ޕާކިސްތާނާއި ދިވެހިރާއްޖޭގެ ގުޅުން މިހާރަށްވުރެ ކުރިއަށް އޮތް ދައުރުގައި ހަރުދަނާކުރައްވާނެކަމަށް އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިފަދައިން ޑރ.މުޢިއްޒު ވިދާޅުވީ މިއަދު އެމަނިކުފާނުގެ ގެކޮޅު މ.ދިމްޔާތުގައި ޕާކިސްތާނުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ޕާކިސްތާނު ސަފީރާ އިންތިޚާބީ ރައީސް ބައްދަލުކުރެއްވިއިރު، އެމަނިކުފާނުގެ އަރިހުގައި އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވި ފަހުން ޑރ.މުޢިއްޒުގެ އަރިހަށް ބޭރުގެ އެކި ޤައުމުތަކުގެ ސަފީރުން ގެންދަވަނީ އިހުތިރާމުގެ ޒިޔާރަތްތައް ކުރައްވަމުންނެވެ. އެގޮތުން އިނގިރޭސިވިލާތާއި، ޗައިނާއާއި އިންޑިއާއާއި އެކުވެރި ޢަރަބި އިމާރާތާއި ސައުދީ ޢަރަބިއްޔާއާއި ޖަޕާނުގެ ސަފީރުންވަނީ އެމަނިކުފާނާ ބައްދަލުކުރައްވައިފައެވެ.
މިއަދު ޕާކިސްތާނުގެ ސަފީރާއެކު އޮތް ބައްދަލުވުމާ ގުޅޭ ގޮތުން އިންތިޤާލީ މަރުހަލާގައި އިންތިޚާބީ ރައީސްގެ ތަރުޖަމާން މުޙައްމަދު ފިރުޒުލް ވިދާޅުވީ އެ ބައްދަލުވުމުގައި އެމަނިކުފާނުގެ ރިޔާސީ ދައުރެއްގައި ޕާކިސްތާނާއެކު ގުޅުން މިހާރަށްވުރެ ހަރުދަނާކުރެވި، އައު ހަރުފަތަކަށް ގެންދެވުމަށް އުންމީދުކުރައްވާކަމަށް ޑރ.މުޢިއްޒު ވިދާޅުވި ކަމަށެވެ.
އޭގެ އިތުރަށް އިންތިޚާބު ރައީސްވަނީ ސަފީރުގެ އަރިހުން ފެށޭ ދައުރުގައި ދެ ޤައުމުގެ ދެމެދުގައިވާ ގުޅުންތައް އިތުރަށް ފުޅާވެ ބަދަހިކުރުމަށް އެދިވަޑައިގެންފައެވެ.
ޕާކިސްތާނުގެ ސަފީރު ދެއްކެވި ވާހަކަފުޅަކީ ދެ ޤައުމީ އެއްގޮތަށްވުރެ ގިނަ ގޮތުން ގުޅިފައިވާ ޤައުމުތައްކަން ފާހަގަކުރައްވާފައެވެ. އަދި މި ގުޅުންތައް އިތުރަށް ބަދަހިކުރުމަށް ދެ ފަރާތުން ގުޅިގެން ކުރެވެންހުރި މަސައްކަތަކަށާއި ރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ އެކި ދާއިރާތަކުން ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ދެއްވި ކަމަށެވެ.