ގަވާއިދާ ޚިލާފަށް ޕާކިސްތާނަށް އެތެރެވެފައިވާ އަފްޣާނިސްތާންގެ 1.7 މިލިއަން ރައްޔިތުން، ނޮވެމްބަރު މަސް އަންނަންވާއިރަށް އެގައުމުން ފޭބުމަށް، ޕާކިސްތާން ސަރުކާރުން އަމުރުކޮށްފިއެވެ.
ޕާކިސްތާން ސަރުކާރުން މިފަދަ އަމުރެއް ނެރެފައިވަނީ ދެގައުމުން ހިއްސާކުރާ އިމުގެ ކައިރީގައި ދެވޭ ބޮމުގެ ހަމަލާތައް މިއަހަރު ތެރޭ އިތުރުވެގެން ގޮސްފައި ވާތީއެވެ. ޕާކިސާނުން ތުހުމަތުކުރަނީ މިފަދަ ހަމަލާތަކަކީ އަފްޣާނިސްތާނުގައި ތިބެފައި އައިސް ދޭ ހަމަލާތައް ކަމުގައެވެ. ނަމަވެސް މިކަން ވަނީ ތާލިބާން ވެރިކަމުގެ ފަރާތުން ދޮގުކޮށްފައެވެ.
ޕާކިސްތާން-އަފްޣާނިސްތާން ގުޅޭ އިމުގެ ކައިރީގައި ދެވޭ ހަމަލާތައް އިތުރުވަމުން ދިއުމާއެކު، އިސްލާމް އާބާދުން އަންގާރަ ދުވަހު ވަނީ އެގައުމަށް ގަވާއިދާ ޚިލާފަށް އެތެރެވާ މީހުންނާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އިއުލާން ކޮށްފައެވެ.
ދެގައުމު ގުޅޭ އިމުގެ ކައިރީގައި ވާ ޕްރޮވިންސެއް ކަމަށްވާ މަސްޓުންގުގެ މިސްކިތެއްގެ ކައިރީ މިދިޔަ ހަފުތާގައި ބޮމެއް ގޮއްވާލުމުގެ ސަބަބުން 50 މީހުން މަރުވެފައިވެއެވެ.
އެހެން ގައުމަކުން ހިމާޔަތް ހޯދުމަށް އެދުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކުން ލިބިދޭ ހައްގެކެވެ. ޕާކިސްތާނުން މިހާތަނަށްވެސް އައީ އެތައްހާސް އަފްޣާން ރައްޔިތުންނަށް ހިމާޔަތް ދެމުންނެވެ. ޚާއްސަކޮށް 2021 ވަނަ އަހަރު ތާލިބާނުން އަލުން ވެރިކަމަށް އައުމާ ގުޅިގެން މިއަދަދުވަނީ ވަރަށް ބޮޑުތަން އިތުރުވެގެން ގޮސްފައެވެ.