Sunday 25th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ސޯލިހް

ރައީސް އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގެ ރަސީދުތައް ސިއްރުކުރަން ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިގަނެފި

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު އދގެ އާންމު މަޖިލީހުގައި ތަޤުރީރުކުރެއްވުމަށް 2021 ވަނަ އަހަރު އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގެ ރަސީދުތައް ހޯދުމަށް "ދިޔަރެސް"އިން ހުށަހެޅުމުން އެ މައުލޫމާތު ހިފަހެއްޓުމަށް ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިގަތުމަށް އެ ކޯޓުން ނިންމައިފިއެވެ.

ރައީސް އިބްރާހީމް 2021 ވަނަ އަހަރު އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުންނާއި އެ ދަތުރުގެ ހަރަދުތަކުގެ ހިސާބުތަކުގެ ސައްހަކަން ކަށަވަރުކުރުމަށް ދަތުރުގެ ރަސީދުތައް ހޯދުމަށް، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން "ދިޔަރެސް" އިން އެދުމުން އެ މައުލޫމާތު ހާމަކުރަން ސަރުކާރުން އިންކާރުކުރިއެވެ.
އެކަން ދިިޔަރެސް އިން އިލްތިމާސްކުރުމުން އިންފޮމޭޝަން ކޮމިޝަނަރު ނިންމީ އެ މައުލޫމާތަކީ ހާމަކުރަންޖެހޭ މައުލޫމާތު ކަމަށެވެ. އަދި އެ މައުލޫމާތު ހާމަކުރާއިރު އުނިކުރަންޖެހޭ ކަމެއް ހުރިނަމަ އެކަމެއް އުނިކުރުމަށްފަހު އެ މައުލޫމާތެއް ހާމަކުރުމަށް އައިކޮމްއިން އެންގި އެވެ.
އައިކޮމްގެ އެ ނިންމުން ރައީސް އޮފީހުން ހައިކޯޓުގައި އިސްތިއުނާފުކުރުމުން އެ ކޯޓުން ވެސް މިދިޔަ މެއި މަހު ކުރި ހުކުމުގައި ވަނީ އިންފޮމޭޝަން ކޮމިޝަނަރުގެ އެންގުމަށް ތާއީދުކޮށްފަ އެވެ.

އެ މައްސަލަ ހައިކޯޓުގައި ދައުލަތާ ދެކޮޅަށް ނިމުމުން ދައުލަތުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅިއެވެ. އެކޯޓުގެ ރަޖިސްޓަރާ އެންމެ ފުރަތަމަ ނިންމެވީ އެ މައްސަލަ ހުށަހެޅުމުގައި ހައިކޯޓުގެ ނިންމުމަކީ ގޯސް ނިންމުމެއްކަމަށް ބަޔާންކުރާ ސަބަބެއް ދައުލަތުން ހުށަހަޅާފައި ނެތުމުން އެ މައްސަލަ ބަލައިގަންނަންނުޖެހޭ ކަމަށެވެ.

ނަމަވެސް ސުޕްރީމް ކޯޓުގެ ރަޖިސްޓަރާގެ އެ ނިންމުން އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގައި ދައުލަތުން އިސްތިއުނާފުކުރުމުން ރަޖިސްޓަރާގެ ނިންމުން މުރާޖައާކުރުމަށްފަހު ކޯޓުގެ ފަނޑިޔާރުގެ މަޖިލީހުން ނިންމަވާފައިވަނީ އެ މައްސަލާގައި ޚުޞޫމަތު އުފެދޭ ޤާނޫނީ ސުވާލެއް އޮތުމުން އެ މައްސަލައަކީ ސުޕްރީމް ކޯޓުން ބަލަންޖެހޭނެ މައްސަލައެއް ކަމަށެވެ.

ރިޔާސީ އިންތިޚާބުގައި ރައީސް އިބްރާހީމް ވިދާޅުވެފައިވަނީ އެމަނިކުފާނުގެ ސަރުކާރަކީ އެންމެ ހާމަކަންބޮޑު ގޮތެއްގައި ހިންގާފައިވާ އެއްވެސް މައުލޫމާތެއް ނުފޮރުވައި ހާމަކުރަމުންދިޔަ ސަރުކާރެއް ކަމަށެވެ. ނަމަވެސް މިފަދަ މުހިއްމު ގިނަ މައުލޫމާތުތަކެއް ހާމަނުކޮށް ހިފަހެއްޓުމަށް ސަރުކާރުންވަނީ ކޯޓުތަކަށް މައްސަލަ ހުށަހަޅާފައެވެ.

މި ލިއުމާއި ގުޅޭ