ނިމެންދާ ސަރުކާރުން ހަދާފައިވާ ގޯސްތައް އިންތިޤާލީ މަރުހަލާގައި ފޮރުވުމަށް އިންތިޤާލީ މަރުހަލާގެ މަސައްކަތްތަކަށް އެއްބާރުލުން ނުދީ ހުރަސްއެޅުމަށް ސަރުކާރުން މަސައްކަތްކުރަމުންދާކަމަށް އިދިކޮޅު ޕީޕީއެމްގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމު ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީގެ "2023ގެ ރައީސް" ޕްރޮގުރާމުގައި ރޭ ވާހަކަދައްކަވަމުން ސަލީމު ވިދާޅުވީ އިންތިޤާލީ މަރުހަލާގައި ސަރުކާރުގެ އިދާރާތަކާއި ދައުލަތުގެ މުއައްސަސާތަކުން ކަންކަން އޮޅުންފިލުވުމަށް އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޓީމުތަކުން ކުރަމުން އަންނަ މަސައްކަތްތަކަށް ސަރުކާރުން ހުރަސްއަޅައި މުއައްސަސާތަކަށް ނުފޫޒު ފޯރުވަމުންދާ ކަމަށެވެ.
"ޙަޤީޤަތަށް ބުނާނަމަ ސަރުކާރުން އަންނަނީ ޑރ.މުޢިއްޒަށް އަދި އައު ސަރުކާރަށް ވަރަށް ބޮޑަށް ޖެއްސުންކުރަމުން. އެއްބާރުލުން ދިނުމަށް ހަމަ ހަގީގަތުގައިވެސް [ސަރުކާރުން] ހުރަސްތަކެއް އެބައަޅާ. އަޅާ ސަބަބަކީ ކޮބައިތޯ؟ ފެށުނީއްސުރެ ސަރުކާރުން ހުރީ ގޯހުން ގޯސް ހަދާފައި،" ސަލީމު ވިދާޅުވިއެވެ. އިތުރަށް އޭނާ ވިދާޅުވީ މިނިވަން މުއައްސަސާތަކުން ފެށިގެން ކޯޓުތަކާ ހަމައަށް ސަރުކާރުން އެކި ބާވަތުގެ ނުފޫޒު ފޯރުވާފައިވާތީ އެކަންކަން ސިއްރުކުރުމަށް ސަރުކާރުން މަސައްކަތްކުރަމުން އަންނަ ކަމަށެވެ.
އިތުރަށް ސަލީމު ވިދާޅުވެފައިވަނީ ސަރުކާރުން ހުރަސްތައް އެޅި ނަމަވެސް އިންތިޤާލީ މަރުހަލާގައި އައު ސަރުކާރާ ހަވާލުވާ ފަރާތްތަކުން ކުރަންޖެހޭ މަސައްކަތްތައް ކުރިއަށްދާނެ ކަމަށެވެ. އަދި ސަރުކާރުން ހިންގާފައިވާ ހުރިހާ ކަންކަމަކީ ފޮރުވޭނެ ކަންކަން ނޫންކަމަށާއި، އެކަންކަން ފޮރުވަން ފުރުސަތެއްވެސް ނުދެއްވާނެ ކަމަށެވެ. އަދި ކުރިއްސުރެވެސް ސަރުކާރުގެ ތެރޭގައި ކަންކަން ހިނގަމުން އައި ގޮތް އިދިކޮޅުން ދިޔައީ ބަލަމުންކަމަށް ސަލީމު ވިދާޅުވިއެވެ.
