Sunday 25th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ނޭޝަނަލް ޑިޒާސްޓާ މެނޭޖުމެންޓު އޮތޯރިޓީ

ކުރިއަށް އޮތް ދެ ދުވަހު ވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސްވާނެ: އެންޑީއެމްއޭ

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ކުރިއަށް އޮތް ދެ ދުވަހު ވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ އެކަމަށް ސަމާލުވުމަށް ވެސް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓު އޮތޯރިޓީ (އެންޑީއެމްއޭ)އިން އިލްތިމާސްކޮށްފިއެވެ.

އެންޑީއެމްއޭއިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ، ހާއްސަކޮށް މެންދަމު ވާރޭވެހި ގެއަށް ފެންވަނުމުގެ ސަބަބުން ފަރުނީޗަރާއި ކަރަންޓު ސާމާނަށް ލިބިދާނެ ގެއްލުންތަކަށް ސަމާލުވުމަށް އެދިފައިވެއެވެ.

އެންޑީއެމްއޭއިން ބުނީ އިއްޔެއާއި މިއަދު ރާއްޖޭގެ ހަތަރު ރަށެއްގައި ފެންބޮޑުވެގެން ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެގޮތުން އިއްޔެ އެ އޮތޯރިޓީއަށް ރިޕޯޓުކޮށްފައިވަނީ ޅ. ނައިފަރާއި ށ. ގޮއިދޫއިން ކަމަށެވެ. މިއަދު ފެންބޮޑުވެގެން ރިޕޯޓުކޮށްފައިވަނީ އއ. ފެރިދޫއާއި ބ. މާޅޮހުންނެވެ. މި ހަތަރު ރަށުން ވެސް ރިޕޯޓުކޮށްފައި ވަނީ، ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މުޅި ރަށުގައިހެން ފެންބޮޑު ވެގެންނެވެ.

"ޅ. ނައިފަރަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން އެ ރަށުގައި އެއްކޮށް ކަހަލަ ގޮތަކަށް ފެންބޮޑުވެ އާންމު ފަރުދުންގެ އާންމު ދިރިއުޅުމަށް ވަނީ އަސަރުކޮށްފައި. އަދި ށ. ގޮއިދޫގައި ވެސް ބޯކޮށް ވާރޭވެހުމުގެ ސަބަބުން ފެންބޮޑުވެގެން ވަނީ ރިޕޯޓުކޮށްފައި،" އެންޑީއެމްއޭގެ ބަޔާނުގައި ބުންޏެވެ.

މީގެ އިތުރުން އެންޑީއެމްއޭއިން ބުނީ މިއަދުގެ ވަގުތެއްގައި އއ. ފެރިދޫއަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ރަށުގައި ފެންބޮޑުވެފައިވާ ކަމަށާއި އަދި ދެ ގެއަކަށް ދިރިއުޅުމަށް ދަތިވާ ވަރަށް ފެންބޮޑުވެފައިވާ ކަމަށް ވަނީ ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި ބ. މާޅޮހަށް ވެސް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ފެންބޮޑުވެގެން ރިޕޯޓުކޮށްފައިވާކަމަށް އެންޑީއެމްއޭގެ ބަޔާނުގައި ބުންޏެވެ.

އެހެން ނަމަވެސް މި ހަތަރު ރަށުން ވެސް އެއްވެސް ގެއަކުން މީހުން ނެރެންޖެހޭ ފަދަ ހާލަތްތަކަށް ގޮސްފައިނުވާ ކަމަށް އެންޑީއެމްއޭއިން ބުންޏެވެ. އަދި ފެންބޮޑުވެގެން ރިޕޯޓުކޮށްފައިވާ ރަށްރަށުގައި ކައުންސިލްތަކުން އެމްއެންޑީއެފްގެ އެހީތެރިކަމާ އެކު ފެން ހިންދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ވެސް އެ އޮތޯރިޓީން ބުންޏެވެ.

އެންޑީއެމްއޭއިން އިތުރަށް ބުނީ ވިއްސާރައިގެ އެލާޓު ނެރޭ ރަށްތަކުގެ ހާލަތު އެ އޮތޯރިޓީން 24 ގަޑިއިރު މޮނީޓާ ކުރަމުންދާ ކަމަށެވެ. އެގޮތުން ފެންބޮޑުވާ ހާލަތްތަކުގައި ލަސްނުކޮށް އެ އިދާރާއަށް ރިޕޯޓުކުރުމަށް ވަނީ އެދިފައެވެ.

މި ލިއުމާއި ގުޅޭ