ސަރުކާރުގެ އިދާރާތަކާއި ދައުލަތުގެ ކުންފުނިތަކުގައި ހުރި ލިޔެކިޔުން އިންތިޤާލީ މަރުހަލާގައި ނައްތައިލުމުގެ މަސައްކަތްކުރަނީ ގޯސްތައް ހެދިފައިހުރުމުން، އެކަންކަން ފޮރުވަންކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ވިދާޅުވެއްޖެއެވެ.
އިންތިޚާބުތަކަށް ސަރުކާރުން ނުފޫޒު ފޯރުވުން ހުއްޓުވުމަށް ގޮވައިލާ ދަ ޑިމޮކްރެޓްސްގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ހުށަހެޅުއްވި ޤަރާރަށް ވާހަކަދައްކަވަމުން އިލްޔާސް ވިދާޅުވީ ބައެއް ކުންފުނިތަކުގައި ހުރި ލިޔެކިޔުންތައް ތިލަފުއްޓަށް ގެންގޮސް ކޮންކުރީޓު ގަށާ މެޝިނަށް އަޅައިގެން ނައްތާލާ ވާހަކައާއި، ސަރުކާރުގެ ބައެއް އޮފީސްތަކުގއި ހުރި ލިޔެކިޔުންތައް ޕިކަޕަކަށް ލައިގެން ގެންގޮސް ނައްތައިލަން އުޅޭ ވާހަކަ މީޑިއާތަކުން ފެނިފަވަޑައިގެންނެވި ކަމަށެވެ.
ތިލަފުށީގައި ހުންނަ އެފްއެސްއެމްގެ ޖެޓީ ކައިރީގައި ކޮންކުރީޓު ގަށާ މެޝިނެއް ބަހައްޓައިގެން އެ މެޝިނަށް އެ ކުންފުނީގެ ލިޔެކިޔުންތައް އަޅައި ނައްތައިލުމުގެ މަސައްކަތްކުރާ މަންޒަރު ކުންފުނީގެ މުވައްޒަފަކުވަނީ ވީޑިއޯކޮށް "ދިޔަރެސް"އާ ހިއްސާކޮށްފައެވެ. އެ މައްސަލާގައި އިއްޔެ އޭނާވަނީ ވަޒީފާއިން ސަސްޕެންޑުކޮށްފައެވެ. އަދި އެ މައްސަލައާ ގުޅިގެން މިހާތަނަށް އެފްއެސްއެމްއިން އެއްވެސް ބަހެއް ބުނެފައިނުވެއެވެ.
ސަރުކާރުގެ އެއްވެސް ލިޔުމެއް އިންތިޤާލީ މަރުހަލާގައި ނައްތައިލުމަކީ ރަނގަޅުކަމެއް ނޫންކަން ފާހަގަކުރައްވައި އިލްޔާސް ވިދާޅުވީ ދެން އަންނަ ސަރުކާރަކުން ބަލަން ބޭނުންވާ ހާލަތުގައި ބެލޭނެ ގޮތަށް ދައުލަތުގެ ހުރިހާ ލިޔެކިޔުންތަކެއް ހުންނަންޖެހޭނެ ކަމަށެވެ. "ސަރުކާރުގައި ހުންނަ ޑޮކިއުމެންޓަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި ހުންނަ ޑޮކިއުމެންޓަކީ އަމާނާތްތެރިކަމާއެކު ރައްކާތެރިކުރަންޖެހޭ ތަކެތި. ބަލަހައްޓަންޖެހޭ ތަކެތި،" އިލްޔާސް ވިދާޅުވިއެވެ.
އިތުރަށް އިލްޔާސް ވިދާޅުވީ، އޮޑިޓުތަކާއި ތަހުގީގުތަކުގައި އަދި ކުންފުނި އިތުރަށް ކުރިއަރުވަން ބޭނުންވާ ހާލަތުގައި ބޭނުންކުރެވޭ ގޮތަށް އެހުރިހާ ލިޔެކިޔުންތައް ހުންނަންޖެހޭނެ ކަމަށެވެ. އަދި އޭނާ ވިދާޅުވީ ލިޔެކިޔުންތައް ނައްތައިލަން މަސައްކަތްކުރާ ކުރުމަކީ ގޯސްތަކެއް ހަދާފައިހުރިކަން އަދި އެ ގޯސްތައް ފޮރުވައި ސިއްރުކުރަން މަސައްކަތްކުރާކަން ދޭހަވާ ކަމެއް ކަމަށެވެ.
އިތުރަށް އޭނާ ފާހަގަކުރެއްވީ ސަރުކާރުތައް ބަދަލުވާ ހާލަތުގައި އޮމާންކަމާއެކު ސަރުކާރު ބަދަލުވުމަށްޓަކައި ނިމިގެންދާ ސަރުކާރުގެ ހުރިހާ ލިޔެކިޔުންތަކެއް އަލަށް އަންނަ ސަރުކާރަށް ބެލޭނެ ގޮތަށް ހުންނަންވާނެ ކަމަށެވެ. އިލްޔާސް ފާހަގަކުރެއްވީ ސަރުކާރު ބަދަލުވާ ހާލަތުގައި އަލަށް އަންނަ ސަރުކާރަށް ހަމަޖެހިގެން މަސައްކަތްކުރަން ފުރުސަތު ލިބުމުގެ މުހިއްމު ކަމެވެ. އަދި އެޖާގައަކީ ކޮންމެހެން އޮންނަންޖެހޭނެ ކަމެއް ކަމެވެ.
އަދި މިކަންކަން ފާހަގަކުރައްވައި އިލްޔާސް ވިދާޅުވީ ސަރުކާރު ކުންފުނިތައް ހިންގުމަށް ޚާއްޞަ ޤާނޫނެއް އޮވެގެން ސަރުކާރު ކުންފުނިތަކުގެ މައްޗަށް ސަރުކާރުގެ ސިޔާސީ ނުފޫޒު އޮންނަ މިންވަރު ކުޑަކުރެވޭނެ ގޮތަށް ޤާނޫނީ އޮނިގަނޑު ބައްޓަންކުރުން މުހިއްމު ކަމަށެވެ.