Sunday 3rd Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މޯލްޑިވްސް ކަސްޓަމްސް

ރައީސް އިބްރާހީމަށް އިންތިޚާބުގައި ކެމްޕެއިންކޮށްދިން ކަސްޓަމަސްގެ އޮފިސަރުންނަށް ޕްރޮމޯޝަން ދީފި

ފާއިތުވި ރިޔާސީ އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ކެމްޕެއިނުގައި މަސައްކަތްކުރެއްވި މޯލްޑިވްސް ކަސްޓަމްސްގެ އޮފިސަރުންނަށް އެމަނިކުފާނު ވައުދުވެވަޑައިގެންނެވި ގޮތަށް ޕްރޮމޯޝަން ދީފިއެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ކުރިމަތިވެވަޑައިގެންނެވި ބޮޑު ނާކާމިޔާބަށްފަހު ސޯލްޓު ކެފޭގައި ކަސްޓަމުގެ އިސް އޮފިސަރުންތަކަކާ ބައްދަލުކުރައްވައި ކަސްޓަމުގައި އެމަނިކުފާނަށް އޮތް ތާއީދު ވަރަށް ބޮޑަށް ހީނަރުވެފައިވާކަން ސަމާލުކަމަށް އައިސްފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އޮފިސަރަކާ ހަވާލާދީ ކަސްޓަމްސްގެ އިސްވެރިޔަކު ވިދާޅުވީ އޮފިސަރުން ރައީސާ ހިއްސާކުރި އެއް ޝަކުވާއަކީ އެމަނިކުފާނަށް ތާއީދުކުރާ އޮފިސަރުންނަށް ލިބޭނެކަމަށް ސަރުކާރާއި އެމްޑީޕީގެ ބައެެއް ވެރިން ޔަގީންކަން ދެއްވާފައިވާ ޕްރޮމޯޝަންތައް އިންތިޚާބުގެ ކުރިން ނުލިބުމެވެ. ރައީސް ވައުދުވެވަޑައިގަތީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުގެ ކުރިން އެ ޕްރޮމޯޝަންތައް ލިބޭނެ ގޮތް ހަމަޖެއްސެވުމަށެވެ.

އިންތިޚާބުގެ ދެވަނަ ބުރުގެ ކެމްޕެއިނުގެ ތެރޭގައި ވަޒީފާގެ ޕްރޮމޯޝަންތައް ހަމަޖައްސައިދެވިފައިނުވެއެވެ. އެހެންނަމަވެސް އެއޮފިސަރުންނަށް ޕްރޮމޯޝަން ހަމަޖައްސަން ބޭނުންވާ ބަޖެޓު ހަމަޖައްސައި އެކަން ކަސްޓަމަށް ރައީސް އޮފީހުން އޮތީ އަންގާފައެވެ.

ރައީސްގެ ކެމްޕެއިން ޓީމުގައި ހިމެނުނު އޮފިސަރުންނަށް ޕްރޮމޯޝަން ހަމަޖައްސަން ބެލިއިރު ޑަބަލް ޕްރޮމޯޝަން ދިނުމަށް އެއިން ގިނަ އޮފިސަރުން ޝަރުތު ފުރިހަމަނުވިކަމަށް އެ އިދާރާގެ އިސްވެރިޔަކު މައުލޫމާތު ދެއްވިއެވެ. އެ އޮފިސަރުންނަށް ޕްރޮމޯޝަން ދިނުމަށް ޤަވާއިދު ތަން ނުދިނުމުން އެ ޤަވާއިދު އަލުން އެކުލަވައިލާ 25 ސެޕްޓެންބަރު 2023 ވަނަ ދުވަހުގައި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައިވެއެވެ.

އަދި ޑަބަލް ޕްރޮމޯޝަން ދިނުމުގައި ޕާފޯމެންސްއާއި މަސައްކަތު އަޚުލާޤަށް ބަލާތީ ސަސްޕެންޝަނުގަައި ތިބި ބައެއް އޮފިސަރުންނަށް ޕްރޮމޯޝަން ނުދެވޭތީ އުސޫލު ބަދަލުކޮށް، އިންޓަވިއުކޮށްގެން އެ އޮފިސަރުންނަށްވެސް ޑަބަލް ޕްރޮމޯޝަން ދެވޭ ގޮތަށް ކަސްޓަމްސްގައި ޕްރޮމޯޝަން ދިނުމުގައި އަމަލުކުރާ އިދާރީ މިންގަނޑުވެސް ބަދަލުކޮށްފައިވާކަމަށް "ދިޔަރެސް"އަށް މައުލޫމާތު ދެއްވި އޮފިސަރު ވިދާޅުވިއެވެ.

