަންގާފައިވާ ކަމަށެވެ.

އަދި ކޮމިޝަނުން ބެލި މައްސަލަތަކުގެ ތެރެއިން އިސްލާހުކުރަންޖެހޭ 92 ކަމެއް ފާހަގަކުރެވި އެކަންކަން އިސްލާހުކުރަން އޭސީސީން އަންގާފައިވާކަމަށްވެސް ކޮމިޝަނުން ބުންޏެވެ. ކޮމިޝަނުން ބުނި ގޮތުގައި އިސްލާހުކުރަން އެންގި ކަންކަމުގެ ތެރޭގައި ހިންގުމާ ގުޅޭ ކަންކަން ކުރިއަށްގެންގޮސްފައިވާ ގޮތުގެ 48 ކަމެއް އިސްލާޙުކުރުމަށާއި، ކުންފުނީގެ ސިޔާސަތުތަކާ ގުޅޭ 24 ކަމެއް އިސްލާހުކުރުމާއި، ކޮރަޕްޝަންގެ އަމަލުތަކުގެ ސަބަބުން ކުންފުންޏަށް ގެއްލިފައިވާ ފައިސާ އަނބުރާ ހޯދުމާ ގުޅޭ 6 ކަމެއް ހިމެނެއެވެ.

އޭގެ އިތުރަށް އެ ކުންފުނިން ބަލައި ތަހުގީގުކުރަންޖެހޭ ބައެއް މައްސަލަތައް ފާހަގަކުރެވިގެން އެކަންކަން ތަހުގީގުކޮށް ބެލުމަށް އޭސީސީން އެ ކުންފުންޏަށް އަންގާފައިވާކަމަށާއި، އެފަދަ 6 މައްސަލައެއް އެ ކުންފުންޏަށް ފާހަގަވި ކަމުގައި އެ ކޮމިޝަނުން ބުންޏެވެ.

އަދި ފެނަކައިގެ ހިންގުމުގައި ކޮރަޕްޝަނުގެ ރިސްކު ނުވަތަ ހިރާސްހުރި މިންވަރު ވަޒަންކޮށް، އެހިރާސްތައް ކުޑަކުރުމަށް އެޅޭނެ ފިޔަވަޅުތައް ދެނެގަނެ، ކުންފުނީގެ މައްސަލަތައް ތަހުގީގުކުރަން ދިމާވި ގޮންޖެހުންތައް ހިމެނޭ ރިޕޯޓެއް އެކުލަވައިލާ ރައީސް އޮފީހަށާއި ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެޓަޕްރައިޒަސް ކޮމިޓީއަށް ކޮމިޝަނުން ހުށަހަޅާފައިވާނެކަމަށް އޭސީސީން ބުނެފައިވެއެވެ.

މި ލިއުމާއި ގުޅޭ