Saturday 20th Jul 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ގެއްލުން

ގެއްލުނު މަސްވެރިޔާ އަދިވެސް ނުފެނޭ!

އދ.ދަނގެތިން ކުޑަ އިންޖީނު ދޯންޏެއްގައި މަހަށް ނިކުމެ އުޅެނިކޮށް ގެއްލިގެން ހޯދަމުން އަންނަ މީހާ އަދިވެސް ނުފެންނަކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފުން ބުނީ އދ.ދަނގެތިން ކުޑަ އިންޖީނު ދޯންޏެއްގައި އިއްޔެފަތިހު މަހަށް ނިކުތް މީހަކު ގެއްލިގެން އެމީހާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ހުއްޓުމެއްނެތި ކުރަމުންދާ ކަމަށެވެ.
އަދި އެމީހާ ހޯދުމުގައި ކޯސްޓްގާޑުގެ ޑައިވަރުންނާއެކު އދ. ދަނގެތީގެ ޑައިވަރުންނާއި ކައިރި ރިސޯޓްތަކުގެ ޑައިވަރުން ހަރަކާތްތެރިވަމުން ދާއިރު ކަނޑުމަގުން ހޯދުމުގެ މަސައްކަތުގައި ކޯސްޓްގާޑުގެ ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް ‘ހަކުރާ’ އާއެކު ފުލުހުންނާއި ކައިރި ރިސޯޓްތަކާއި ދަނގެތީގެ ބައެއް އުޅަނދުތައް ހަރަކާތްތެރިވަމުންދާކަމަށްވެސް އެ އިދާރާއިން ބުނެފައިވެއެވެ.
މީގެ އިތުރުން ޑޯނިއަރ އެއަރކްރާފްޓްވެސް މިއަދު ވައިގެ މަގުން އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.
އެމްއެންޑީއެފުން ބުނިގޮތުގައި އެ ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށް ލިބިފައިވަނީ އިއްޔެ 11:42 ހާއިރުއެވެ.
އަދި މަޢުލޫމާތު ލިބުނު ގޮތުގައި 68 އަހަރުގެ އެ މީހާ އިއްޔެ ފަތިހު ކުޑަ އިންޖީނު ދޯންޏެއްގައި މަސްވެރިކަމަށް ނިކުތީ އދ.އޮރިމަސް ފަޅުގެ އިރުމަތި ފަރާތަށްކަމަށާއި މަހަށް ދިޔަ ދޯނި އދ.ރަންދެލި އުތުރު ކަނޑުއޮޅިން ދަނިކޮށް އިއްޔެގެ 09:00 އާއި 09:30 އާ ދެމުދު ވަގުތެއްގައި އެ ދޯނި ބަޔަކަށް ފެނިފައިވާކަމަށްވެސް އެމްއެންޑީއެފުން ބުނެފައިވެއެވެ.
އެ ދޯނިން މަހަށް ދިޔަ ފިރިހެން މީހާ ގެއްލުނުއިރު ލައިގެން ހުރީ ރަތްކުލައިގެ ޓީޝާޓެއްކަމަށް އެމްއެންޑީއެފް ކޯސްޓްގާޑަށް ވަނީ މަޢުލޫމާތު ލިބިފައެވެ.

އެމްއެންޑީއެފުން ވަނީ އެ މީހާއާ ބެހޭ އެއްވެސް ޚަބަރެއް ވޭތޯ އެ ސަރަހައްދުން ދަތުރުކުރާ އުޅަނދު ފަހަރުންނާއި، އެ ހިސާބުގެ ރަށްތަކުން ބެލުމަށާއި އޭނާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ލަސްނުކޮށް އެމްއެންޑީއެފް ކޯސްޓްގާޑްގެ ހިލޭ ގުޅޭ ނަންބަރު 191 ނުވަތަ 3395981 އަދި 3398898 ފޯނަށް ގުޅުމަށް އެދިފައެވެ. އަދި ފެކްސް ކުރާނަމަ 3391665 މި ނަންބަރަށް ފެކްސް ކުރުމަށްވެސް އެ އިދާރާއިން އެދިފައިވެއެވެ.

މި ލިއުމާއި ގުޅޭ