Saturday 18th Jan 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައްޔިތުންގެ މަޖިލީސް

ޖަލުގައި ހުރި މީހަކަށް އެކަށިގެންވާ ބޭސްފަރުވާ ނުލިބުމާއި ޝަރީއަތް ލަސްވާ މައްސަލަ ބަލަނީ

ޖަލުގައި ހުރި ކެންސަރާއި ޓީބީ ބަލީގެ އަލާމާތްތައް ހުރިކަމަށް ލަފާކުރެވޭ މީހަކަށް އެކަށީގެންވާ ބޭސްފަރުވާ ނުލިބުމާއި އޭނާގެ ޝަރީއަތް ލަސްވާ މައްސަލައެއް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ބަލަން ފަށައިފިއެވެ.

އެ މައްސަލައާ މެދު މަޝްވަރާކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއަށް ހުށަހެޅިފައިވާ މައްސަލަތައް ދިރާސާކުރުމަށް އިއްޔެ ބޭއްވި ބައްދަލުވުމުގައެވެ.

ކޮމެޓީގައި ވާހަކަ ދައްކަވަމުން ކޮމެޓީގެ މުގައްރިރު ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހުމޫދު ވިދާޅުވިގޮތުގައި މި މައްސަލައަކީ މާރާމާރީ މައްސަލައެއްގައި 2021 ވަނަ އަހަރު ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ފަރާތެއްކަމަށާއި އެ ފަރާތަށް އެކި އެކި ސިއްހީ މައްސަލަތައް ކުރިމަތިވާކަމަށާއި އަދި ޓެސްޓުތަކުން އޭނާއަށް ކެންސަރު ޖެހިފައި ވުމަކީ އެކަށީގެންވާކަމެއްކަން އެނގިފައިވާކަމަށާއި އަދި އޭނާގެ ކިބާގައި ޓީބީ ބަލީގެ އަލާމަތްތައް ހުރި ކަމަށް ޑޮކްޓަރު މައުލޫމާތު ދީފައިވީ ނަމަވެސް ޑޮކްޓަރުގެ ލަފަޔާ އެއްގޮތަށް އޭނާއަށް ބޭސްފަރުވާގެ ކަންކަން ހަމަ ޖެހެމުން ނުދާތީވެ އަދި އޭނާގެ މައްސަލަ ކޯޓަށް ހުށަހެޅުނުތާ 1 އަހަރުވީއިރުވެސް މައްސަލައިގެ ޝަރީއަތުގައި އަދިވެސް ކުރިއަށް ދަނީ އިބްތިދާއީ މަރުހަލާގެ އަޑުއެހުންތައްކަމުގައި ބަޔާންކޮށް ފޮނުވާފައިވާ މައްސަލައެކެވެ.

އަދި މި މައްސަލާގައި ކަން ހިނގާފައިވާ ގޮތް ސާފުކުރުމަށްޓަކައި މޯލްޑިވްސް ކަރެންޝަނަލް ސާވިސްއިން އަމަލުކޮށްފައިވާ ގޮތް ހޯދުމަށް ސިޓީއިން އެދިފައިވާކަމަށްވެސް ޖީހާން ވިދާޅުވިއެވެ.

އޭނާ ވިދާޅުވިގޮތުގައި ޖަވާބުގައި ކެންސަރާއި ޓީބީ ބަލީގެ އަލާމާތްތައް ހުރިކަމަށް ޑޮކްޓަރުންނަށް ލަފާކުރެވޭތީ ޑޮކްޓަރުގެ ލަފާގެ މަތިން ހަދަން ޖެހޭ ޓެސްޓުތައް ހަދަމުންދާކަމަށާއި އަދި މިހާތަނަށް ހެދުނު ޓެސްޓުތަކުން އޭނާގެ ގައިން ޓީބީ ބަލި ފެނިފައިވާކަމަށާއި މިވަގުތު އޭނާއަށް ފަރުވާދެމުން ދަނީ އައިޖީއެމްއެޗްގައި އެޑްމިޓްކޮށްގެންކަމަށް އެ އިދާރާއިން ކޮމެޓީއަށް މައުލޫމާތު ދީފައިވެއެވެ.

މި މައްސަލައާ މެދު ކޮމެޓީގެ މެންބަރުން މަޝްވަރާކުރުމަށްފަހު ތިނަދޫ ދާއިރާގެ މެންބަރު އަބްދުﷲ ސަނީފު ވިދާޅުވީ ލިބިފައި ހުރި ޖަވާބުތަކުން މައްސަލައިގެ މިހާރުގެ ހާލަތު ދެނެގަތުމަށް ދަތިތަކެއްވާކަމަށެވެ. އެހެންވެ މިހާރުގެ މައްސަލައިގެ އަޕްޑޭޓަކީ ކޮބައިތޯ އެޗްއާރްސީއެމްއާއި ކަރެކްޝަންސް މެދުވެރިކޮށް ސާފުކުރުމަށް އޭނާ ވަނީ ހުށަހަޅުއްވާފައެވެ.

މެންބަރު ސަނީފުގެ މި ހުށަހެޅުއްވުމަށް ކޮމެޓީގެ ނައިބު މުގައްރިރު އަދި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވަނީ ތާއީދު ކުރައްވާފައެވެ.

އަދި އިތުރު މެންބަރަކު ހުށަހެޅުމެއް ހުށަހަޅުއްވާފައި ނުވާތީ ކޮމެޓީގެ މުގައްރިރު ޖީހާން ނިންމެވީ މެންބަރު ސަނީފު ހުށަހަޅުއްވާ މެންބަރު ޒިޔާދު ތާއީދުކުރެއްވި ގޮތަށް މި މައްސަލައިގައި ބޭސްފަރުވާގެ ކަންކަން މިހާރު އޮތް ހިސާބާއި ޝަރީއަތް މިހާރު ގޮސްފައިވާ ހިސާބު ސާފު ނުވާތީ އެ މައުލޫމާތު ކަމާ ބެހޭ ފަރާތްތައް މެދުވެރިކޮށް ހޯދާ އަންނަ ހަފްތާގެ ބައްދަލުވުމަށް އެކަމާ މަޝްވަރާކުރުމަށެވެ.

މި ލިއުމާއި ގުޅޭ