ރާއްޖޭގެ ފަތުރުވެރިކަން އޮތީ ނާޒުކު ހާލަތެއްގައި ކަމަށާއި އެ ސިނާއަތަށް ކުރިމަތިވެފައި ހުރި ގޮންޖެހުންތަކުން އަރައިގަންނަނަމަ ޤައުމީ އެއާލައިން ކުރިއެރުވުމާއެކު، ނިޒާމީ ގިނަ ބަދަލުތަކެއް ގެންނަންޖެހޭކަމަށް ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވެލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ)އިން ބުނެފިއެވެ.
މަޓާޓޯގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަޓާޓޯއިން ބުނި ގޮތުގައި ރާއްޖޭގެ ޓްރެވަލް އެޖެންޓުންނާއި ފަތުރުވެރިކަމުގެ ސިނާއަތުގެ ވިޔަފާރިތަކާއި، އެ ދާއިރާގައި މަސައްކަތްކުރާ މީހުން ޝާމިލުވާ ގޮތަށް އެ ޖަމްއިއްޔާއިން ހެދި ސާވޭއިން ފަތުރުވެރިކަމުގެ ސިނާއަތާ ގުޅުންހުރި ގިނަ ކަންބޮޑުވުންތަކެއް ފާހަގަވެފައިވާ ކަމަށެވެ.
މަޓާޓޯއިން ފާހަގަކުރި ގޮތުގައި ކޮވިޑް-19ގެ ސަބަބުން ގްރައުންޑުގައި ހުންނަ އެހީތެރިއެއްގެ ބޭނުންތެރިކަން ފަތުރުވެރިންނަށް ބޮޑުވުމާ ގުޅިގެން ފާއިތުވި 3 އަހަރު މާކެޓުގައި ރާއްޖޭގެ ޓްރެވެލް އެޖެންޓުންގެ ހިއްސާ ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ.
ނަމަވެސް ފަތުރުވެރިން އަންނަ އަދަދާއި ރާއްޖޭގެ ބެޑް ކެޕޭސިޓީއާ އަޅާބަލާއިރު ރާއްޖެއަށް މިހާރު ފަތުރުވެރިން އަންނަ އަދަދަކީ އެންމެ އެކަށީގެންވާ އަދަދެއް ނޫންކަމަށް މަޓާޓޯއިން ބުންޏެވެ. އެގޮތުން ރާއްޖެއަށް މި މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް 1.4 މިލިއަން ފަތުރުވެރިން އައިއިރު ރާއްޖޭގެ ބެޑް ކެޕޭސިޓީއަކީ 62،000 އެނދުކަމަށްވުމާއެކު، އެ އަދަދުން ރާއްޖޭގެ ބެޑް ކެޕޭސިޓީން ބޭނުންކުރެވިފައި ހުންނާނީ 44 އިންސައްތައެއްހައި މިންވަރުކަމަށް އަންދާޒާކުރެވޭކަމަށް މަޓާޓޯއިން ބުންޏެވެ.
މަޓާޓޯއިން ފާހަގަކުރި ގޮތުގައި އެވެރެޖުކޮށް ރާއްޖެއަށް ދުވާލަކު 6،500 އެއްހައި ފަތުރުވެރިން ނާންނަނަމަ ރާއްޖޭގެ ފަތުރުވެރިކަމަށް އަދި އިޤުތިޞާދަށް އެކަމުގެ ސަބަބުން ނޭދެވޭ އަސަރުކުރާނެއެވެ.
ޓުއަރިސްޓުން އަންނަ މިންވަރު ބެލުމަށް ބޭނުންކުރާ މިންގަނޑަކީ އެންމެ ރަނގަޅު މިންގަނޑުކަމުގައި ނުދެކޭކަމަށާއި، އެހެން ޤައުމުތަކުން ބަލާ ބައެއް މިންގަނޑުތަކުގެ ތެރޭގައި ފަތުރުވެރިން ޓެކްސް އާމްދަނީއަށް މަހެއްގެ މައްޗަށް ހިއްސާކުރާ މިންވަރު ފަދަ ތަފާތު ބައެއް މިންގަނޑުތައް ހުންނަކަމަށް މަޓާޓޯއިން ބުންޏެވެ.
މަޓާޓޯއިން ފާހަގަކުރި ގޮތުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ މަސައްކަތްކުރާ ޓްރެވެލް އެޖެންޓުންނަށް އޮތް ގޮންޖެހުންތަކުގެ ތެރޭގައި ރާއްޖޭގައި ޓްރެވެލް އެޖެންޓުންނާ ގުޅޭ ޚާއްޞަ ޤާނޫނެއް ނެތުން ހިމެނެއެވެ. އެގޮތުން ރާއްޖޭގެ ޓްރެވެލް އެޖެންޓުން ޚާއްޞަ ރައްކާތެރިކަން ލިބޭނެ ޤާނޫނީ އޮނިގަނޑެއް އޮތުމުގެ މުހިއްމުކަން މަޓާޓޯއިން ފާހަގަކުރިއެވެ.
