Monday 26th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރަޝިޔާ

ޖަޕާނުގެ ސީފުޑް އުފެއްދުންތައް އެތެރެކުރުން ރަޝިޔާއިން ހުއްޓާލައިފި

ޖަޕާނުގެ ސީފުޑް އުފެއްދުންތައް އެތެރެކުރުން ރަޝިޔާގެ ކަމާބެހޭ އިދާރާއިން މަނާކޮށްފިއެވެ. ރަޝިޔާއިން މިފަދަ ނިންމުމެއް ނިންމީ ޖަޕާނުގެ ފުކުޝީމާ ނިއުކުލިއާ ޕްލާންޓުން ކުނިފެން ކަނޑަށް ބޭރުކުރާ މައްސަލާގައި ޗައިނާއިންވެސް ޖަޕާނުގެ ސީފުޑް އެތެރެކުރުން ހުއްޓާލާފައިވަނިކޮށެވެ.

ރަޝިޔާގެ ދަނޑުވެރިކަމާއި މަސްމަހާމެހީގެ އުފެއްދުންތައް ރެގިއުލޭޓުކުރާ އިދާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އޮކްޓޯބަރު މަހުގެ 16 ވަނަ ދުވަހުން ފެށިގެން ޖަޕާނުން ސީފުޑް އެތެރެކުރުން ވަގުތީ ގޮތުން މަނާކުރަން ނިންމާފައިވަނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގައި ކަމަށެވެ.

އިތުރަށް އެ ބަޔާނުގައި ބުނެފައިވަނީ ޖަޕާނުގެ ސީފުޑް އެތެރެކުރުން މަޑުޖައްސައިލަން ނިންމި ނިންމުމަށް ބަދަލެއް ގެންނާނީ އެ ޤައުމުން ބޭރުކުރާ މަސްމަހާމެހީގެ އިތުރަށް ސީފުޑުގެ އެހެން ބާވަތްތަކުގެ ރައްކާތެރިކަން ކަށަވަރުވާނެ މައުލޫމާތު ލިބި އެކަން ޔަގީންކުރެވެންދެން ކަމަށެވެ.

ފާއިތުވި އޯގަސްޓު މަހުގެ ފަހުކޮޅުގައި ޗައިނާއިންވަނީ ޖަޕާނުން ފުކުޝީމާގެ ކުނިފެން ކަނޑަށް ބޭރުކުރުމަކީ ޒިންމާދާރުކަން ކުޑަ މަވެތި އަމަލެއްގެ ގޮތުގައި ސިފަކުރުމާއެކު އެ ޤައުމުގެ ސީފުޑް އުފެއްދުންތައް އެތެރެކުރުން ހުއްޓާފައެވެ.

އޯގަސްޓު މަހުގެ 24 ވަނަ ދުވަހުގައި ޖަޕާނުންވަނީ ފުކުޝީމާ ނިއުކުލިއާ ހަކަތަ ޕްލާންޓުގައި ހުރި ތަޣައްޔަރުވެފައިވާ ފެން ޕެސިފިކް ކަނޑަށް ބޭރުކުރުމުގެ މަސައްކަތެއް ފަށާފައެވެ. ޖަޕާނުން ބުނާ ގޮތުގައި އެއީ ރައްކާތެރި މަސައްކަތެކެވެ. އެ މަސައްކަތުގެ ދެވަނަ މަރުހަލާ ޖަޕާނުން ފެށީ އޮކްޓޯބަރު 5 ވަނަ ދުވަހުއެވެ.

ޖަޕާނުގެ ނިންމުމާމެދު އަވައްޓެރި އެހެން ޤައުމުތަކުން އަންނަނީ ހިތްހަމަނުޖެހުމާއި ނުރުހުން ފާޅުކުރަމުންނެވެ. އެގޮތުން ޖަޕާނުން އަހަރެއްގެ މައްޗަށް 500 މިލިއަން ޑޮލަރުގެ ސީފުޑް އެތެރެކުރާ ޗައިނާއިންވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައެވެ.

ޖަޕާނުން ރާވާފައިވަނީ 1.3 މިލިއަން ކިއުބިކް މީޓަރުގެ ބަރު ފެން ފުކުޝީމާއިން ޕެސިފިކް ކަނޑަށް 2050 ވަނަ އަހަރާ ހަމައަށް މަރުހަލާތަކަކަށް ބަހާލައިގެން ބޭރުކުރާށެވެ. އިންޓަނޭޝަނަލް އެޓޮމިކް އެޖެންސީ ބުނެފައިވަނީ މި ފެން ބޭރުކުރުމަކީ ނުރައްކަލެއް އެކުލެވޭ ކަމެއް ނޫން ކަމަށެވެ.

މި ލިއުމާއި ގުޅޭ