އިތުރަށް ސަލީމު ވިދާޅުވީ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު އިންތިޤާލީ މަރުހަލާގެ މަސައްކަތްތައް މަޑުމައިތިރިކަމާއެކު ގެންދަވާތީ، އެކަމުގެ ނާޖާއިޒު ފައިދާ ނެގުމަށް ބައެއް ފަރާތްތަކުން މަސައްކަތްކުރަމުންދާ ކަމަށެވެ. އެގޮތުން ބަދަލު ހިއްޕެވުމުގެ ރޫހެއް ނުގެންގުޅުއްވާނެކަމަށާއި، އަނިޔާވެރިވެވަޑައިނުގަންނަވާނެ ކަމަށާއި، އިންސާފުން ކަންކުރައްވާނެ ކަމަށް ޑރ.މުޢިއްޒު ވިދާޅުވާތީ އެކަމުގެ ނާޖާއިޒު ފައިދާ ނަންގަވަނީ ސަރުކާރުން ކަމަށް ސަލީމު ވިދާޅުވިއެވެ.
އަދި ޑރ.މުޢިއްޒު އިންސާފުން ކަންކަން ކުރައްވާނެ ކަމުގައި ވިދާޅުވުމުގެ މާނައަކީ އެއްވެސް މީހަކާމެދު ބޭއިންސާފުން ކަމެއް ނުކުރެއްވުން ކަމަށާއި، ނަމަވެސް ގޯސްކޮށް ކަމެއް ކޮށްފައިވާނަމަ އެކަމަކާމެދު ޖަވާބުދާރީކުރެެވޭނެ ކަމުގައި ސަލީމް ވިދާޅުވިއެވެ. އަދި ރައްޔިތުންނަށް އިންސާފު ހޯދައިދިނުމަކީ އެކަންކަން ބަލައި ފިޔަވަޅުއެޅުންކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ސަރުކާރާ ހަވާލުވުމުގެ ކުރިން މިހާރު ދައުލަތުގެ އިދާރާތަކުގެ ހާލަތު ވަރަށް ރަނގަޅަށް ރައްޔިތުންނަށް ވިދާޅުވެދެއްވާނެ ކަމުގައި ސަލީމު ވިދާޅުވިއެވެ. އެގޮތުން ދައުލަތުގެ އިދާރާތަކުގެ ތެރެއިން ހިންގާފައިވާ ކޮރަޕްޝަނާއި، ލިޔެކިޔުން ނައްތައިލަން މަސައްކަތްކުރި މިންވަރާއި، އިދާރާތަކުގެ ތެރެއިން ހަދާފައިވާ ގޯސްތަކާއި ތަންތަނަށް ނުފޫޒު ފޯރުވާފައިވާ މިންވަރު ސާފުކޮށް ރައްޔިތުން ބަޔާންކޮށްދީފައި ނޫނީ ސަރުކާރާ އިދިކޮޅުން ހަވާލުނުވާނެ ކަމަށް ސަލީމު ވިދާޅުވިއެވެ.
"އަޅުގަނޑުމެން ސަރުކާރާ ހަވާލުވާއިރު ހަވާލުވާނީ މިހުރިހާ އެއްޗެއް ރައްޔިތުންނަށް ވަރަށް ސާފުކޮށް ކިޔައިދީފައި. ހަމަ ވަރަށް ސާފުކޮށް އެމީހުން [މިހާރުގެ ސަރުކާރަށް] ސަލާމަތްނުވެވޭނެ މިންވަރަށް ކިޔާދީފައި،" ސަލީމު ވިދާޅުވިއެވެ.
ޤައުމުގެ ޙާލަތު މިހާރު އޮތީ ތަންދޮރު އެނގިވަޑައިނުގަންނަވާ ވެރިޔަކު ޤައުމުގެ ކަންކަމާ ހަވާލުވެވަޑައިގެންފިނަމަ ބޮޑެތި މައްސަލަތައް ހައްލުނުކުރެވި ޤައުމަށް ބޮޑު ގެއްލުމެއް ލިބިދާނެ ފަދަ ފައްތަރެއްގައި ކަމުން ޤައުމުގެ ހާލަތު ވެރިކަން ބަދަލުވުމުގެ ކުރިން ރައްޔިތުންނަށް ސާފުކޮށް އެނގެންވާނެ ކަމުގައި އޭނާ ވިދާޅުވިއެވެ.