Friday 18th Jul 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެންބަރު އަލީ ނިޔާޒު

ފެނަކައަށް ކުރެވޭ ތުހުމަތުތަކަށް ރައްދުދެއްވައި ނިޔާޒު އެ ކުންފުނި ދިފާއުކުރައްވައިފި

އަތޮޅު ތެރޭގައި ޔުޓިލިޓީސްގެ ޚިދުމަތްތައް ފޯރުކޮށްދޭ ދައުލަތުގެ ކުންފުނި ފެނަކަ ކޯޕަރޭޝަނުން ބޭނުމެއް ނެތް ގޮތުގައި ގިނަ އަދަދެއްގެ ވަޒީފާތައް އުފެއްދުމަކީ ރަނގަޅުކަމެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދާއިރާގެ މެންބަރު އަލީ ނިޒާޒު ސިފަކުރައްވައިފިއެވެ.

ފެނަކައިން ކުދި އަދި މެދުފަންތީގެ ގިނަ އަދަދެއްގެ ވިޔަފާރިތަކަށް ދައްކަންޖެހޭ ފައިސާ ނުދައްކައި ހުރުމާ ގުޅިގެން އެ ފައިސާ ދެއްކޭނެ އިންތިޒާމުތަކެއް ތަރުތީބުކުރަން ގޮވައިލާ އިދިކޮޅު އިއްތިހާދުގެ ފަރާތުން މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު އުމަރު ހުށަހެޅުއްވި ޤަރާރުގެ ބަހުސްގައި ގިނަ މެންބަރުންގެ ފާޑުކިޔުން ފެނަކައަށް އަމާޒުވިއެވެ. އެގޮތުން އެ ކުންފުނިން ސިޔާސީ މަޤުޞަދުގައި ބޭނުމެއް ނެތް ގިނަ ވަޒީފާތައް އުފައްދާފައިވާކަމާއި، ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ގިނަ ކަންތައްތަކެއް ހިންގާފައިވާކަން މެންބަރުން ފާހަގަކުރެއްވިއެވެ.

ފެނަކައަށް އަމާޒުވި ފާޑުކިޔުންތަކަށް ރައްދުދެއްވައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ކޮއްކޯފުޅު އަލީ ނިޔާޒު ވާހަކަދައްކަވަމުން ވިދާޅުވީ ފެނަކައިން ސަޕްލަޔަރުންނާއި ކޮންޓްރެކްޓަރުންނަށް ދައްކަންޖެހޭ ފައިސާ ނުދެއްކިހުރި ސަބަބުތައް ރަނގަޅަށް ބަލައި ދިރާސާކުރަންޖެހޭ ކަމަށެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި 2021 ވަނަ އަހަރުން ފެށިގެން ފެނަކައިގެ ކޭޝް ފްލޯއަށް ދަތިތަކެއްވަނީ ކުރިމަތިވެފައެވެ.

އެ ދަތިތައް ކުރިމަތިވި މައިގަނޑު ސަބަބެއްގެ ގޮތުގައި ނިޔާޒު ފާހަގަކުރެއްވީ މި ސަރުކާރުން ތައާރަފުކުރި މިނިމަމް ވޭޖާއެކު ފެނަކައިން މުވައްޒަފުންގެ މުސާރައަށް ކުރަމުން އައި ޚަރަދު ބޮޑުވުމެވެ.

"ފެނަކައިގެ ހިންގުމަށް ބުރަ ބޮޑުވި އެތައް ކަމެއް އަޅުގަނޑަށް ފާހަގަވި. 2021 ވަނަ އަހަރު އަޅުގަނޑުމެން ތައާރަފުކުރިން މިނިމަމް ވޭޖު. މިނިމަމް ވޭޖު ތައާރަފުކުރުމުގެ ކުރީގައި ފެނަކައިގެ ޕޭރޯލްއަށް ޚަރަދުވާކަމަށް ފެނަކައިން މައުލޫމާތު ދެނީ ގާތްގަނޑަކަށް 35 މިލިއަން ރުފިޔާ. މިނިމަމް ވޭޖު ތައާރަފުކޮށް އޭގެ އަސަރުކޮށްގެން މިހާރު ޕޭރޯލްއަށް 50 މިލިއަން ރުފިޔާ ޚަރަދުވާކަމަށް އަޅުގަނޑުމެންނަށް މައުލޫމާތު ލިބޭ،" ނިޔާޒު ވިދާޅުވިއެވެ.

