Sunday 16th Mar 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފާރިސް މައުމޫން

ފާރިސް މައުމޫން މަޖިލީހަށް ވާދަކުރައްވަނީ

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި، މަޖިލީހުގެ މައްޗަންގޮޅީ އުތުރު ދާއިރާއަށް ވާދަކުރައްވާނެކަން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން ފާރިސް މައުމޫން އިއުލާން ކުރައްވައިފި އެވެ.
ނިމިދިޔަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވައި ނާކާމިޔާބުވެވަޑައިގެންނެވި، ފާރިސް ރޭ ކުރެއްވި ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި މަޖިލީހަށް ވާދަކުރައްވަނީ ގައުމު އިސްލާހު ކުރުމުގެ މަސައްކަތުގައި ރައްޔިތުންގެ މަޖިލީހުގެ މުހިންމުކަން ބޮޑުވުމުންނެވެ.
"ކުރިއަށް އޮތް އިންތިހާބުގައި މައްޗަންގޮޅީ އުތުރު ދާއިރާގެ ގޮނޑިއަށް، މާތް ﷲ ގެ ވާގިފުޅާ އެކު އަޅުގަނޑު ކުރިމަތިލުމަށް ގަސްދު ކުރާ ވާހަކަ ދާއިރާގެ ލޮބުވެތި ރައްޔިތުންގެ މައުލޫމާތަށްޓަކާ ދެންނެވިން. އަދި ތިޔަ ހުރިހާ ބޭފުޅުންގެ ތާއީދަށް އިޚުލާޞްތެރި ކަމާއެކު އެދެން،" ފާރިސް ވިދާޅުވި އެވެ.
މިދިޔަ ސެޕްޓެމްބަރު މަހު 9 ގައި ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އަމިއްލަ ގޮތުން ވާދަކުރައްވައިގެން ފާރިސް އަށް ލިބިލެއްވީ 2،979 (1.3 ޕަސެންޓު) ވޯޓެވެ.
މީގެ ކުރިން 2019 ވަނަ އަހަރު ބޭއްވި މަޖިލީހުގެ އިންތިހާބުގައި ވެސް މައްޗަންގޮޅީ އުތުރު ދާއިރާއަށް ފާރިސް ވާދަކުރެއްވި ނަމަވެސް އެ ގޮނޑި ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ޓިކެޓުގައި ވާދަކުރެއްވި މުހައްމަދު ރަޝީދެވެ. އެ އިންތިހާބު ވެސް ފާރިސް އަށް ނާކާމިޔާބުވީ ބޮޑު ތަފާތަކުންނެވެ.
ފާރިސް މަޖިލީހަށް ފުރަތަމަ އިންތިހާބުވީ، 18 ވަނަ ދައުރުގައި ދިއްގަރު ދާއިރާގެ ގޮނޑި ވަކި ހިސާބަކުން ހުސްވުމުން ބޭއްވި ބައި-އިލެކްޝަނެއްގައި ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރައްވައި، ކާމިޔާބުކުރައްވައިގެންނެވެ.
މި ލިއުމާއި ގުޅޭ