Wednesday 28th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޑރ.ޖަމީލު

އިސްރާއީލުން ހިންގާ ހަނގުރާމައިގެ ޖަރީމާތަކަށް ހިތްވަރުދީ ގިނަ ޑިމޮކްރަސީތަކުގެ ނިފާގުކަން ދައްކައްދީފި: ޑރ.ޖަމީލު

އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ އިންސާނިއްޔަތާ ޚިލާފު ހަނގުރާމައިގެ ޖަރީމާތަކަށް ހިތްވަރުދީ ޑިމޮކްރަސީތައްކަމަށް ދައުވާކުރާ ގިނަ ޤައުމުތަކުގެ މުނާފިޤުކަން ސާފުކޮށް ދައްކުވައިދީފައިވާކަމަށް ކުރީގެ ނައިބުރައީސް ޑރ.މުޙައްމަދު ޖަމީލު އަޙްމަދު ވިދާޅުވެއްޖެއެވެ.

އިސްރާއީލުން ޣައްޒާއަށް ދެމުންދާ ޙަމަލާތަކާއި ހިންގަމުންދާ ޖަރީމާތަކާ ގުޅިގެން ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ޑރ.ޖަމީލު ވިދާޅުވީ އިސްރާއީލުން ޣައްޒާގައި ހިންގާފައިވަނީ އިންސާނީ ޙައްޤުތަކަށް އަރައިގަތުމުގެ ބޮޑެތި ޖަރީމާތަކެއް ކަމަށެވެ. އޭގެ ތެރޭގައި ހޮސްޕިޓަލަކަށް ހަމަލާދީ އެތައް ސަތޭކަ ބަޔަކު ޝަހީދުކުރުން ހިމެނޭކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އިތުރަށް ޑރ.ޖަމީލު ވިދާޅުވީ މި ޖަރީމާތަކާ ގުޅިގެން އިސްރާއީލާއި އެ ދައުލަތުގެ ލީޑަރުން އިންސާފުގެ ކުރިމައްޗަށް ގެންނަންޖެހޭ ކަމަށެވެ. އަދި އެމީހުންގެ އިސްނެގުމަށް ހިންގާފައިވާ ޖަރީމާތަކާމެދުގައި ޖަވާބުދާރީކުރުވަން ޖެހޭނެ ކަމަށެވެ.

އަދި މިފަހުގެ ތާރީޚެއްގައި ތަހުޒީބީ ދުނިޔެއިން މިފަދަ އަނިޔާވެރިކަމާއި ވަހުޝީ އަމަލުތައް ފެނިފައިނުވާކަން ފާހަގަކުރައްވަމުން ޑރ.ޖަމީލު ވިދާޅުވީ މަންޒަރު ބަލަން މަޑުން ތިބޭ ބައެއްގެ ގޮތުގައި ދުނިޔެ އޮވެ އިސްރާއީލުން ހިންގާ އިންސާނިއްޔަތާ ދެކޮޅު ޖަރީމާތައް ތަހައްމަލުކޮށްގެން ނުވާނެ ކަމަށެވެ.

އަދި ޑިމޮކްރަސީތައްކަމަށް ކިޔާ ވަރަށް ގިނަ ޤައުމުތަކުން އިސްރާއީލުގެ ޖަރީމާތަކަށް ހިތްވަރުދިނުމުގެ ސަބަބުން އެ ޤައުމުތަކުން މުސްލިމުންނާއި ފަލަސްޠީނު ރައްޔިތުންނާމެދު ގެންގުޅޭ ތަފާތުކުރުމާއި، އިސްލާމްދީނަށް އޮތް ނަފުރަތު ފާޅުވެ އެމީހުންގެ މުނާފިޤުކަން ސާފުވެގެން ގޮސްފައިވާކަމަށްވެސް ޖަމީލު ވިދާޅުވިއެވެ.

އަދި އެއްބައެއްގެ ގޮތުގައި ގުޅިގެން ފަލަސްޠީނުގެ ރައްޔިތުންނަށް އެހީތެރިވުމަށް ކުރެވެންހުރި ހުރިހާ ކަމެއް ކުރުމަށް އިލްތިމާސްކުރައްވައި ޖަމީލު ވިދާޅުވީ ފަލަސްޠީނު ރައްޔިތުންނަށް އެމީހުންގެ އަމިއްލަ ބިމުގެ މައްޗަށް ފުރިހަމަ ސިޔާދަތު ލިބުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއްގައި އެހީވާންޖެހޭ ކަމަށެވެ. އަދި ހުރިހާ ނަމާދެއްގައި އެމީހުންނަށް ނަޞްރުދެއްވުން އެދި ދުއާކުރަންޖެހޭނެ ކަމަށެވެ.

މި ލިއުމާއި ގުޅޭ