ރައީސް އިބްރާހީމުގެ ކެމްޕޭން ޓީމަށް ޕްރޮމޯޝަން ދިނީ އެއީ ޕްރޮމޯޝަން ނުލިބި ގިނަ ދުވަސްވެފައި ތިބުމުގެ ސަބަބުން ޕްރޮމޯޝަން ދޭންޖެހޭ ބައެއް ކަމުގައި ދައްކައިގެންނެވެ. ނަމަވެސް މިސަރުކާރުގައި 2019 އަދި 2021 ގައިވެސް އެ އޮފިސަރުންނަށް ވަނީ ޕްރޮމޯޝަން ދީފައެވެ. އެފަހަރުވެސް ރައީސް އިބްރާހީމުގެ ކެމްޕޭން ޓީމުގައި ހިމެނޭ އޮފިސަރުންނަށް ވަނީ ޑަބަލް ޕްރޮމޯޝަން ދީފައެވެ. އެހެންކަމުން ރައީސް އިބްރާހީމުގެ ވެރިކަމުގައި އެ އޮފިސަރުންނަށް ވަނީ 4 ޕްރޮމޯޝަން ދީފައެވެ. ކަސްޓަމްސްގައި ކިޔަވައިގެން ތިބި ގާބިލު އަދި ޕާފޯމަންސް ރަނގަޅު އޮފިސަރުންނަށް މި ބީދައިން ޕްރޮމޯޝަން ނުލިބުނު ސަބަބަކީ ހަމައެކަނި ރައީސް އިބްރާހީމް ދެވަނަ ދައުރަކަށް ހޮވުމަށް މަރުދަން ނުޖެހުމެވެ.

ރައީސް އިބްރާހީމުގެ އެންގެވުމަށް ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ޢަބްދުﷲ ޝަރީފްއާ ބައިވެރިވެގެން ގަވާއިދުތަކާއި އުސޫލުތައް ބަދަލުކޮށް، ޕާފޯމަންސާއި މަސައްކަތުގެ އަޚްލާގަށް ނުބަލައި، އިންޓަރވިއުއެއް ކޮށްގެން ޕްރޮމޯޝަން ދޭން ކަސްޓަމްސްގެ 133 އަހަރުވީ ތާރީޚުގައި އަލަށް ނިންމީ ރައީސް އިބްރާހީމް ނުހައްގުން މަތީ މަގާމަކަށް ޕްރޮމޯޓްކޮށްފައިވާ ޑެޕިއުޓީ ޗީފް ސުޕްރިންޓެންޑް އާދަމް ޝަފީގުއާއި މިސަރުކާރުގައި މީރާގެ ބޯޑާއި އެނޫންވެސް ބޯޑުތަކަށް އައްޔަނުކޮށްފައިވާ ސީނިއަރ ސުޕްރިންޓެންޑެންޓް މުމްތާޒް ޢަބްދުއްރަޝީދުއެވެ.
މި ޕްރޮމޯޝަނަކީ ކެމްޕޭން ޓީމަށް އެކަނި ދިން ޕްރޮމޯޝަނެއް ނޫންކަމަށް ދެއްކުމުގެ ގޮތުން ވަކި ރޭންކަކުން ދަށުގެ ބައެއް ޢާންމު އޮފިސަރުންނަށްވެސް ސިންގަލް ޕްރޮމޯޝަން ވަނީ ދީފައެވެ. އަދި މި ޕްރޮމޯޝަން މި ދިނީ އިންތިޚާބުވެފައިވާ ސަރުކާރުގެ ޓްރާންސިޝަން ކޮމިޓީތައް މަސައްކަތް ފެށުމުގެ ކުރިން މިކަން ނިންމުމުގެ މަގްސަދުގައެވެ.
ކަސްޓަމްސްއިން މި ޕްރޮމޯޝަން ދީފައި މިވަނީ މިފަދަ ގޮތްގޮތަށް މަގާމުގެ ކުރިއެރުން ނުދިނުމަށް އިންތިޚާބީ ރައީސުލް ޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މިހާރުގެ ސަރުކާރުގައި ދަންނަވާފައިވަނިކޮށެވެ.
މި ލިއުމާއި ގުޅޭ