Sunday 25th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކުރީގެ ޕީޖީ މުއިއްޒު

ކުރީގެ ޕީޖީ މުޢިއްޒު މަޖިލީހުގެ އިންތިޚާބުގައި ވާދަކުރައްވަން ވިސްނަވަނީ

ރާއްޖޭގެ ފުރަތަމަ ޕްރޮސެކިއުޓާ ޖެނެރަލް އަޙްމަދު މުޢިއްޒު އަންނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ވާދަކުރައްވަން ވިސްނަވާކަން އިއުލާނުކުރައްވައިފިއެވެ.

މުޢިއްޒަކީ ރާއްޖޭގައި މިހާރު މަސައްކަތްކުރައްވާ ޤާނޫނީ ވަކީލުންގެ ތެރެއިން އެންމެ ތަޖުރިބާކާރު އެއް ވަކީލެވެ. ޤާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރައްވާތާ ގިނަ ދުވަސްތަކެއްވެފައިވާ މުޢިއްޒަކީ ކުރިން އެޓާނީ ޖެނެރަލް އޮފީހުގައިވެސް މަސައްކަތްކުރެއްވި ބޭފުޅެކެވެ.

އޭގެ އިތުރަށް މުޢިއްޒަކީ މިހާރު އަމަލުކުރަމުންދާ ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ އެކުލަވައިލި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެންބަރެކެވެ. އަދި އެ ޤާނޫނު އަސާސީ ޑްރާފްޓުކުރުމުގެ މަސައްކަތުގައި ޝާމިލުވެވަޑައިގެން މަޖިލީހުގައި އެއިރު ހިނގި މުހިއްމު ބަހުސްތަކުގައި ބައިވެރިވެވަޑައިގެން ޤާނޫނު އަސާސީ ފަރުމާކުރުމުގައި ވަރަށް މުހިއްމު ދައުރެއް އޭނާ އަދާކުރެއްވިއެވެ.

އައު ޤާނޫނީ އަސާސީން ފުރަތަމަ ފަހަރަށް މިނިވަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހެއް ޤާއިމުކުރުމާއެކު، އެ މަޤާމަށް އެއިރު އޭނާ އައްޔަންކުރެވުނެވެ. އަދި ޕްރޮސެކިއުޓާ ޖެނެރަލްގެ މަޤާމާ ހަވާލުވެވަޑައިގެން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް، ޒަމާނީ މުއައްސަސާއެއްގެ ގޮތުގައި ޤާއިމުކުރެއްވުމުގައިވެސް މުޢިއްޒުގެ ދައުރު ވަރަށް ބޮޑެވެ.

އޭނާގެ ޕްރޮސެކިއުޓާ ޖެނެރަލް ކަމުގައި އެއިރުގެ ސަރުކާރުން އަންގާހާ ގޮތަކަށް އަމަލުތައް ނުބަހައްޓަވައި މިނިވަން ބޭފުޅެއްގެ ގޮތުގައި މަސައްކަތްކުރެއްވިކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ. އެގޮތުން އެއިރުގެ ސަރުކާރުން ޤާނޫނާ ޚިލާފަށް ކުރިމިނަލް ކޯޓުގެ އިސްޤާޟީ ހައްޔަރުކުރުމުން އެ މައްސަލަ ކޯޓަށް ހުށަހަޅުއްވައި ހައްލުކުރެއްވުމުގެ މަސައްކަތްވެސް އޭނާ ކުރެއްވިއެވެ.

މުޢިއްޒު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރައްވަން ވިސްނަވާކަން މިއަދު ހާމަކުރެއްވި ނަމަވެސް އޭނާ ވާދަކުރައްވަނީ ކޮން ދާއިރާއަކަށްކަން އަދި ހާމަނުކުރައްވައެވެ. އޭނާ ވިދާޅުވި ގޮތުގައި އޭނާ ވިސްނަވަނީ މާލޭގެ ދާއިރާތަކުގެ ތެރެއިން ކޮންމެވެސް ދާއިރާއެއްގެ މެންބަރުކަމަށް ކުރިމަތިލެއްވުމަށެވެ.

މާލޭގެ ދާއިރާއެއްގެ މެންބަރުކަމަށް ކުރިމަތިލައްވަން ވިސްނަވާކަން ހާމަކުރެއްވި ނަމަވެސް ވަކި ޕާޓީއެއްގެ ޕްރައިމަރީގައި ވާދަކުރައްވައި ޕާޓީއެއްގެ ޓިކެޓު ކަށަވަރުކުރެއްވުމުގެ ވިސްނުންފުޅު ގެންގުޅުއްވާ ކަމަށް މުޢިއްޒު ވިދާޅުވެފައިނުވެއެވެ.

މި ލިއުމާއި ގުޅޭ