ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުންނަށް ޕެންޝަން ފަންޑުން ފައިސާ ދޫކުރާނެ ގޮތްތައް ކަނޑައަޅައި އެ ގަވާއިދު ޕެންޝަން އޮފީހުން އިސްލާހުކޮށްފި އެވެ.
މި ޤަވާއިދު އިސްލާޙް ކުރުމުގެކުރިން އޮންނަ ގޮތުން ބިދޭސީ މުވައްޒަފަކު ދާއިމަށް ރާއްޖޭން ދާން ނިންމައިފިނަމަ ފުރާ ތާރީހުގެ ތިން މަސް ދުވަސް ކުރިން "ބިދޭސީ މުވައްޒަފުން ޕެންޝަނަށް އެދޭ ފޯމް" އެ އޮފީހަށް ހުށަހަޅަން ޖެހެ އެވެ. ނަމަވެސް, އިސްލާހުކުރެވުނު ގަވައިދުގައި ވާ ގޮތުން އެއީ ތިން މަސް ދުވަހަށް ނުވި ނަމަވެސް ރާއްޖޭ ދޫކޮށް ދާން ނިންމާ ހިސާބުން އެ ފޯމު ހުށަހެޅޭނެ އެވެ.
ބިދޭސީ މުވައްޒަފުންގެ ފައިސާ ޖަމާކުރަން ޖެހޭނީ އެ ބިދޭސީ މުވައްޒަފެއްގެ ނަމުގައި ނުވަތަ އެ މުވައްޒަފު ކަނޑައަޅާ އެހެން މީހެއްގެ ނަމުގައި ރާއްޖޭގެ ބޭންކެއްގައި ހުޅުވާފައިވާ ދިވެހި ރުފިޔާ އެކައުންޓަކަށް ކަމަށް ވެސް ވަނީ ގަވާއިދުގައި ބަޔާންކޮށްފަ އެވެ.
އަލަށް އިސްލާޙް ކުރެވުނު ޤަވާއިދުގައި ރާއްޖޭގައި މަސައްކަތްކުރަމުން ދަނިކޮށް މަރުވާ ބިދޭސީ މުވައްޒަފުންގެ ވާރިސުންނަށް އެ މުވައްޒަފުގެ ނަމުގައި އޮންނަ ޕެންޝަން އެކައުންޓުގައި ހުރި ހުރިހާ ފައިސާއެއް ހޯދުމަށް އެދެވޭނެ ކަމަށް ވަނީ ބަޔާންކޮށްފަ އެވެ. މިގޮތަށް ހުށަހަޅާ ލިޔެކިޔުންތަކުގެ ސައްހަކަން ކަށަވަރު ކުރުމަށް ފަހު އެ ފައިސާ ދޫކުރާނީ ވާރިސުންގެ އެކައުންޓަކަށް ކަމަށް ވެސް ބަޔާންކޮށްފައިވެ އެވެ.
މިފަދަ ގަވާއިދެއް އެ އޮފީހުން އެންމެ ފުރަތަމަ އެކުލަވާލީ 2018 ގަ އެވެ. މިއީ އެ ގަވާއިދަށް ގެނައި ފުރަތަމަ އިސްލާހެވެ.