ވޯލްޑް ކަޕް ކޮލިފައިންގެ ޕްލޭއޮފްގައި މިއަދު ކުޅުނުމެޗް ރާއްޖޭން ލަނޑެއް ޖަހައިފައި ވަނިކޮށް ބަންގުލަދޭޝްއިން ފަހު ވަގުތުކޮޅުގެ ތެރޭގައި ލަނޑު ޖަހައި 1-1 އިން ރާއްޖޭގެ ދަނޑުގައި ފުރަތަމަ ފަހަރަށް އެއްވަރުކޮށް ކޮށްފި އެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗްގެ ފުރަތަމަ ހާފް ނިމުނީ ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ.
މި މެޗުގެ 87 ވަނަ މިނެޓްގައި ލިބުނު ފުރުސަތަކުން ރާއްޖެ އަށް ގޯލްޖަހައިދިނީ ހަސަން ނަޒީމް (ޗޯޓް) އެވެ.
އޭނާ މި ލަނޑު ކާމިޔާބު ކުރީ އިބްރާހިމް މަހްދީ ހުސައިން (ފޭދޫއިއްބެ) އޭރިއާ ތެރެއަށް ހުރަސް ނަގައިދިން ބޯޅަ ބަންގްލަދޭޝްގެ ތޯރިގް ކާޒީ ބޮލުން ދިފާއު ކުރި ބޯޅަ ރަނގަޅަށް ސާފުކޮށް ނުލެވުމުން ބޯޅަ ވެއްޓުނީ ބަންގްލަދޭޝްގެ އޭރިއާގެ ތެރެއަށެވެ. އެ ބޯޅަ ލިބިގަނެ ޗޯޓް ވަނީ ގޯލްގެ ތެރެއަށް ބޯޅަ ފޮނުވައިލައިފަ އެވެ.
ލީޑް ނަގައި ރާއްޖެ އަށް ހިތްހަމަޖައްސާލައިގެން ތިބެވުނީ ކުޑަ ވަގުތުކޮޅަކަށެވެ. ބަންގުލަދޭޝްގެ ރާކިބް ހުސައިން އޭރިއާ ތެރެއަށް ނަގައިދިން ބޯޅައިން ސާދުއްދީން ވަނީ ބަންގްލަދޭޝް އަށް ނަތީޖާ ހަމަހަމަކޮށް ދީފައެވެ.
ސާދުއްދީންގެ މިގޯލާއެކު މެޗް ނިމުނީ 1-1ގެ ނަތީޖާއަކުން ދެޓީމް އެއްވަރު ވެގެންނެވެ. މިއީ ރާއްޖެ އާއި ބަންގްލަދޭޝްގެ ކުރިމަތިލުންތަކުގެ ތެރެއިން ރާއްޖޭގެ ދަނޑުގައި ބަންގްލަދޭޝްގެ މައްޗަށް މޮޅެއް ނުހޯދި ރާއްޖޭން މެޗު ނިންމާލި ފުރަތަމަ ފަހަރެވެ.
މެޗުގައި ރާއްޖޭގެ ސަޕޯޓަރުންނަށް ވުރެ ގިނައި ދަނޑަށް ވަނީ ވެސް ބަންގްލަދޭޝްގެ ސަޕޯޓަރުންނެވެ. ދަނޑުގައި ގުގުމާލީ ވެސް އެ ޓީމުގެ ސަޕޯޓަރުންގެ އަޑެވެ.