Sunday 3rd Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އާދަމް ޝަރީފް އުމަރު

ޖޭއެސްސީ އިސްލާހުކުރުމުގެ ވާހަކަ އެމްޑީޕީން މިހާރު ދައްކަނީ ޖެއްސުންކުރަން: އާދަމް ޝަރީފު

ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ޤާނޫނު އަސާސީ އިސްލާހުކޮށް ޖުޑީޝަލް ސާވިސް ކޮމިޝަން އެކުލެވިގެންވާ ގޮތް ބަދަލުކުރުމުގެ ބިލާ ގުޅިގެން އެމްޑީޕީގެ މަޖިލިސް މެންބަރުން މިހާރު ދައްކަވާ ވާހަކަފުޅުތަކަކީ ޖެއްސުންކުރުމުގެ ނިޔަތުގައި ދައްކަވާ ވާހަކަފުޅުތަކެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.

ޖޭއެސްސީ އެކުލެވިގެންވާ ގޮތް އިސްލާހުކޮށް، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް ޖޭއެސްސީގައި ނުހިމެނޭ ގޮތަށް ޖޭއެސްސީ އެކުލަވައިލަން ސަރުކާރުން ޤާނޫނު އަސާސީއަށް އިސްލާހެއް ހުށަހަޅާފައިވެއެވެ. އަދި ޖޭއެސްސީގެ ޤާނޫނު އެ އިސްލާހާ އެއްގޮތްވާ ގޮތުގެ މަތިން ބަދަލުކުރުމަށްވެސް އެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލެއްވެސް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވެއެވެ. މިއަދު މަޖިލީހުގެ ޖަލްސާގައި އޮތީ ޖޭއެސްސީގެ ޤާނޫނު އިސްލާހުކުރަން ހުށަހަޅާފައިވާ ބިލުގެ ބަހުސެވެ.

އެ ބަހުސްގައި ވާހަކަދައްކަވަމުން އާދަމް ޝަރީފު ވިދާޅުވީ ފާއިތުވި 4 އަހަރު ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ ސުޕާ މެޖޯރިޓީއެއް އަދި މިހާރުވެސް ބޮޑު މެޖޯރިޓީއެއް އޮވެމެ ޖޭއެސްސީ އިސްލާހުކުރުމުގެ ވާހަކަނުދައްކައި ތިބުމަށްފަހު، މިހާރު ޖޭއެސްސީ އިސްލާހުކުރުމުގެ ވާހަކަ އެމްޑީޕީން ދައްކަނީ ތެދުވެރި ނިޔަތެއްގައި ނޫންކަން ރައްޔިތުންނަށް ސާފުވާ ކަމަށެވެ. އަދި ރޭގަނޑުވެސް މަޖިލީހުގެ ކޮމިޓީތަކުގައި އެ ޕާޓީން ކުރަން ބޭނުންވާ މަސައްކަތްތަކެއް ކުރަމުންދާއިރު، ޖޭއެސްސީގެ އެކުލެވުން އިސްލާހުކުރުމުގެ މަސައްކަތް ލަސްވަނީ އެހެން ބަޔަކާހުރެކަމަށް ވިދާޅުވެ އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ މަޖިލިސް މެންބަރުން ދައްކަވާ ވާހަކަފުޅަކީ ރައްޔިތުން ޤަބޫލުކުރާނެ ވާހަކައެއް ނޫންކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އޭގެ އިތުރަށް މަޖިލީހުގެ މަސައްކަތްތައް މަޑުޖެހި ރައްޔިތުން އެދޭ ގޮތަށް މަސައްކަތްނުކުރެވޭ މިންވަރަށް މަޖިލީހުގެ ކަންކަން ޚަރާބުވެގެންދިޔައީ އެމްޑީޕީން އަމަލުކުރި ގޮތުންކަން ފާހަގަކުރައްވައި އާދަމް ޝަރީފު ވިދާޅުވީ މަޖިލީހުގައި މިހާރު އޮތް ހާލަތުގެ ޒިންމާ އުފުލަންޖެހޭނީ އެމްޑީޕީން ކަމަށެވެ.

އަދި މިވަގުތު އެމްޑީޕީން ޖުޑީޝަރީ އިސްލާހުކުރުމުގެ ވާހަކަދައްކާއިރު ފާއިތުވި 5 އަހަރު ރައްޔިތުންގެ މަޖިލީހުންވެސް އޮތީ ޖުޑީޝަރީއަށް ނުފޫޒު ފޯރުވުމަށް މަގުފަހިކޮށްދީފައި ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ. އަދި މިއަދާ ހަމައަށްވެސް ސަރުކާރުން "ކުރުދޮށީގައި" ޖުޑީޝަރީއަށް ނުފޫޒު ފޯރުވަމުންދާކަމަށްވެސް އާދަމް ޝަރީފު ވިދާޅުވިއެވެ. އެހެންކަމުން މަޖިލީހުގައި މިހާރު ހިނގަމުންދާ ބަހުސަކީ އަދި ސަރުކާރުން ހުށަހަޅާފައިވާ ބަހުސަކީ އެއްވެސް އިޚުލާސްތެރި ނިޔަތެއް އޮވެގެން ކުރާ ކަމެއް ނޫންކަން ސާފުނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަދި ސަރުކާރު އިތުރު ދައުރަކަށް ބާއްވަންނުޖެހޭކަމަށް ރައްޔިތުން ނިންމާފައިވާ މި މަރުހަލާގައިވެސް ސަރުކާރުން ނޭދެވޭ ކަންކަން ކުރަމުން އަންނަކަމުގައި އޭނާ ވިދާޅުވިއެވެ. އެކަމުގެ މިސާލެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވީ އައު ސަފީރުން ސަރުކާރުން އައްޔަންކުރަމުންދާ ދިއުމާއި ވަޒީފާތައް ދިނުމާއި، ވަޒީފާގެ ޕްރޮމޯޝަން ދެމުންދާ ކަމުގެ މައްޗަށެވެ.

މި ލިއުމާއި ގުޅޭ