Sunday 25th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެންބަރު ޢަލީ ޙުސައިން

ދަފުތަރުގައި ޖެހިފައިވާ މީހުންނަށް ޚާއްޞަ ދާއިމީ ވަކި ދާއިރާތަކެއް ހުންނަންޖެހޭ: އަލީ ހުސައިން

މާލޭގައި ދިރިއުޅޭ އަތޮޅު ތެރޭގެ ރައްޔިތުންގެ ތެރެއިން މާލޭގެ ދަފުތަރުގައި ޖެހިފައިވާ މީހުންނަށް ޚާއްޞަ ދާއިމީ ވަކި ދާއިރާތަކެއް ހުންނަންޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ވަކި މިންވަރެއްގައި ހިފަހެއްޓުމާ ގުޅޭ ގޮތުން "ދަ ޑިމޮކްރެޓްސް"ގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލަށް މިއަދުގެ މަޖިލިސް ޖަލްސާގައި ބަހުސްކުރައްވަމުން އަލީ ފާހަގަކުރެއްވި ގޮތުގައި ދަފުތަރުގައި ޖެހިފައިވާ 15،000 އާއި 20،000 އާ ދެމެދުގެ ރައްޔިތުން ތިބިއިރު އެމީހުންގެ ހައްގުގައި މަޖިލީހުގައި ވާހަކައެއް ނުދެކެވެއެވެ. އަދި އެމީހުންގެ މަސްލަހަތުތައް ތަމްސީލުކުރައްވާނެ މެންބަރަކު ރައްޔިތުންގެ މަޖިލީހުގައި ނުހުރެއެވެ.

އިތުރަށް އަލީ ވިދާޅުވީ 2008 ވަނަ އަހަރުގެ ފަހުން ދަފުތަރުގެ މީހުން ބޭނުންކުރަމުން އަންނަނީ އެއިރެއްގައި އޮންނަ ސަރުކާރަކުން ބޭނުންވާ ބަޔަކު މަޖިލީހަށް ހޮވުމަށް ބޭނުންކުރާ ފުޅިމަދު އުނގުރިތަކެއް ފަދައިންނެވެ. އެގޮތުން ރިޔާސީ އިންތިޚާބުގައި ވޯޓު ދޭންޖެހޭ ދާއިރާ ނޫން ތަފާތު މުޅިން އެހެން ދާއިރާއެއްގައި ޖެހިގެން އަންނަ މަޖިލިސް އިންތިޚާބުގައި އެމީހުން ވޯޓުދޭންޖެހުމަކީ ހިނގާކަމެއް ކަމުގައި އަލީ ވިދާޅުވިއެވެ.

"މާލޭގައި ދިރިއުޅޭ ދަފުތަރުގެ ރައްޔިތުންނަކީ އެއިރެއްގައި އޮންނަ ސަރުކާރުން ވަކި މީހަކު ހޮވަން ބޭނުންވީމާ ދާއިރާއަކަށް، ފުޓުނި އަޅައިލާ ގޮތަށް ނުވަތަ ފުޅިމަދު އުނގުރި ޖަހައިލާ ގޮތަށް އަޅައިލަން ތިބޭ ބައެއްގެ ގޮތުގައި ފެންނަނީ،" އަލީ ވިދާޅުވިއެވެ.

އަލީ ދެކެވަޑައިގަންނަވާ ގޮތުގައި އެ މައްސަލައިގެ ހައްލަކީ ދަފުތަރުގައި ރަޖިސްޓަރީވެފައިވާ މީހުންނަށް ދާއިމީ ޚާއްޞަ ދާއިރާތަކެއް ކަނޑައެޅިގެން ދިއުމެވެ. "އެހެންކަމުން ދަފުތަރުގައި ޖެހިފައި ތިބި މީހުން ތިބޭ ވަކި ދާއިރާތަކެއް އޮންނަން އެބަޖެހޭ. އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި މިއީ މިހާރުވެސް އިލެކްޝަންސް ކޮމިޝަނަށް ކުރެވޭނެ ކަމެއް،" އަލީ ހުސައިން ވިދާޅުވިއެވެ.

އެފަދައިން ދަފުތަރުގައި ހިމެނޭ ރައްޔިތުންނަށް ޚާއްޞަކޮށް ދާއިރާތަކެއް އޮތުން މުހިއްމުވާ ސަބަބުތައް ބަޔާންކުރައްވައި މިސާލެއްގެ ގޮތުގައި އަލީ ފާހަގަކުރެއްވީ މި ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމުގެ ދަށުން މާލޭ ރައްޔިތުންނަށް ގޯތި ދޫކުރިއިރު އެ ސްކީމަށް މާލޭގައި ދިރިއުޅޭ ދަފުތަރުގެ ރައްޔިތުންނަށް ކުރިމަތިނުލެވުމެވެ. އެ ސްކީމުތަކަށް ކުރިމަތިނުލެވުނު ނަމަވެސް މަޖިލިސް އިންތިޚާބާއި، ރިޔާސީ އިންތިޚާބުތަކުގައި އެމީހުންނަކީ މާލޭ މީހުންކަމަށް ބަލާކަން އޭނާ ފާހަގަކުރެއްވިއެވެ.

"މިހެން މިކަން ދިމާވިއިރު ދަފުތަރުގައި ހިމެނޭ ރައްޔިތުންގެ ހައްގުގައި މި ރައްޔިތުންގެ މަޖިލީހުގައި ވަކާލާތުކުރާނެ މީހަކު ނެތް. އެކަމެއް ނުކުރި. އެހެންވީމާ ތަމްސީލުކުރުމުގެ ހައްގު ނިގުޅައިގަނެވިފައިވާ ބަޔަކު ތިބިގެންނުވާނެ. އެމީހުންނަށް ދިމާވާ މައްސަލަތަކަކީ ޚާއްޞަ ހާލަތެއް. އެހެންވީމާ އެމީހުން ތަމްސީލުކުރާނެ މެންބަރުންތަކެއް މަޖިލީހުގައި ތިބެންޖެހޭ،" އަލީ ހުސައިން ވިދާޅުވިއެވެ.

މި ލިއުމާއި ގުޅޭ