Thursday 25th Jul 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެންބަރު އިމްތިޔާޒު ފަހުމީ

އިންތިހާބުން ބަލިވުމުން ރައީސް ނަޝީދު ވަކިކުރަން އުޅޭތީ އިންތިގެ މަލާމާތެއް އެމްޑީޕީއަށް

ނިމިދިޔަ ރިޔާސީ އިންތިހާބުން އެމްޑީޕީއަށް ލިބުނު ނާކާމިޔާބީއަށްފަހު އަނެއްކާވެސް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރުމުގެ މަސައްކަތް އެ ޕާޓީން ފެށުމުން މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ފާޑުވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ކުރީގެ ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެ ޕާޓީން އެންމެ ފުރަތަމަ މިދިޔަ ޖުލައި މަހު ހުށަހެޅީ އެމަނިކުފާނު އެމްޑީޕީން އިސްތިއުފާދެއްވި ހިސާބުންނެވެ.
އެކަމަކު ރައީސް ނަޝީދާއެކު މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވެސް ވަކިކުރަން އެމްޑީޕީން އެފަހަރު ހުށަހެޅުމުން، ދެބޭފުޅުން ވެސް ރިޔާސަތު ބަލަހައްޓަވަން އުޒުރުވެރިވެވަޑައިގަތުމާއެކު މަޖިލިސް ކުރިއަށް ގެންދެވޭ ގޮތް ނުވުމުން، "މަސްލަހަތަށް" ކަމަށް ބުނެ އެމްޑީޕީން އެ މައްސަލަ އަނބުރާ ގެންދިޔައީ ނިމިދިޔަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރާ ދިމާކޮށެވެ.
އެކަމަކު ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވެސް ރައީސް ނަޝީދާއި ޑިމޮކްރެޓްސް އިން އެމްޑީޕީއަށް ތާއީދުނުކުރި އެވެ.
އެއާއެކު އެމްޑީޕީން އަނެއްކާވެސް އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލަ ރޭ ވަނީ ހުށަހަޅާފަ އެވެ. އެ މައްސަލަ މަޖިލިހަށް ހުށަހަޅާފައިވަނީ 48 މެމްބަރުންގެ ސޮޔާއެކު އެވެ.
އެކަމާ ގުޅިގެން އިންތި ކުރެއްވި ޓުވީޓެއްގައި ވަނީ އެމްޑީޕީން ޖެހި ހިސާބު ދިމާނުވެ، ވެރިކަން ގެއްލުމުން އަދިވެސް މީހަކަށް ދެރައެއް ދެވޭތޯ މަސައްކަތް ކުރާކަމަށް ބުނެ މަލާމާތް ރައްދުކޮށްފަ އެވެ.
"ހަހަހަ! އަދި ވެސް މީހެއްގެ ގަޔަށް ކުޅެއް ނަމަވެސް ޖެހޭތޯ ތަ ބަލަންވީ؟ ތިމާމެން ޖަހާ ހިސާބު ދިމާނުވެ ލަދުގޮތަކަށް ވެރިކަން ގެއްލިދިއަ ގޮތާމެދު އިނގިލީގައި ދަތް އަޅައިގެން އޮވެ ވިސްނަންވީ ވަގުތެއް ނޫންތަ މިއީ؟،" އިންތި ވިދާޅުވި އެވެ.
ރައީސް ނަޝީދާއެކު އެމްޑީޕީގެ މެންބަރުންތަކެއް އެ ޕާޓީން ވަކިވެވަޑައިގެން އުފެއްދެވި އާ ޕާޓީ، ޑިމޮކްރެޓްސްގެ ފަރާތުން ވާދަކުރެއްވި އިލްޔާސް ލަބީބަށް ފުރަތަމަ ބުރުގައި 15،000 އަށްވުރެ ގިނަ ވޯޓު ލިބިވަޑައިގެންނެވި އެވެ.
ފުރަތަމަ ބުރުގައި އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް %56 ވޯޓު ލިބިލައްވާނެ ކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ކެމްޕެއިންގެ ތެރެއިން ވިދާޅުވި ނަމަވެސް، އެމަނިކުފާނަށް ލިބިވަޑައިގެންނެވީ %39 އެވެ.
ދެވަނަ ބުރާ ދިމާކޮށް ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އަނބުރާ ގެންދިއުމުން ވެސް ޑިމޮކްރެޓްސް އިން ނިންމީ އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރާށެވެ. އެކަމަކު ރަސްމީކޮށް އެއްވެސް ކެންޑިޑޭޓަކަށް ތާއީދުނުކުރި ނަމަވެސް އެ ޕާޓީގެ އިސް ބައެއް ބޭފުޅުންވަނީ ފާޅުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނޫން ގޮތެއް ހޯދަންޖެހޭކަމަށް ވިދާޅުވެ އިންތިހާބު ކާމިޔާބުކުރެއްވި އިދިކޮޅު ކެންޑިޑޭޓަށް ކެމްޕެއިން ކުރައްވާފަ އެވެ.
އެއާއެކު އިންތިހާބަށްފަހު "ނަޝީދު ނޫން ގޮތެއް" ކަމަށް ބުނެ އެމްޑީޕީގެ އެކްޓިވިސްޓުން ވަނީ މީސްމީޑިއާގައި ވަރަށް ބޮޑަށް އަޑުއުފުލަން ފަށާފަ އެވެ. އަދި އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅި ސަބަބެއް ކަމަށް އެމްޑީޕީން ބުނެފައިވަނީ އިސްލާހުގެ ނަމުގައި މަގާމުގެ ދަހިވެތިކަން އިސްކޮށް އެމްޑީޕީއަށް ގެއްލުން ދިނުމެވެ.
ދެވަނަ ބުރު އިދިކޮޅުގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ކާމިޔާބު ކުރެއްވީ 53.9 އިންސައްތަ ވޯޓުންނެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންނެވީ 46 އިންސައްތަ ވޯޓެވެ.
މި ލިއުމާއި ގުޅޭ