Monday 26th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެމްބަރު މުހައްމަދު ސައީދު

ބޭނުންކުރެވޭ ރިޒާވް އަންނަނީ ހުސްވަމުން، އެމްއެމްއޭއާއި ސަރުކާރުން އަންނަނީ އެކަން ސިއްރުކުރަމުން: ސައީދު

ދައުލަތުގެ ބޭރު ފައިސާގެ ރިޒާވްގެ ތެރެއިން ބޭނުންކުރެވޭ ރިޒާވް އެއްކޮށް ހުސްވުމާ ހަމައަށް ގޮސްފައިވާއިރު، ސަރުކާރާއި މަރުކަޒީ ބޭންކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން އެކަން ސިއްރުކުރަމުން އަންނަކަމަށް ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ރައީސް ޢަބްދުﷲ ޔާމީނުގެ ވެރިކަމުގައި އިކޮނޮމިކް މިނިސްޓަރުގެ މަޤާމު އަދާކުރެއްވި ސައީދު މިއަދު ކުރެއްވި ޓުވީޓެއްގައި މިހާރު ނިމެންމިދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ދައުލަތުގެ ބޭރު ފައިސާގެ ރިޒާވްގެ ހާލަތާ ގުޅޭ ވާހަކަތައް ގެންދެވީ ވަރަށް ބޮޑަށް ތަކުރާރުކޮށް ދައްކަވަމުން ކަމަށެވެ.

އެމްއެމްއޭއިން އާންމުކޮށްފައިވާ ހިސާބުތަކުން ދައްކާގޮތުން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ޖުމްލަ ރިޒާވްގެ ގޮތުގައި ހުރީ 592.7 މިލިއަން ޑޮލަރެވެ. އޭގެ ތެރެއިން ބޭނުން ކުރެވޭ ގޮތަށް ހުރީ 126.3 މިލިއަން ޑޮލަރެވެ. ބޭރު ފައިސާގެ ރިޒާވް މިހާ ބޮޑަށް ދަށްވެފައިވާއިރު، ރާއްޖޭގެ ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. މިގޮތުން މިހާރު ޑޮލަރު ލިބެނީ 18 ރުފިޔާއަށެވެ.


126 މިލިއަން ޑޮލަރަކީ ގާތް ގަނޑަކަށް 1 މަހާ 15 ދުވަހު އިމްޕޯޓަށް ބޭނުން ކުރެވޭހާ ފައިސާއެވެ.
ބޭނުން ކުރެވޭ ރިޒާވް އެންމެ ބޮޑަށް ދަށަށް ގޮސްފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގައެވެ. އޮކްޓޯބަރު ނިމުނު އިރު ރިޒާވްގައި ބޭނުން ކުރެވޭގޮތަށް ހުރީ 105 މިލިއަން ޑޮލަރެވެ. އެހެންވެ ސަރުކާރުން ވަނީ ނޮވެމްބަރު މަސްތެރޭ އިންޑިއާގެ މަރުކަޒީ ބޭންކުން ލޯނެއް ނަގާފައެވެ. އަދި ރާއްޖޭގައި ހުންނަ އިންޑިއާގެ ސްޓޭޓް ބޭންކަށް ބޮންޑެއް ވިއްކައިގެން ވެސް ފައިސާ ހޯދިއެވެ.

އެހެންވެ ނޮވެމްބަރު މަސް ނިމުނުއިރު ރިޒާވް ވަނީ 219 މިލިއަން ޑޮލަރަށް އަރާފައިވެއެވެ. އަދި ރާޢްޖޭގެ ފަތުރުވެރިކަމުގެ ޕީކް މަސް ކަމަށްވާ ޑިސެމްބަރު މަސް ނިމުނު އިރު ބޭނުން ކުރެވޭ ރިޒާވްގައި 267 މިލިއަން ޑޮލަރު ހުއްޓެވެ. އެހެން ނަމަވެސް ދެން އެއަށްފަހު ކޮންމެ މަހަކުވެސް ރިޒާވްގެ މިންވަރު ދިޔައީ ދަށަށެވެ.

ރިޒާވްގެ ހާލަތާމެދު ކަންބޮޑުވުން ފާޅުކުރައްވައި ސައީދު ކުރެއްވި ޓުވީޓުގައި ވިދާޅުވީ މިހާރު ބޭނުންކުރެވޭ ރިޒާވްގައި ހުރި ފައިސާ ގާތްގަނޑަކަށް އެއްކޮށް ހުސްވަނީ ކަމަށެވެ. އެގޮތުން ބޭނުންކުރެވޭ ގޮތަށް ރިޒާވްގައި ހުރި ފައިސާގެ އަދަދު 86 މިލިއަން ޑޮލަރަށް ވެއްޓިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އިތުރަށް ސައީދު ތުހުމަތުކުރެއްވި ގޮތުގައި ރިޒާވްގައި ފައިސާ ހުރި މިންވަރު ސިއްރުކުރުމަށް ސަރުކާރާއި އެމްއެމްއޭއިން އަންނަނީ މަސައްކަތްކުރަމުންނެވެ. އަދި ރިޒާވް މިހާ ބޮޑަށް ދަށްވުމުގެ ސަބަބުން ރާއްޖެ އޮތީ ނުރައްކާތެރި ޙާލަތެއްކަމަށް ސިފަކުރައްވައި ސައީދު ވިދާޅުވީ އެ ހާލަތަށް ރާއްޖެ ވައްޓާލީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ކަމަށެވެ.

މި ލިއުމާއި ގުޅޭ