އެޖަމްއިއްޔާއިން ފާހަގަކުރި ގޮތުގައި ޓްރެވެލް އެޖެންސީތަކަށް ކުރިމަތިވާ މައްސަލަތައް ހައްލުކުރުމަށް ބޭނުންވާ ޤާނޫނެއް އެ ޖަމްއިއްޔާއިން ތައްޔާރުކޮށް އެ ޤާނޫނު މަޖިލީހާ ހިއްސާކުރި ކަމަށެވެ. އަދި ސަރުކާރުގައިވެސް އެފަދަ ޤާނޫނެއް އެކުލަވައިލަން އެދުނުކަމަށާއި، ނަމަވެސް އެކަށީގެންވާ ތަރުހީބެއް ސަރުކާރުން އެކަމުގައި ނުލިބުނު ކަމަށެވެ.
ހަމައެހެންމެ ޓްރެވެލް އެޖެންޓުންނަށް ފަސޭހައިން އިންޝުއަރެންސް ލިބޭނެ އިންތިޒާމެއް ސަރުކާރު މެދުވެރިގެން ހަމަޖެހުމުގެ މުހިއްމުކަން އެ ޖަމްއިއްޔާއިން ފާހަގަކުރިއެވެ. އެ ޖަމްއިއްޔާއިން ފާހަގަކުރި ގޮތުގައި އެފަދަ އިންޝުއަރެންސްއެއް ލިބުމަކީ ޓްރެވެލް އެޖެންޓުންގެ ވިޔަފާރިއާމެދު އެމީހުންނާއި ޚިދުމަތް ލިބޭ ފަރާތްތަކާއި ބޭރުގެ ޕާޓުނަރުންގެ އިތުބާރު ބޮޑުވާނެ ކަމެކެވެ.
އިތުރަށް މަޓާޓޯއިން ބުނެފައިވަނީ ރާއްޖޭގެ ފަތުރުވެރިކަމަށް ކުރިމަތިވެފައިވާ ގިނަ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި، ޤައުމީ އެއާލައިން ހަރުދަނާކުރަންޖެހޭ ކަމަށެވެ. އެއާލައިން ރަނގަޅަށް ނުހިނގާނަމަ ކުރިއަށް އޮތް 2 އަހަރެއްހައި ދުވަހުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ބެޑް ކެޕޭސިޓީ އިތުރުވެގެންދާއިރު އެ ބެޑް ކެޕޭސިޓީއަށް ބޭނުންވާ މިންވަރަށް ފަތުރުވެރިން ރާއްޖެއަށް ނުގެނެވިދާނެ ކަމެވެ.
މިކަންކަމުގެ އިތުރަށް ރާއްޖެ ޕްރޮމޯޓުކުރުމަށް ދައުލަތުގެ ބަޖެޓުން ކަނޑައަޅާ ފައިސާގެ އަދަދު އިތުރުކުރުމުގެ މުހިއްމުކަން މަޓާޓޯއިން ފާހަގަކުރިއެވެ. އެގޮތުން އަވައްޓެރި ބައެއް ޤައުމުތަކުން އެ ޤައުމަށް އަންނަ ކޮންމެ ފަތުރުވެރިއެއްގެ އަތުން ދައުލަތަށް ލިބޭ އާމްދަނީން ވަކި މިންވަރެއް މަންޒިލެއްގެ ގޮތުގައި އެ ޤައުމު ޕްރޮމޯޓުކުރަން ހޭދަކުރާކަން އެ ޖަމްއިއްޔާއިން ފާހަގަކުރިއެވެ.
އޭގެ އިތުރަށް ޤާނޫނާ ޚިލާފަށް ބޭރު އެޖެންޓުން ރާއްޖޭގައި ޕޭޕާ ކޮމްޕެނީތައް ރަޖިސްޓަރީކޮށްގެން ހިންގާ މައްސަލައާއި، ސަރުކާރުން ޚަރަދުކޮށްގެން ބައިވެރިވާ ފެއާތަކުގައި ރާއްޖެ ތަމްސީލުކުރުމުގެ ފުރުސަތު ރާއްޖެއަށް ޓެކުސް ނުދައްކާ ބޭރުގެ އެޖެންޓުންނަށް ދެމުންދާކަން މަޓާޓޯއިން ފާހަގަކުރިއެވެ. އެގޮތުން ފެއާތަކުގައި ރާއްޖޭގެ ސްޓޭންޑުގައި އިންޑިއާ ކުންފުނިތައް ވަރަށް ގިނައިން ބައިވެރިވާކަމަށް އެ ޖަމްއިއްޔާއިން ބުންޏެވެ.
މަޓާޓޯއިން ފާހަގަކުރި ގޮތުގައި ބައިނަލްއަޤުވާމީ ފަތުރުވެރިކަމަށް އަންނަމުންދާ ބަދަލުތަކާއެކު ރާއްޖޭގެ ފަތުރުވެރިކަމަށް އުފެއްދުންތެރި އީޖާދީ ބަދަލުތަކެއް ނުގެންނަނަމަ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ކުރިމަގު އޮތީ ވަރަށް ބަނަކޮށެވެ. އަދި އެ ޖަމްއިއްޔާއިން ބުނީ ކުރިމަގުގައި އަލަށް އުފެދިގެން އަންނަ ސަރުކާރުން މި ކަންބޮޑުވުންތަކަށް ރިއާޔަތްކުރާނެކަމަށް ވަރަށް ބޮޑަށް އުންމީދުކުރާ ކަމަށެވެ.