އިތުރަށް ނިޔާޒު ވިދާޅުވީ ފެނަކައިން ފޯރުކުރާ ޚިދުމަތްތަކަށް ބިލުކުރާ ފައިސާއިން އެ ކުންފުންޏަށް ލިބެނީ 60 އިންސައްތަ ފައިސާ ކަމަށެވެ. އެހެންކަމުން ފެނަކައަށް ބިލުތަކުން ލިބެންޖެހޭ ފައިސާއިން ލިބެނީ ލިބެންޖެހޭ މިންވަރުގެ 60 އިންސައްތަ ކަމަށާއި، އެއީވެސް ކުންފުނީގެ ކޭޝް ފްލޯ ދަތިވެ، ފެނަކައަށް ފައިސާ އަދާކުރުމަށް ދަތިވާނެ ސަބަބެއްކަމަށް އޭނާ ވިދާޅުވިއެވެ.

ފެނަކައިގެ ކޭޝް ފްލޯ މެނޭޖުކުރުމަށް ދަތިވެފައިވަނިކޮށް ފާއިތުވި ފަސް އަހަރުގައި އެކަނި 4،000 އެއްހައި ވަޒީފާ އެ ކުންފުނިން އުފައްދާފައިވާކަން އެ ކުންފުނި ހިންގާ ގޮތަށް ފާޑުވިދާޅުވި މެންބަރުން ފާހަގަކުރެއްވުމުން އެކަމަށް ރައްދުދެއްވައި ނިޔާޒު ވިދާޅުވީ އެ ވަޒީފާތައް އުފެއްދުމަކީ ރަނގަޅު ކަމެއް ކަމަށެވެ. ރަށްރަށުގައި ވަޒީފާ އުފައްދަން އޮންނަ ދެ ގޮތަކީ އަމިއްލަ ވިޔަފާރިތަކުން ވަޒީފާތައް އުފެއްދުމާއި ސަރުކާރުން ވަޒީފާތައް އުފެއްދުންކަމަށާއި، އެ ވަޒީފާތައް އުފެއްދުމުން އާމްދަނީ ލިބެނީ ދިވެހިންނަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ފެނަކައިން އެ ކުންފުންޏަށް ޚިދުމަތްތާއި މުދާ ފޯރުކޮށްދީފައިވާ ސަޕްލަޔަރުންނާއި ކޮންޓްރެކްޓަރުންނަށް 2 ބިލިއަނަށްވުރެ ގިނަ ރުފިޔާ ނުދީހުރިއިރު، ރަށްރަށުގައި އެ ކުންފުނިން ދެމުންދާ ޚިދުމަތް ދިނުމަށް ބޭނުންވާ އަދަދަށްވުރެ އެތައް ގުނައެއް އިތުރަށް މުވައްޒަފުން ނަގާފައިވެއެވެ. ޚާއްޞަކޮށް އިންތިޚާބުތަކާ ދިމާކޮށް އެ ކުންފުނިން ދިޔައީ ގިނަ ބަޔަކަށް ވަޒީފާތައް ދެމުންނެވެ.

މިފަދައިން އަމަލުކުރުމުގެ ސަބަބުން ފެނަކައިގެ އާމްދަނީއާ ނުބައްދަލު މިންވަރަކަށް ކުންފުނީގެ ޚަރަދުތައްވަނީ ބޮޑުވެފައެވެ. އަދި ފެނަކައިގެ ކޭޝް ފްލޯއަށް އޮތް ފިއްތުން ބޮޑުވެ އެ ކުންފުނީގެ މާލީ ޙާލަތުވަނީ ވަރަށް ބޮޑަށް ހީނަރުވެފައެވެ.

މި ލިއުމާއި ގުޅޭ