ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމަށް ސަރުކާރުން ދައުލަތުގެ ކުންފުނިތައް ބޭނުންކުރިކަމަށް ރައްޔިތުންގެ މަޖިލީހުގެ ބިލެއްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަލީމް (ދޮންބިލަތް) ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ މެންބަރުންވަނީ ހާޒިރުކޮށްފައެވެ. އެ މެންބަރުން ހާޒިރުކުރީ އިންތިޚާބަށްފަހު، އައު ސަރުކާރު ވެރިކަމާ ހަވާލުވުމުގެ މަރުހަލާގައި ކުންފުނިތަކުން ބައެއް ކަހަލަ މުއާމަލާތްތައް ނުހިންގުމަށް އެ ބޯޑުން ނެރުނު ސާކިއުލާއަކާ ގުޅިގެންނެވެ.
މި މަސައްކަތް ކުރިއަށްދާ މަރުހަލާގައި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ސަރުކާރުގެ ވިޔަފާރި ކުންފުނިތަކުން، އާންމުކޮށް ހިންގާ ވިޔަފާރީގެ މުއާމަލާތްތައް ފިޔަވައި އައު މަޝްރޫޢުތައް ހިންގުން ނުވަތަ ބޮޑު ޚަރަދުތައް ކުރުން ހުއްޓައިލަން ޕީސީބީން އަންގާފައިވެއެވެ.
އެގޮތުން ހަތަރު ކަމެއް އެއްގޮތަކަށްވެސް ނުކުރަން ޕީސީބީން ކުންފުނިތަކަށް އަންގާފައިވެއެވެ. އެގޮތުން ތެރޭގައި ކުންފުނީގެ ވަޒީފާގެ އޮނިގަނޑަށް ބަދަލު ގެނައުމާއި، މުވައްޒަފުންނާ ގުޅޭ އުސޫލުތައް ބަދަލުކުރުމާއި، މުސާރައިގެ އުސޫލުތަކާއި ޤަވާއިދުތަކާއި ނިންމުންތައް ބަދަލުކުރުމާއި، ކުންފުނީގެ އާމްދަނީއާ ގުޅޭ އުސޫލުތަކާއި ގަވާއިދުތަކާއި ކުރީގެ ނިންމުންތައް ބަދަލުނުކުރަން އަންގާފައިވެއެވެ.
އަދި އިންތިޤާލީ މަރުހަލާއަށް އިންތިޚާބީ ރައީސް އެކުލަވައިލައްވާ ކޮމިޓީތަކުން އެދޭ މައުލޫމާތުތަކާއި ލިޔެކިޔުން ފަސޭހައިން އެ ކޮމިޓީއަށް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ޕީސީބީން ސަރުކާރު ކުންފުނިތައް ކިބައިން އެދިފައިވެއެވެ.
ޕީސީބީގެ މި އެންގުމާމެދު ވަރަށް ބޮޑަށް ނުރުހުންވެވަޑައިގެން އެ ބޯޑަށް ޙަލީމް ފާޑުވިދާޅުވިއެވެ. އެގޮތުން އޭނާ ވިދާޅުވީ ހުރިހާ ރިޔާސީ އިންތިޚާބެއްގައިވެސް ސަރުކާރަށް އިންތިޚާބު ކާމިޔާބުކޮށްދިނުމަށް ކުންފުނިތަކުން އެކި ކަންކަން ކުރާ ކަމަށެވެ. އަދި ޕީސީބީގެ އިޚުލާސްތެރިކަމެއް އޮތްނަމަ އެ ބޯޑުން ސާކިއުލާ ނެރޭނީ އިންތިޚާބުގެ ތެރޭގައި ކުންފުނިތަކުން ކުރި ކަންކަމާ ގުޅިގެންކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
"ރިޔާސީ އިންތިޚާބެއްގެ ތެރޭގައި އެންމެ ބޮޑަށް ކުންފުނިތައް ބޭނުންކޮށްފައި އޮންނަނީ. މިޝަކުވާއަކީ އަޅުގަނޑުމެންގެ ކޮމިޓީއަށް އަޅުގަނޑުމެންގެ ސަރުކާރެއް އޮވެމެ، ޕާޓީގެ އެމްޑީން އަޅުގަނޑުމެން އައްޔަންކޮށްފައި ތިބި އެމްޑީން ތިބި ކުންފުނިތަކުގައި އެކަން ހިނަގަމުން އަންނަކަން އެނގޭ،" ޙަލީމު ވިދާޅުވިއެވެ. އަދި އޭނާ އިތުރަށް ވިދާޅުވީ އެކަމަކީ ހުރިހާ ސަރުކާރެއްގައިވެސް ހިނގަމުން އަންނަ ކަމެއް ކަމަށެވެ.
