ރިޔާސީ އިންތިހާބު ނިމުމަށްފަހު ވެރިކަމުގެ ބާރުތައް އައު ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅަށް ބަދަލުކުރުމުގެ މަސައްކަތް ކުރުމަށް އުފައްދާފައިވާ ޓްރާންސިޝަނަލް ކޮމިޓީގެ ތަރުޖަމާނަކަށް މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލް ހަމަޖައްސައިފި އެވެ.
އުމުރުން 29 އަހަރުގެ ފިރުޒުލް އެ މަގާމަށް އައްޔަން ކުރެއްވީ އިއްޔެ އެވެ.
ފިރުޒުލް ވަނީ މިސްރުގެ އަޒްހަރު ޔުނިވާސިޓީ އިން ޝަރީއާ އެންޑް ލޯ އިން މަތީ ތައުލީމް ހާސިލް ކުރައްވައިފަ އެވެ. އޭނާ ވަނީ ގުރުއާން ހިތުދަސް ކުރައްވައި 2011 ގައި ސެޓްފިކެޓް ވެސް ހޯއްދަވާފަ އެވެ.
ފިރުޒުލް އެންމެ ފަހުން މަސައްކަތް ކުރެއްވީ ކުރީގެ އިސްލާމިކް މިނިސްޓަރު އަދި، އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިންގައި އިސްކޮށް އުޅުއްވި ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ އިލްމު އިންސްޓިޓިއުޓްގެ ޑެޕިއުޓީ ޑިރެކްޓަ ޖެނެރަލްގެ މަގާމުގަ އެވެ. އެ މަގާމުން ފިރުޒުލް ވަކިވީ މި އަހަރުގެ ޖުލައި މަހު އެވެ.
ވެރިކަން ބަދަލުވުމުގެ މަރުހަލާގައި ކުރަން ޖެހޭ ކަންކަން ކުރިއަށް ގެންދެވުމަށް އެކުލަވާލާފައިވާ އިންތިގާލީ ކޮމެޓީގެ ޑައިރެކްޓަ ޖެނެރަލް އޮފް ޓްރާންސިޝަންގެ މަގާމަށް ޑރ. މުއިއްޒުގެ ފަރާތުން އައްޔަންކުރައްވާފައިވަނީ ޕީއެންސީގެ ކުރީގެ ރައީސް އަދި ކެމްޕެއިންގައި އިސްކޮށް ހަރަކާތްތެރިވި އަބްދުއްރަހީމް އަބްދުﷲ އެވެ.