އާ ސަރުކާރު ވެރިކަމާ ހަވާލުވުމަށް ތައްޔާރުވަމުން އަންނަ އިންތިގާލީ މަރުހަލާގައި މިފްކޯއިން އެ ކުންފުނީގެ މުވައްޒަފުންނަށް ޕްރޮމޯޝަންތައް ދެމުންދާ މައްސަލަ ފެންމަތިވެއްޖެ އެވެ.
"ދިޔަރެސް" އަށް މައުލޫމާތު ދިން އެ ކުންފުނީގެ މުވައްޒަފަކު ބުނި ގޮތުގައި ޓްރާންސިޝަން ޕީރިއަޑްގައި ވެސް ވެމްކޯއިން ދަނީ ޕްރޮމޮޝަންތައް ދެމުންނެވެ.
އެގޮތުން ދެ އަހަރުގެ މުއްދަތަކަށް ކުރިން ވަޒީފާއަށް ނަގާފައި ހުރި ސީއެފްއޯ ވެސް ޓްރާންސިޝަން މުއްދަތުގެ ތެރޭގައި ދާއިމީ މުވައްޒަފަކަށް ހަދާފައިވާ ކަމަށް އޭނާ ބުންޏެވެ.
ސީއެފްއޯގެ ވަޒީފާ އެއްބަސްވުން އޮތީ މި މަހު 13 ގައި ހަމަވާ ގޮތަށެވެ. އެކަމަކު އެކަން ބަދަލުކޮށް އިންތިގާލީ މަރުހަލާގެ ތެރޭގައި މިހާރު ވަނީ އޭނާ ދާއިމީ ކުރަން އެއްބަސްވުމުގައި ސޮއިކުރުވާފަ އެވެ.
އަދި މިފްކޯގެ ފައިނެންޝަލް ކޮންޓްރޯލާގެ އާއިލާ މީހަކަށް ވެސް އެއާ އެއް ފެންވަރުގެ މަގާމެއް ދީފައިވާ ކަމަށް އެމީހާ ބުންޏެވެ.
އޭނާ ބުނި ގޮތުގައި ވަޒީފާ ދޭން ފާސްކުރަނީ ކޮމިޓީއަކުންނެވެ. ޗިޓް ހަދަނީ އެގޮތަށް ކޮމިޓީން ފާސްކުރުމަށްފަހު އެވެ.
މިފްކޯގެ އިތުރުން ވެމްކޯއިންނާއި ފެނަކައިން ވެސް އިންތިގާލީ މަރުހަލާގެ ތެރޭގައި ގިނަ އަދަދެއްގެ މީހުންނަށް ވަޒީފާތައް ދެމުންދާ މައްސަލަ ވަނީ ފެންމަތިވެފަ އެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ދައުލަތުގެ ކުންފުނިތަކުން ބައެއް މީހުންނަށް ވަޒީފާ ދެމުން އަންނަކަން އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސަމާލުކަމަށް އައިސްފައިވާކަން އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އޮފީހުގެ ތަރުޖަމާން މުޙައްމަދު ފިރުޒުލްވަނީ ހާމަކުރައްވާފައެވެ. އަދި އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒާއި އިންތިޚާބީ ރައީސް އޮފީހުގެ އިލްތިމާސަކީ މި މަރުހަލާއަށް އިހުތިރާމުކުރުމުގެ ގޮތުން އެފަދައިން މުވައްޒަފުންނަށް ވަޒީފާ ހަމަނުޖެއްސުންކަމަށްވެސް ފިރުޒުލް ވިދާޅުވިއެވެ.
މީގެ ކުރިން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ފޮނުއްވި ސިޓީފުޅެއްގައި އިންތިޚާބީ ރައީސްވަނީ ސަރުކާރުން 7 ކަމެއް ކުރުން މި މަރުހަލާގެ ބޭނުމަށްޓަކައި ހުއްޓުމަކަށް ގެންނެވުމަށް އެދިވަޑައިގެންފައެވެ. އެގޮތުން ދައުލަތުގެ އެއްވެސް ވަޒީފާއަކަށް އަލަށް މީހަކު ނުނެގުމާއި، ވަޒީފާގެ ކުރިއެރުން ނުދިނުމަށް އެމަނިކުފާނުވަނީ ރައީސް އިބްރާހީމުގެ އަރިހުން އެދިވަޑައިގެންފައެވެ.
ސިޔާސީ މަގާމުތަކުގެ ބޭރުން މި ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލްގެ ދަށުގައިވާ ސިވިލް ސަރވިސްއާއި، ދައުލަތުގެ އެކި މުއައްސަސާތަކާއި ކުންފުނިތަކަށް ކުރީގެ ތާރީހުތަކުގައި އެތައް ސަތޭކަ ވަޒީފާއެއް މި ވަގުތު އުފައްދަމުން ގެންދަނީ ސިޔާސީ މަގާމުތައް ފިޔަވައި އެހެން އެއްވެސް ވަޒީފާއަކުން މީހުން ވަކިނުކުރާނެކަމަށް އިންތިހާބީ ރައީސް ވައުދުވެ ވަޑައިގެންފައިވާތީ އެވެ.
ކުރިއަށް އޮތް ދައުރުގައި އުފެދޭ ސަރުކާރާއި ދެކޮޅަށް މަސައްކަތްކުރަން ތިބި އެމްޑީޕީއަށް ނިސްބަތްވާ ކުރިން ވަޒީފާ ދެވިފައިނެތް ހުރިހާ ފަރާތްތަކަށް މިދުވަސްވަރު ވަޒީފާ ހަމަޖައްސަމުން ގެންދާ ސަބަބެއްގެ ގޮތުގައި "ދިޔަރެސް"އާ ވާހަކަ ދެއްކި ފަރާތުން ފާހަގަކުރީ ޑރ.މުއިއްޒުގެ ވެރިކަމުގައި އިތުރު އެއްވެސް ވަޒީފާއެއް ނުއުފެއްދޭ ވަރަށް ސަރުކާރާއި ދައުލަތުގެ ކުންފުނިތައް ތާށިކުރުމެވެ.