Thursday 18th Jul 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ

މިފަހަރު އިމްރާނުގެ ނުސީދާ ތުހުމަތެއް އަލީ ރަމީޒަށް

އިސްލާމީ ދައުވަތު ފެތުރުމުގެ މަސައްކަތުގައި އަމަލީ ގޮތުން މަސައްކަތްކުރާ އަލީ ރަމީޒަށް ނުސީދާ ތުހުމަތެއް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަމާޒުކުރައްވައިފިއެވެ.

އަލީ ރަމީޒަށް އިމްރާނުގެ ތުހުމަތު އަމާޒުކުރެއްވީ އަދާލަތު ޕާޓީގެ މަޤުބޫލުކަން ކުޑަވެފައިވާ ދަނޑިވަޅެއްގައި ފަލަސްޠީނު ރައްޔިތުންގެ ޙައްޤުގައި ކުރަންޖެހުނު ކޮންމެ ކަމެއް ކުރައްވާނެކަމަށް ވިދާޅުވެ އިމްރާނު ދެއްކެވި ވާހަކަފުޅަކަށް އަލީ ރައްދުދެއްވުމާ ގުޅިގެން ހިތްފުޅުހަމަނުޖެހިގެންނެވެ.

އަލީ ރަމީޒު މިފަދައިން ވިދާޅުވީ 2021 ވަނަ އަހަރު ޞަހުޔޫނީ ދައުލަތުން ޣައްޒާއަށް ދިން ހަމަލާތަކުގައި 60 އަށްވުރެ ގިނަ ފަލަސްޠީނު ރައްޔިތުން ޝަަހީދުކޮށްލުމާ ގުޅިގެން ޒުވާނުންގެ އިސްނެގުމަށް މާލޭގައި އެއިރު ބޭއްވި ސައިކަލު ބުރެއް ފުލުހުން ލައްވައި ހުއްޓުވި މައްސަލައަށް އިޝާރާތްކުރައްވައި ކުރެއްވި ޓުވީޓެއްގައެވެ.

އެ ޓުވީޓުގައި އަލީ ވިދާޅުވީ އާރާއިބާރު އޮތް ދުވަހު އަނިޔާވެރި އިސްރާއީލާ ދެކޮޅަށް ބޭއްވި ސައިކަލު ބުރު ހުއްޓުވާފައިވާ އާރާއިބާރު ނެތިދާން ފެށުމުން ނިކުމެ ފަލަސްޠީނޭ ފަލަސްޠީނޭ ނިކުންނާވީ އެއްވެސް ގޮތެއް ފޮތެއް ނެތުމުން ކަމަށެވެ.

އިމްރާން ގެންދަވަނީ ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނަށް ގުޅުއްވައި މިހާރު ފަލަސްޠީނާއެކު ދިވެހިން ހަރަކާތުގައި އިސްކޮށް އުޅެނީ ހަރުކަށި ފިކުރުގެ މީހުންކަމަށް ތުހުމަތުކުރައްވައި އަދާލަތާއެކު އެ ޕާޓީ އިސްސަފުގައި އޮވެގެން ފަލަސްޠީނަށް ތާއީދުކޮށް މަސައްކަތްކުރުމަށް އެދިވަޑައިގަންނަވަމުންނެވެ.

ގިނަ ބަޔަކު ޤަބޫލުކުރާ ގޮތުގައި އިމްރާނުގެ އަދާލަތު ޕާޓީގެ މަޤުބޫލުކަން ވަރަށް ބޮޑަށް ނެތެމުންދާ މިދަނޑިވަޅުގައި އޭނާ ފަލަސްޠީނުގެ މައްސަލަ ބޭނުންކުރައްވަނީ އެ ޕާޓީ ވަޅުޖެހިފައި އޮތް އޮތުމުން ސަލާމަތްކޮށް ތާއީދު އިތުރުކުރުމުގެ މަގެއްގެ ގޮތުގައެވެ.

އަލީ ރަމީޒު އިމްރާނަށް ރައްދުދެއްވުމާ ގުޅިގެން ހިތްޕުޅުހަމަނުޖެހިގެން މިއަދު ކުރެއްވި ޓުވީޓެއްގައި އިމްރާނު ވިދާޅުވީ އަލީ އަކީ ކީއްކުރާ މީހެއްކަން އޭނާއަށް އެނގިވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް އެ ވާހަކަތައް ނުދައްކަވާކަމަށާއި ދެންވެސް ނުދައްކަވާނެ ކަމަށެވެ.

އަލީ ކުރައްވަނީ ކޮން ކަމެއްކަން ވިދާޅުނުވެ ކޮންމެވެސް ނުބައިކަމެއް ކުރައްވާކަން ނުސީދާ ގޮތެއްގައި ދޭހަވާ ގޮތަށް އިމްރާނު ވާހަކަދައްކަވާފައިވަނީ އެމްޑީޕީން އަލީ ރަމީޒާ ގުޅުވައި ދައްކައި ވާހަކަތަކަށް ބާރުދެއްވުމުގެ ގޮތުންކަމަށް ބެލެވެއެވެ.

މީގެ ކުރިން އިދިކޮޅު ލީޑަރު ރައީސް ޢަބްދުﷲ ޔާމީނުގެ އިސްތަށިފުޅުގައި ޤަތުލުގެ ބޮޑު ތުހުމަތު އެޅުވުމަށްފަހު އެކަމަށް އިމްރާނު އެއްވެސް ހެއްކެއް ދައްކަވާފައިނުވެއެވެ. ފަސް އަހަރު ހޯމް މިނިސްޓަރުކަމުގައި ހުންނެވިއިރު އެކަން ސާބިތުކޮށްވެސް ނުދެއްވުނެވެ. އަދި ސިޔާސީ ބައެއް ލީޑަރުންނާއި މަސްތުވާތަކެތީގެ ނެޓްވޯކުތަކާ ގުޅުން އޮންނަކަމަށް ވިދާޅުވުމަށްފަހު ދައުރު ނިމެންދާއިރުވެސް އެއީ ކޮން ބޭފުޅުންތަކެއްކަން އޭނާއަށް ވިދާޅުވެދެވިފައިނުވެއެވެ.

ހަމައެހެންމެ ނިމުނު ރިޔާސީ އިންތިޚާބުގައި އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ ކެމްޕެއިނަށް ޚަރަދުކުރަނީ ގޭންގުތަކުންކަމަށް ވިދާޅުވެ ބޮޑެތި ތުހުމަތުތައް އިމްރާނު ހާމަކުރެއްވި ނަމަވެސް އެއިން ތުހުމަތެއް ތަހުގީގުކޮށް ފިޔަވަޅެއް ނާޅުއްވައެވެ. އަދި ހެއްކެއްވެސް މީހަކަށް ދައްކަވާފައިނުވެއެވެ.

އިމްރާނަކީ ސިޔާސީ ބޭނުމަށް މީހުންގެ ބޮލުގައި ބޮޑެތި ތުހުމަތުތައް އަޅުއްވައި އެއިން ތުހުމަތަކަށް ބުރަދަން ލިބޭނެ އެއްވެސް ހެއްކެއް ނުދައްކަވާ ބޭފުޅެއްކަމުން ގިނަ ބަޔަކު އޭނާއާމެދު ނުރުހުން ފާޅުކުރެއެވެ.

މި ލިއުމާއި ގުޅޭ