މިދިޔަ ސެޕްޓެމްބަރު މަހުގައި ރާއްޖެއަށް ކުރި ވިއްސާރައިގައި ހަތަރު ރަށަކަށް ލިބުނު ގެއްލުން 1.4 މިލިއަން ރުފިޔާއަށް އަރާކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ބުނެފިއެވެ.
އެންޑީއެމްއޭއިން ބުނީ މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި އިއްޔެ އާއި މިއަދު ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން 4 ރަށެއްގައި ފެންބޮޑުވެގެން ރިޕޯޓުކޮށްފައިވާކަމަށެވެ.
އެގޮތުން އިއްޔެ ޅ. ނައިފަރަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން އެރަށުގައި އެއްކޮށް ކަހަލަ ގޮތަކަށް ފެންބޮޑުވެ އާއްމު ފަރުދުންގެ އާއްމު ދިއރިއުޅުމަށް އަސަރުކޮށްފައިވާކަމަށް އެ އޮތޯރިޓީން ބުނެފައިވެއެވެ.
އަދި ށ. ގޮއިދޫގައިވެސް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ފެންބޮޑުވެގެން ރިޕޯޓުކޮށްފައިވާކަމަށާއި އެހެން ނަމަވެސް އެދެރަށުން އެއްވެސް ގެއަކުން މީހުން ނެރެންޖެހޭ ފަދަ ހާލަތަކަށް ގޮސްފައިވާކަމަށް އެންޑީއެމްއޭއިން ބުނެފައިވެއެވެ.
އެންޑިއެމްއޭއިން އިތުރަށް ބުނީ މިއަދުގެ ވަގުތެއްގައި އއ. ފެރިދޫއަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ރަށުގައި ފެންބޮޑުވެ 2 ގެއަކަށް ދިރިއުޅުމަށް ދަތިވާ ވަރަށް ފެންބޮޑުވެފައިވާކަމަށް ރިޕޯޓުކޮށްފައިވާކަމަށެވެ.
އަދި ބ. މާޅޮހަށްވެސް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ފެންބޮޑުވެގެން ރިޕޯޓުކޮށްފައިވާކަމަށާއި ނަމަވެސް އެ ރަށުން އެއްވެސް ގެއަކުން މީހުން ނެރެން ޖެހޭ ހާލަތަކަށް ގޮސްފައިނުވާކަމަށް އެ އޮތޯރިޓީން ބުނެފައިވެއެވެ.
އެންޑީއެމްއޭއިން ބުނީ ފެންބޮޑުވެގެން ރިޕޯޓުކޮށްފައިވާ ރަށްރަށުގައި ކައުންސިލްތަކުން އެމްއެންޑިއެފްގެ އެހީތެރިކަމާއެކު ފެން ހިންދުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.
އެގޮތުން އެ މަސައްކަތަކަށް އެހީތެރިވުމުގެ ގޮތުން މިއަދު އެންޑީއެމްއޭއިން ވެލިބަސްތާ ޖެހުމަށް އެމްއެންޑީއެފްއަށް 100 ގޯނި ހަވާލުކޯށްފައިވާކަމަށް އެ އޮތޯރިޓީން ބުނެފައިވެއެވެ.
އެންޑީއެމްއޭއިން ބުނިގޮތުގައި ކުރިއަށް އޮތް ދެ ދުވަހުވެސް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެއެވެ. އަދި ހާއްސަކޮށް ދެކުނާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ވައި ބާރުވެ ކަނޑުތައް ގަދަ ވާނެކަމަށާއި ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކުރާކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން މައުލޫމާތު ދީފައިވެއެވެ.
އެހެންވެ ވާރޭ ވެހި ފެންބޮޑުވެދާނެކަމަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށާއި ދަތުރު ފަތުރު ކުރުމުގައި ސަމާލުވުމަށާއި ހާއްސަކޮށް މެންދަމު ވަގުތު ވާރޭ ވެހި ގޯތި ތެރެއަށާއި ގެއަށް ފެންވަނުމުގެ ސަބަބުން ފަރުނީޗަރަށާއި ހިފާ ގެންގުޅޭ ސާމާނަށާއި އިލެކްޓްރޯނިކްސް އައިޓަމްސްއަށް ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވުމަށް ގެއަށާއި ގޯތިތެރެއަށް ފެންނުވަންނާނެހެން ވެލި ބަސްތާ ޖެހުމަށް އެންޑީއެމްއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.
މީގެއިތުރުން މިހާރު ކުރަމުންދާ ވިއްސާރާގައި އެލާޓް މެސެޖުތައް ނެރޭ ސަރަހައްދުގެ ރަށްރަށަށް އެންޑީއެމްއޭއިން ގުޅައި ހާލަތު 24 ގަޑިއިރު މިނިޓާ ކުރަމުންދާކަމަށާއި ރަށްރަށުންވެސް ފެންބޮޑުވާ ހާލަތްތަކުގައި އެން އެ އޮތޯރިޓީއަށް ރިޕޯޓުކުރުމަށްވެސް އެދިފައިވެއެވެ.
އެންޑީއެމްއޭއިން ބުނީ މިދިޔަ ސެޕްޓެމްބަރު މަހު ކުރި ވިއްސާރާގައި 4 ރަށަކަށް ބޯކޮށް ޥާރޭ ވެހި ފެންބޮޑުވުމުގެ ސަބަބުން ލިބުނު ގެއްލުން 1.4 މިލިއަން ރުފިޔާއަށް އަރާކަމަށެވެ.
އޭގެ ތެރެއިން އެންޑީއެމްއޭއިން އެހީތެރިކަން ފޯރުކޮށްދޭ ދާއިރާ ތެރޭގައި ހިމެނޭ ގޭތެރޭގައި ހިފާ ގެންގުޅޭ ޒަރޫރީ ތަކެއްޗަށާއި ފަރުނީޗަރަށ ްލިބުނު ގެއްލުން އެކަނިވެސް ތިން ލައްކަ ރިފިޔާއަށް ވުރެ ބޮޑުކަން އެ އޮތޯރިޓީން ފާހަގަކޮށްފައިވެއެވެ.