Tuesday 14th Jan 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޕީޖީ އޮފީސް

ކުށް ސާބިތުވާކަމަށް ކަނޑައެޅިފަހުން މައްސަލައެއް އަނބުރާ ގެންދަން އުޅުމުން ހައިކޯޓުގެ ނުރުހުން ޕީޖީއަށް

ހައިކޯޓުގައި ބަލަމުންދާ މަސްތުވާތަކެތީގެ މައްސަލައެއްގައި ކުށް ސާބިތުވާކަމަށް ކަނޑައަޅައި، އަދަބު ކަނޑައެޅުމުގެ މަރުހަލާއަށް ވާސިލުވެފައިވަނިކޮށް އެ މައްސަލަ އަނބުރާ ގެނައުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމުމާ ގުޅިގެން ހައިކޯޓުގެ ފަނޑިޔާރުންގެ ނުރުހުން ޕީޖީ އޮފީހަށް އަމާޒުވެއްޖެއެވެ.

މަސްތުވާތަކެއްޗާއެކު މާލޭގެ ގެއަކުން ހައްޔަރުކުރި މީހެއްގެ މައްޗަށް ދައުލަތުން އުފުލި ކެނަބިސް ޓްރެފިކްކުރުމުގެ ކުށުގެ ދައުވާ ދަށު ކޯޓުގެ މަރުހަލާގައި ސާބިތުނުވުމުން އެ މައްސަލަ ހައިކޯޓުގައި ދައުލަތުން އިސްތިއުނާފުކޮށް އޭނާގެ މައްޗަށް އެ ކުށް ސާބިތުކުރުމަށް ދައުލަތުން ހެއްކާއި، އެފަދަ މައްސަލަތަކުގައި މަތީ މަރުހަލާގެ ކޯޓުތަކުން ނިންމާފައިވާ އައު މައްސަލަތައް ހުށަހަޅައި ވަކާލާތުކޮށްފައިވެއެވެ. އަދި އެ މައްސަލަ ހައިކޯޓުން ދައުލަތުން އެދުނު ގޮތަށް ދައުވާ ރައްދުވާ މީހާގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅައި ނިންމިއެވެ.

އޮކްޓޯބަރު މަހުގެ 16 ވަނަ ދުވަހުގައި ދައުވާ ރައްދުވާ ފަރާތުގެ މައްޗަށް ކުށް ސާބިތުވާކަމަށް ހައިކޯޓުން ކަނޑައަޅައި އެ ދުވަހުގެ އަޑުއެހުމުގައި އެ ކުށާ ގުޅިގެން އޭނާއަށް އިއްވާނެ އަދަބާ ގުޅޭ ގޮތުން ދެ ފަރާތުން ވާހަކަދެއްކިއެވެ. އަދި 19 އޮކްޓޯބަރުގައި ދައުލަތުންވަނީ އެ މައްސަލައިގެ ތުހުމަތުގައި އެމީހާ ބަންދުގައި ހޭދަކުރި މުއްދަތު އެނގޭނެ ލިޔުމެއް ކޯޓަށް ހުށަހަޅާފައެވެ. އެއީ ބަންދުގެ އަދަބު ކަނޑައަޅާއިރު ކުށް ސާބިތުވުމުގެ ކުރިން ބަންދުގައި ހޭދަކޮށްފައިވާ މުއްދަތު ހުކުމުގެ މުއްދަތުން އުނިކުރަންޖެހޭތީ އެކަމަށްޓަކައި ހުށަހެޅި ލިޔުމެކެވެ.

މިހުރިހާ މަރުހަލާއެއް ފުރިހަމަކުރުމަށްފަހު، އަދަބު ކަނޑައެޅުމުގެ އަޑުއެހުން މިއަދަށް ތާވަލުކޮށްފައިވަނިކޮށް އިއްޔެ (23 އޮކްޓޯބަރު) ދައުލަތުންވަނީ އެ މައްސަލަ އަނބުރާ ގެންދަން ބޭނުންވާކަން ކޯޓަށް އަންގައި ސިޓީއެއް ފޮނުވާފައެވެ. އެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު ހުޒައިފާ މުހައްމަދު ވިދާޅުވީ، އެ ސިޓީގައި ޕީޖީ އޮފީހުން ބުނެފައިވަނީ 19 އޮކްޓޯބަރުގައި މައްސަލަ ރައްދުވާ ފަރާތުގެ މަންމަގެ ފަރާތުން އެ އޮފީހަށް ފޮނުވި ސިޓީއަކާ ގުޅިގެން އެ މައްސަލަ އިތުރަށް ދިރާސާކުރުމުން އެ މައްސަލަ އިތުރަށް ކުރިއަށްގެންދިއުމުގެ އާންމު މަސްލަހަތެއް ނެތްކަމަށް ޤަބޫލުކުރެވުމުން މައްސަލަ އަނބުރާ ގެންދަން ނިންމީ ކަމަށް ކަމުގައެވެ.

ފަނޑިޔާރު ހުޒައިފާ އިތުރަށް ވިދާޅުވީ މި މައްސަލައަކީ ކުރިމިނަލް ކޯޓުން ދައުވާ ލިބޭ ފަރާތުގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ކަނޑައެޅުމާ ގުޅިގެން، އެ މައްސަލަ އިސްތިއުނާފުކޮށް ހުށަހަޅާފައިވާ މައްސަލައެއް ކަމަށެވެ. އަދި ކުރިމިނަލް ކޯޓުގެ ނިންމުން ގޯސްކަން ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ޤާނޫނީ ނުކުތާތަކަށް ބާރުދިނުމަށް މަތީ މަރުހަލާގެ ކޯޓުތަކުން ނިންމާފައިވާ ފަހުގެ ނިންމުންތައް ދައުލަތުން ހުށަހަޅައި އެ ނިންމުންތަކުންވެސް ދައުވާ ރައްދުވާ މީހާގެ މައްޗަށް ކުށް ސާބިތުވާނެކަމަށް ވަކާލާތުކޮށްފައިވާ ކަމަށެވެ.

