Sunday 21st Jul 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މޯލްޑިވްސް ނޭޝަނަލް ޕާޓީ

މަޖިލިސް އިންތިހާބުގައި ވެސް އެމްއެންޕީން މަސައްކަތްކުރާނީ ޕީޕީއެމް/ޕީއެންސީއާއެކު

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި، މާލޭގެ މޭޔަރު ހޮވުމަށް ބާއްވާ އިންތިހާބުގައި ވެސް އެމްއެންޕީން މަސައްކަތް ކުރާނީ ޕީޕީއެމް/ޕީއެންސީން ކޯލިޝަނާ އެކު ކަމަށް އެމްއެންޕީން ބުނެފި އެވެ.
މިދިޔަ މަހު 9 ގައި ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެމްއެންޕީގެ ފަރާތުން އެ ޕާޓީގެ ރައީސް އަދި ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވާދަކުރައްވައި ލިބުނީ މަދު ވޯޓެވެ.
އެއާއެކު އިންތިހާބުގެ ދެވަނަ ބުރާ ދިމާކޮށް އެމްއެންޕީން ވަނީ ޕީޕީއެމް/ޕީއެންސީއާއެކު ކޯލިޝަން ހަދާފަ އެވެ. މިދިޔަ މަހު 12 ގައި ދެ ޕާޓީން އެއްބަސްވުމުގައި ސޮއިކުރީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެކީގައި މަސައްކަތް ކުރުމަށެވެ.
ރޭ ބޭއްވި އެމްއެންޕީގެ ކައުންސިލް ބައްދަލުވުމެއްގައި ނާޒިމް ވިދާޅުވީ ކުރިއަށް އޮތް ދެ އިންތިހާބުގައި ވެސް މަސައްކަތް ކުރާނީ ރިޔާސީ އިންތިހާބެކޭ އެއްގޮތަށް ތިން ޕާޓީ [ޕީޕީއެމް/ޕީއެންސީ އަދި އެމްއެންޕީ] އެކީގައި ކަމަށެވެ.
ނާޒިމް ވިދާޅުވި ގޮތުގައި އެ އެއްބަސްވުމުގައި ހިމެނޭ އިންތިހާބުތަކާ ބެހޭ މާއްދާގައި ވާގޮތުން ރާއްޖޭގައި ބާއްވާ ހުރިހާ އިންތިހާބުތަކެއްގައި ވާދަކުރާނީ ޕީޕީއެމް/އެމްއެންޕީ އެކުގަ އެވެ. އަދި އިންތިހާބުތަކަށް ޕްރައިމަރީގައި ވާދަކުރަންޖެހޭ ހާލަތެއް އަތުވެއްޖެ ނަމަ އެ ޕްރައިމަރީ ކާމިޔާބު ކުރާ މީހަކު ހޮވުމަށް ދެ ޕާޓީ ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ.
އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބުގައި ވާދަކުރެއްވީ މާލޭގެ މޭޔަރު ކަމުގައި ހުންނަވައިގެންނެވެ. އެހެންވެ، މާލޭގެ މޭޔަރުކަމުގެ މަސްއޫލިއްޔަތުތައް މިހާރު ހަވާލުކުރައްވާފައިވަނީ ޑެޕިއުޓީ މޭޔަރާ އެވެ.
އެހެންކަމުން މަލޭގެ މޭޔަރު ހޮވުމުގެ އިންތިހާބު ބާއްވަން ޖެހޭއިރު، އަންނަ އަހަރުގެ އޭޕްރީލް މަހު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވާނެ އެވެ. ޕީޕީއެމް/ޕީއެންސީން ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ހުރިހާ ގޮނޑިއަކަށް ވާދަކުރާނެކަން އެ ކޯލިޝަނުން ވަނީ ހާމަކޮށްފަ އެވެ.
މި ލިއުމާއި ގުޅޭ