"ޕީސީބީ އެއިރުގައި ކޮބައިތޯއޭ؟ މިދިޔަ އިންތިޚާބުގައި ކުންފުނިތަކުން ނަގަމުންދިޔަ އެޑްވާންޓޭޖުތައް ކުރަމުންދިޔަ މަސައްކަތްތައް، އަޅުގަނޑުމެންގެ ސަރުކާރުން އިންތިޚާބު ކާމިޔާބުކުރުމަށްޓަކައި. އެ ދަނޑިވަޅެއް ނޫންތޯ ބޯޑުން ފިޔަވަޅުއަޅަންޖެހޭނީ؟،"
ޙަލީމު ސިފަކުރެއްވި ގޮތުގައި އިންތިޚާބުގެ ތެރޭގައި ސަރުކާރުގެ ކުންފުނިތަކުން ގޯސްތައް ހަދަމުންދިޔައިރު ސާކިއުލާއެއް ނެރެ ފިޔަވަޅެއް ނާޅަައި ޕީސީބީ އޮތީ ސަރުކާރު ދެމިގެން ހިނަގައިދޭނެ ކަމުގެ އުންމީދު އޮތުމުންނެވެ. އަދި އިންތިޤާލީ މަރުހަލާއާ ގުޅިގެން ސާކިއުލާއެއް ނެރުނީ ސަރުކާރު ބަދަލުވާތީ މަޤާމުތަކުގައި ދެމިތިއްބެވުމުގެ ދަހިވެތިކަމުގައި ކަމަށްވެސް އޭނާ ތުހުމަތުކުރެއްވިއެވެ.
"ބައިވަރު ކަންކަން ހުރީ ކޮށްފައި. ބައިވަރު ވަޒީފާވެސް އުފައްދާފައި. މުސާރަތައްވެސް ހުރީ ބޮޑުކޮށްފައި. އެއިރު ތިބޭފުޅުން އެއަށް ސާކިއުލާ ނެރުއްވައި އެކަންކަން ނުހުއްޓުވައި ސަރުކާރު ބަދަލުވީމައި، ޑރ.މުޢިއްޒު ފޮނުއްވާފައިވާ ސިޓީއަކަށް ތިބޭފުޅުން ސާކިއުލާއެއް ނެރުއްވަނީ މިހާރު ބެލެވެނީ ތިތިއްބެވި މަޤާމަށް އައު ސަރުކާރުގެ ރުހުން ހުއްދެވުމުގެ ބޭނުމުގައި ކަމަށް،" ޙަލީމު ވިދާޅުވިއެވެ.
ޙަލީމުގެ ވާހަކަފުޅާ ގުޅިގެން ޕީސީބީން ފާހަގަކުރި ގޮތުގައި އެ ބޯޑުން މަސައްކަތްކުރަނީ ޤާނޫނީ އިމުގެ ތެރޭގައި ކަމަށެވެ. އަދި ކުންފުނިން ސާކިއުލާއެއް ނުނެރުނަސް ދައުލަތުގެ ކުންފުނިތަކުގެ މާލީ ކަންކަން ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް އެ ބޯޑުން ކަންތައްތަކެއް ކުރަމުން އައި ކަމަށެވެ.
ޕީސީބީން ނެރުނު ސާކިއުލާ ނެރެފައިވަނީ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ޕީސީބީއަށް އަދި ރައީސުލްޖުމްހޫރިއްޔާއަށް ސަރުކާރުން ހިންގާ ބައެއް ކަންކަން ހުއްޓައިދެއްވަން އެދިވަޑައިގަތުމުގެ ކުރިންނެވެ.