ސަޢުދީ ޢަރަބިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އެމަނިކުފާނު އަރިހަށް ކުރެއްވި އިޙުތިރާމުގެ ޒިޔާރަތުގައި، އިސްލާމީ ޢަރަބި ޤައުމުތަކާ އޮންނަ ގުޅުން އިތުރަށް ބަދަހިކުރައްވަން ބޭނުންފުޅުވާކަމަށް އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އެދިވަޑައިގެންފިއެވެ.
މ.ދިމްޔާޠުގައި ހުންނަ އިންތިޚާބީ ރައީސްގެ އޮފީހަށް ސަޢުދީ ސަފީރު ކުރެއްވި ޒިޔާރަތުގައި އިންތިޚާބީ ރައީސާއި އެމަނިކުފާނުގެ ނައިބު ބައިވެރިވެވަޑައިގެންނެވިއެވެ. އެ ބައްދަލުވުމުގައި ޑރ.މުޢިއްޒުވަނީ އަންނަ ވެރިކަމުގައި ދެ ޤައުމުގެ ގުޅުން މިހާރަށްވުރެ ހަރުދަނާކުރެވި އައު ހަރުފަތަކަށް ގެންދަވަން އުންމީދުކުރައްވާކަމަށް ސަފީރު އަރިހުގައި ވިދާޅުވެފައެވެ.
އޭގެ އިތުރަށް ރާއްޖެއަކީ އިސްލާމި ޤައުމެއްކަމަށްވުމާއެކު، އެމަނިކުފާނުގެ ވެރިކަމުގައި ޢަރަބި އިސްލާމީ ޤައުމުތަކާ އޮންނަ ގުޅުން މިހާރަށްވުރެ ބަދަހިކުރައްވައި ހަރުުދަނާކުރައްވަން ބޭނުންފުޅުވާކަމަށްވެސް ޑރ.މުޢިއްޒު ވިދާޅުވިއެވެ.
ސަޢުދީ ޢަރަބިއްޔާގެ އެހީތެރިކަމާއެކު ރާއްޖޭގައި ކުރިއަށްގެންދިޔަ އަދި މިހާރުވެސް ހިނގަމުންދާ މަޝްރޫޢުތައް ފާހަގަކުރައްވައި އެ ޤައުމުން ފޯރުކޮށްދޭ އެހީތެރިކަމަށް އިންތިޚާބީ ރައީސް ޝުކުރުއަދާކުރެއްވިއެވެ.
އަދި އެމަނިކުފާނު ވެރިކަމަށް ވަޑައިގަތުމަށް ވެވަޑައިގެންނެވި ވައުދުތައް އަންނަ ދައުރުގައި ފުއްދެވުމުގައި ސަޢުދީ ޢަރަބިއްޔާގެ އެހީތެރިކަމާއި ބައިވެރިވުން ފޯރުކޮށްދިނުމަށް އެމަނިކުފާނު ސަފީރު އަރިހުން އެދިވަޑައިގެންނެވިއެވެ.
ސަފީރުގެ ވާހަކަފުޅުގައި ރާއްޖެއާއި ސަޢުދީއަކީ އެއްގޮތަށްވުރެ ގިނަ ގޮތުން ގުޅިފައިވާ ދެ ޤައުމުކަން ފާހަގަކުރެއްވިއެވެ. އަދި އެކި ދާއިރާތަކުން މިގުޅުން އިތުރަށް ބަދަހިކުރުމުގައާއި، ރާއްޖޭގެ ތަރައްޤީއަށް ކުރަންޖެހޭ އެކި މަސައްކަތްތަކުގއި އެއްބާރުލުން ސައުދީން ދޭނެކަމުގެ ޔަގީންކަން ސަފީރު ދެއްވިއެވެ.