ދައުލަތުގެ ޤާނޫނީ ނުކުތާތަކުގެ ޞައްޙަކަން ކަށަވަރުވާ ގޮތަށް އަދި ދައުލަތުގެ ވަކާލާތުކުރި ގޮތަށް މައްސަލަ ސާބިތުވާކަމަށް ނިންމައި، ޤާނޫނުގައި ބަޔާންކުރާ ގޮތަށް އަދަބު ކަނޑައަޅައިދިނުމަށް ދައުލަތުން އެދި އެކަމަށް ބޭނުންވާ ދައުވާ ރައްދުވާ މީހާ ބަންދުގައި ހުރި މުއްދަތު އެނގޭނެ ލިޔުންވެސް ހުށަހެޅުމަށްފަހު އާންމު މަސްލަހަތަށް ކަމުގައި ބުނެ މައްސަލަ އަނބުރާ ގެންދަން ދައުލަތުން އެދުނުއިރު ދައުލަތުން ހަވާލާދޭ އާންމު މަސްލަހަތަކީ ސާފުވާ ކަމެއް ނޫންކަމަށް ހުޒައިފާ ވިދާޅުވިއެވެ.

"[ދައުވާ ރައްދުވާ މީހާ]ގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައެޅުމުގެ ކުރިން ދައުވާކުރުމުގެ އާންމު މަސްލަހަތު ނެތްކަމަށް ހުށަހެޅުމުގެ ފަހި ފުރުސަތު ދައުލަތަށް ލިބުނު. އެހެނަސް މިފަދަ ހުށަހެޅުމެއް ދައުލަތުން ހުށަހަޅާފައިނުވޭ،" ފަނޑިޔާރު ހުޒައިފާގެ ރައުޔަ އިއްވަވަމުން ވިދާޅުވިއެވެ.

ފަނޑިޔާރު ހުޒައިފާ އިތުރަށް ފާހަގަކުރެއްވީ ކުށް ސާބިތުވާކަން ނުވަތަ ނޫންކަން ކަނޑައެޅުމަކީ ހުކުމުގެ ބައެއްކަން ޖިނާއީ އިޖުރާއާތުން އެނގޭއިރު، އެބައި ނިންމުމަށްފަހު ދެން ޤާނޫނުން ކުރަހައިދީފައިވާ ހަމައެކަނި މަގަކީ އޭނާގެ މައްޗަށް ކުށް ސާބިތުވާ ހާލަތުގައި އަދަބު ކަނޑައެޅުން ކަމަށެވެ. އަދި ކުށް ސާބިތުވާކަމަށް ކަނޑައެޅުމާއި އަދަބު ކަނޑައެޅުމުގެ ދެމެދުގައި ކުރެވޭނެ ހަމައެކަނި ކަމަކީ އޭނާ ބަންދުގައި ބަހައްޓަން އަމުރުކުރުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަދި މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ކުށަކީ ޖިނާއީ އިޖުރާއާތުގެ ޤާނޫނުގައި ބޮޑު ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކަމެއްކަން ފާހަގަކުރައްވައި ފަނޑިޔާރު ހުޒައިފާ ވިދާޅުވީ، އެފަދަ ކުށެއް ސާބިތުވާ ހާލަތުގައި އެކަމަށް އަދަބު ކަނޑަނާޅައި ދޫކޮށްލުމަކީ އެކަމުގެ ސަބަބުން ޕީޖީ އޮފީހުން ފާހަގަކުރާ އާންމު މަސްލަހަތަށްވުރެ އިސް އަދި މުހިއްމު މުޖުތަމައުގެ މަސްލަހަތުތަކަށް އުނިކަން އަންނާނެ ކަމެއްކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. ޙައްޤު އަދަބު ކަނޑަނޭޅުމަކީ އަދުލު އިންސާފު ބޮލާލައިޖެހުން ކަމަށްވެސް ފަނޑިޔާރު ހުޒައިފާ ވިދާޅުވިއެވެ.

އެ ހުރިހާ ކަމެއްގެ މައްޗަށް ބިނާކުރައްވައި ފަނޑިޔާރު ހުޒައިފާ ވިދާޅުވީ އެ މައްސަލަ އަނބުރާ ގެންދެވިދާނެ ކަމުގައި ދެކެވަޑައިނުގަންނަވާ ކަމަށެވެ. އެހެންކަމުން މައްސަލަ ރައްދުވާ މީހާ ބަންދުގައި ހޭދަކޮށްފައިވާ ޖުމްލަ 3 އަހަރާއި 2 މަހާއި 10 ދުވަސް އުނިކުރުމަށްފަހު އޭނާގެ މައްޗަށް 21 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަންޖެހޭ ގޮތަށް މައްސަލަ ބެއްލެވި ފަނޑިޔާރުން ހުކުމްކުރެއްވީ މައްސަލަ ރައްދުވާ މީހާ އުމުރަށް ޖަލަށްލުމަށެވެ.

މި ލިއުމާއި ގުޅޭ