ރާއްޖޭގެ ކްރެޑިޓު ރޭޓިން ހަދާ އެޖެންސީތަކުގެ ތެރެއިން ފިޗް ރޭޓިންސްއިން ރާއްޖޭގެ ކްރެޑިޓު ރޭޓިން ބީ މައިނަސްގައި ދެމެހެއްޓުމާއެކު، ރާއްޖޭގެ އިޤުތިޞާދަށް ހުރި ބޮޑެތި ހިރާސްތަކެއް ފާހަގަކޮށްފިއެވެ.
ރާއްޖޭގެ ކްރެޑިޓް ރޭޓިން ފިޗުން އެންމެ ފުރަތަމަ ހެދީ ރައީސް ޢަބްދުﷲ ޔާމީނުގެ ވެރިކަމުގައި 2018 ވަނަ އަހަރުއެވެ. ބީ ޕްލަސް ރޭޓިންއެއް އެއިރު ލިބުނު ނަމަވެސް ކޮވިޑުގެ އާލަމީ ވަބާގެ ސަބަބުން އިޤުތިޞާދަށް އައި ލޮޅުމާއެކު ރާއްޖޭގެ ކްރެޑިޓް ރޭޓިން ސީއަށް ދަށްކުރުމަށްފަހު 2021 ވަނަ އަހަރުގައި ރޭޓިން ބީ މައިނަސްއަށް މަތިކުރިއެވެ.
ޖެހިޖެހިހެން ތިންވަނަ ފަހަރަށް ބީ މައިނަސްގައި ރާއްޖޭގެ ކްރެޑިޓް ރޭޓިން ދެމެހެއްޓިއިރު ރާއްޖޭގެ އިޤުތިޞާދު އެކަށީގެންވާ މިންވަރަކަށް ކުރިއަރާނެކަން ފިޗުން ފާހަގަކުރިއެވެ. އަދި ޖިއޯ ޕޮލިޓިކްސްގައި ރާއްޖޭގެ ސްޓްރެޓެޖިކް މުހިއްމުކަމުން ދޭދޭ ދައުލަތްތަކާއި ގިނަ ދައުލަތް އެކުލެވޭ އިދާރާތަކާއި ޖަމްއިއްޔާތަކުން ރާއްޖެއަށް ފައިސާ ލިބުމުގެ ފުރުސަތު ބޮޑުކަން ފާހަގަކޮށްފައިވެއެވެ.
އެހެނަމަވެސް ރާއްޖޭގެ އިޤުތިޞާދަށް ހުރި ހިރާސްތައް ގިނަވުމާއި މުސްތަޤުބަލުގައި ކުރިމަތިވެދާނެ ދަތިތަކަށް ރިއާޔަތްކޮށް ރާއްޖޭގެ ކްރެޑިޓް ރޭޓިން "ބީ މައިނަސް"ގައި ނެގެހެއްޓުމާއެކު، އިޤުތިޞާދީ ކުރިމަގު ފެންނަ ގޮތް ނުވަތަ އައުޓްލުކް ނެގެޓިވްކަމަށް އެ އެޖެންސީން ބުނެފައިވެއެވެ.
ފިޗުން ފާހަގަކުރި ހިރާސްތަކުގެ ތެރޭގައި ހަކަތައަށް ކުރާ ޚަރަދާއި ކާބޯތަކެއްޗަށް ކުރާ ހޭދަ ކުރިއަށް އޮތް ތަނުގައި ބޮޑުވާނެއެވެ. އެކަމުގެ ސަބަބުން ފައިސާގެ އަގު ހިފަހެއްޓުމަށް މަރުކަޒީ ބޭންކު އެމްއެމްއޭއިން ތަދައްޚުލުވާންޖެހޭނެއެވެ. އިންޑިއާގެ ރިޒާވް ބޭންކުން 300 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕެއް ހަދައި، އެމްއެމްއޭއިން ދަރަންޏަށް ފައިސާ ނަގާފައިވާކަން އެ އެޖެންސީން ފާހަގަކުރިއެވެ.
އަދި ރާއްޖޭގެ ޖުމްލަ ރިޒާވް ނުވަތަ ގްރޮސް ރިޒާވް 16.6 އިންސައްތަ ދަށަށް ގޮސް، 823 މިލިއަން ޑޮލަރުން 694 މިލިއަން ޑޮލަރަށް ދަށްވެފައިވާކަން އެ އެޖެންސީން ފާހަގަކޮށްފައިވެއެވެ. އަދި މިހާރު ރިޒާވްގައި ބޭނުންކުރެވޭ ގޮތަށް ހުރީ 1.1 މަހުގެ ބޭރުގެ ޕޭމެންޓުތައް ހެދޭ މިންވަރަށް ފައިސާކަން އެ ރިޕޯޓުގައި ފާހަގަކުރިއެވެ.
ރިޒާވްގެ ހާލަތު ދަށްވުމުގެ އިތުރަށް ބޭރުގެ ދަރަނިތައް އަދާކުރުމުގައި ގޮންޖެހުންތަކެއް ހުރިކަން ފިޗުން ފާހަގަކޮށްފައިވެއެވެ. އެގޮތުން ދައުލަތުގެ ސީދާ ދަރަނީގެ ގޮތުގައި 2024 ވަނަ އަހަރު 232 މިލިއަން ޑޮލަރު އަދި ދައުލަތުން ގަރަންޓީ ދީފައިވާ ދަރަނީގެ ގޮތުގައި ދައްކަންޖެހޭ 298 އެމެރިކާ ޑޮލަރު އޮތްކަން ފާހަގަކޮށްފައިވެއެވެ.
ބޭރުގެ ދަރަނި އަދާކުރުމަށް 363 މިލިއަން ޑޮލަރު 2025 ގައި ޚަރަދުކުރަންޖެހޭއިރު 2026 ގައި 887 މިލިއަން ޑޮލަރު ދައްކަންޖެހޭކަން ފިޗުން ފާހަގަކުރިއެވެ. 2026ގައި ދައްކަންޖެހޭ ފައިސާގެ ތެރޭގައި 500 މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކުވެސް ހިމެނޭކަން ފިޗުން ފާހަގަކުރިއެވެ.
ފިޗުން އަންދާޒާކުރާ ގޮތުގައި 2025 ވަނަ އަހަރުގައި ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނި 101.7 އިންސައްތައަށް އަރާނެއެވެ. އަދި މެދުރާސްތާގައި ދަރަނި އިތުރުވާނެކަމަށްވެސް އެ އެޖެންސީން ލަފާކުރެއެވެ. ޚަރަދު ކުޑަކުރުމަށް ކަނޑައަޅާފައިވާ ސިޔާސަތު ތަންފީޒުވުން ލަސްވުމަކީ ދަރަނި އިތުރުވާނެކަމަށް ލަފާކުރާ އެއް ސަބަބުގެ ގޮތުގައި ފިޗުން ފާހަގަކޮށްފައިވެއެވެ.