ޔޫރަޕުގައި ޚަބަރުތައް އާންމުންނަށް ގެނެސްދޭ އެންމެ ބޮޑު އެޕްލިކޭޝަންކަމަށްވާ އަޕްޑޭއިން އިސްރާއީލުން ދެމުންދާ ހަމަލާތަކުގައި ފަލަސްޠީނުގެ ރައްޔިތުން މަރުވަމުންދާ އަދަދުތައް ރަނގަޅަށް ގެނެސްނުދިނުމަށް ބާރުއަޅަމުންދާކަން ހާމަވެއްޖެއެވެ.
ޖަރުމަނުގައި ޤާއިމުވެފައިވާ ޕަބްލިޝިން ކުންފުނި އެކްސެލް ސްޕްރިންގާގެ ސަބްސިއަޑިރީ ކުންފުންޏެއްކަމުގައިވާ އަޕްޑޭގެ އިސްވެރިން އިސްރާއީލުގެ މަންޒޫރުން ޚަބަރުތައް ގެނައުން އިތުރުކުރުމަށާއި، ފަލަސްޠީނުގެ އާންމުން ޝަހީދުވުމާ ގުޅޭ ޚަބަރުތައް ކަވަރުކުރާ މިންވަރު މަދުކުރުމަށް މުވައްޒަފުންނަށް އަންގާފައިވާކަމަށް އެ ކުންފުނީގެ މުވައްޒަފުންނާ ހަމަލާދީ "ދަ އިންޓާސެޕްޓު"ން ރިޕޯޓުކޮށްފިއެވެ.
"އަހަރުމެންނަށް ފަލަސްޠީނުގެ މީހުން މަރުވާ އަދަދުގެ ވާހަކަތައް ގެނެވޭނީ ހަމައެކަނި އިސްރާއީލުގެ ނަޒަރިއްޔާއިން ޚަބަރުގެ ބޮޑުބައެއް ގެނެސްދޭނަމަ،" އެ ކުންފުނީގެ މުވައްޒަފަކު އިންޓާސެޕްޓަށް މައުލޫމާތުދެމުން ބުނެފައިވެއެވެ. އަދި އެ މުވައްޒަފު އިތުރަށް ބުނީ އަޕްޑޭގެ އިސްވެރިންގެ ނިންމުމާ ގުޅިގެން ވަރަށް ފުޅާ ދާއިރާއެއްގައި ހިތްހަމަނުޖެހުން އެބައޮތް ކަމަށެވެ.
ނަމަވެސް އެ ތުހުމަތުތައް އަޕްޑޭގެ މައި ކުންފުނިކަމަށްވާ އެކްސެލް ސްޕްރިންގާގެ ތަރުޖަމާން ޖޫލިއާ ސޮމާފެލްޑް ދޮގުކުރެއްވިއެވެ. އޭނާ ވިދާޅުވީ ޣައްޒާގައި މަރުވާ އާންމުންގެ ޚަބަރުތައް ނުގެނައުމަށް އަދި ޚަބަރު ކަވަރުކުރާ ގޮތް މެނިޕިއުލޭޓުކުރަން އެ ކުންފުނިން އަންގާފައިނުވާނެ ކަމަށެވެ.
އެހެންނަމަވެސް އިންޓަސެޕްޓުން ބުނެފައިވަނީ އެ ކުންފުނީގެ އިމާރާތަކުގައި ކުންފުނީގެ ސީއީއޯ ތޯމާސް ހާޝްގެ ބޮޑު ފޮޓޯއެއް ކައިރީގައި އިސްރާއީލުގެ ދިދަ ފެންނަން ހުންނަ ކަމަށެވެ. އެކަމާ ގުޅިގެން އެ ކުންފުނިން ރަސްމީކޮށް އެއްވެސް ބަހެއް ބުނެފައިނުވެއެވެ.
މި މައްސަލައާ ގުޅިގެން ވާހަކަދައްކަވަމުން ކެލިފޯނިއާ ސްޓޭޓް ޔުނިވާސިޓީގެ ޕްރޮފެސާ އަޙްލާމް މުހްތަސަބް ވިދާޅުވެފައިވަނީ ފަލަސްޠީނާމެދު ރަޙުމާއި ކުލުނުގެ އިހުސާސް އުފެދިދާނެ ހުރިހާ ޚަބަރުތަކެއް ގެއްލުވައިލުމަށް ހުޅަނގުގެ މީޑިއާއިން މަސައްކަތްކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އިންޓަސެޕްޓަށް މައުލޫމާތު ދިން އަޕްޑޭގެ މުވައްޒަފުން ބުނެފައިވަނީ ފަލަސްޠީނާ އެއްކޮޅު ސުރުޚީތަކެއް ކަމުގައި ބެލެވިދާނެ އެއްވެސް ޚަބަރެއް ނުލިޔުމަށް އަޕްޑޭއިން އަންގާފައިވާކަމަށެވެ. އަދި ފަލަސްޠީނު ރައްޔިތުންގެ އިންސާނީވަންތަކަން ގެއްލިގެންދާނެ ގޮތަށް އިސްރާއީލުގެ އިސްވެރިން ދައްކާ ވާހަކަތައް ގެންނައިރު ޙަމާސްއިން ހިންގިކަމަށް އިސްރާއީލުން ބުނާ ނިރުބަވެރި އަމަލުތަކުގެ ނުބައިކަން ފާހަގަކޮށް އެކަމަށް ބޮޑު ސަމާލުކަން ދޭންޖެހޭ ކަމަށްވެސް އެ މުވައްޒަފުން ބުންޏެވެ.
އަދި އެ ކުންފުނިން މުވައްޒަފުންނަށް އަންގާފައިވާ އަނެއްކަމަކީ ފަލަސްޠީނުގެ މިނިވަންކަމަށް ޖިހާދުކުރާ އެއްވެސް ގުރޫޕަކުން ނެރޭ ބަޔާނަކަށް ސުރުޚީ ނުހެދުމެވެ.