އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު އެކުލަވައިލެއްވުމުގައި އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އެންމެ ބޮޑަށް ސަމާލުކަން ދެއްވީ ބައިނަލްއަޤުވާމީ މުޖުތަމަޢުން ބަލައިގަންނަ މިންގަނޑެއްގެ ތެރޭގައި ދައުލަތުގެ ބަޖެޓު ހިފަހެއްޓެވުމަށް ކަމުގައި އެމަނިކުފާނު ބަޖެޓު މަސައްކަތްތަކަށް އެކުލަވައިލެއްވި ކޮމިޓީގެ މެންބަރު އަދި ޕީޕީއެމްގެ ނައިބުރައީސް މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
ރޭ ސަންގުޓީވީގެ ޕްރޮގުރާމެއްގައި ވާހަކަދައްކަވަމުން ޣައްސާން ވިދާޅުވީ ބަޖެޓުގެ މަސައްކަތް ޑރ.މުޢިއްޒު ފެއްޓެވީ ބައިނަލްއަޤުވާމީ މުޖުތަމަޢުގެ އިތުރުން، ދިވެހިރާއްޖޭގެ ކްރެޑިޓް ރޭޓިން ހަދާ ކުންފުނިތަކުން ބަލައިގަންނަ އަދި ޤަބޫލުކުރާ މިންގަނޑުގެ ތެރެއަށް ބަޖެޓު ގެންނެވުމުގެ އަމާޒުގައި ކަމަށެވެ. އަދި އެ އަމާޒަކީ ރާއްޖޭގެ ދަރަނި ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ޖެހޭ މިންވަރު ކުޑަކުރުން ކަމަށްވެސް ޣައްސާން ވިދާޅުވިއެވެ.
ޣައްސާން ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގެ ދަރަނި ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން މިހާރު އޮތީ ވަރަށް ބޮޑަށް މަތީގައެވެ. ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ ކްރެޑިޓު ރޭޓިން ހަދާ އެޖެންސީތައްކަމަށްވާ ފިޗާއި މޫޑީސްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކޮށްފައިވާކަން ފާހަގަކުރައްވައި ޣައްސާން ވިދާޅުވީ އެކަމުގެ ހައްލަކީ ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނި ކުޑަކުރުން ކަމަށެވެ.
"އެންމެ ފުރަތަމަކަމަށް ރައީސް [ޑރ.މުޢިއްޒު] ނިންމަވާފައިވަނީ، މިހާރު އިންތިޚާބީ ރައީސްގެ އޮފީހުން ހާމަކުރައްވާފައިވަނީ، 49 ބިލިއަން ރުފިޔާގެ ރޭންޖުގައި ބަޖެޓު ހިފަހައްޓަވަން. އެއީ އެންމެ ފުރަތަމަ ރައީސް ނިންމެވި ކަމަކީ،" ޣައްސާން ވިދާޅުވިއެވެ.
މިހާރު ހިނގަމުންދާ ސަރުކާރުން ޑރ.މުޢިއްޒުގެ ސަރުކާރަށް މަސައްކަތްތައް ވާރުތަވުމަކީ އެމަނިކުފާނު ބޭނުންފުޅުނުވެގެން ހިނގާކަމެއް ނޫންކަމަށާއި، މި ސަރުކާރުން ފަށާފައިވާ އެއްވެސް މަޝްރޫޢެއް މެދުކަނޑައިނުލެއްވުމަކީ އިންތިޚާބީ ރައީސްގެ ވައުދުފުޅެއްކަމުގައި ޣައްސާން ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މި ސަރުކާރުން ފަށާފައިވާ މަސައްކަތްތައް ކުރިއަށް ގެންގޮސް ނިންމައިލުމަކީ ޑރ.މުޢިއްޒުގެ ސަރުކާރުގެ އެޖެންޑާގައި އޮތް ކަމެއް ކަމަށެވެ.
އަދި ޑރ.މުޢިއްޒު ހިންގަވަން ބޭނުންފުޅުވާ މަޝްރޫޢުތަކުގެ ތެރެއިން އެންމެ މުހިއްމު މަޝްރޫޢުތައް އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާ ބަޖެޓުގައި މިހާރު ހިމަނާފައިވާނެ ކަމަށް ޣައްސާން ވިދާޅުވިއެވެ. އޭގެ އިތުރަށް ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހާސިލުކުރަން ބޭނުންވާ ކަންކަމަށް ބޭނުންވާ 200 މިލިއަނެއްހައި ރުފިޔާ މިހާރު މަޖިލީހަށް ހުށަހަޅާފައިވާ ސަޕްލިމަންޓަރީ ބަޖެޓުގައި ހިމަނާފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޣައްސާން އިތުރަށް ވިދާޅުވީ ޑރ.މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމުން ރައްޔިތުން ވަރަށް ބޮޑަށް ހިތްޕުޅުހަމަޖެހޭނެ މަންޒަރެއް ފެނިގެންދާނެ ކަމަށެވެ. އެގޮތުން ބަޖެޓު ކުޑަވި ނަމަވެސް ކަންކަން ކުރާނެ ގޮތް އެނގިވަޑައިގަންނަވާ ވެރިޔަކު ވެރިކަމާ ހަވާލުވެވަޑައިގަތުމުން ބޭނުންވާ ކަންކަން ރަނގަޅަށް ހިނގާތަން ފެނިގެންދާނެ ކަމަށް ޣައްސާން ވިދާޅުވިއެވެ.