Sunday 16th Mar 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިންތިޚާބީ ރައީސް ޑރ.މުޢިއްޒު

"ބޭކާރު ސިޔާސީ މަގާމުތަކެއް ނޯންނާނެ، ފުލުހުންގެ މުއައްސަސާ އިސްލާހު ކުރާނަން"

މަސައްކަތެއް ނެތި އެއްވެސް މަގާމަކަށް މީހަކު އައްޔަން ނުކުރައްވާނެ ކަމަށާއި، އިސްލާހީ މަސައްކަތުގެ ތެރެއިން ފުލުހުންގެ މުއައްސަސާއަށް ބަދަލުތައް ގެންނަންޖެހޭ ކަމަށް، އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ވާދަކުރައްވައި ރިޔާއީ އިންތިހާބު ކާމިޔާބު ކުރެއްވުމަށްފަހު ޑރ. މުއިއްޒު "ދިޔަރެސް" އަށް ދެއްވި އިންޓަވިއުގައި ވިދާޅުވީ ނޮވެމްބަރު 17 ގައި ހުވާ ކުރައްވައި ހަމަ އެ ދުވަހު މުޅި ޓީމާއެކު ރައްޔިތުންނަށް ހިދުމަތްކުރަން ފައްޓަވަން ބޭނުންފުޅު ކަމަށެވެ.
އެހެންކަމުން ހުވާ ކުރުމާ ދޭތެރޭ މިހާރު މިއޮތް ދޮޅު މަސް ދުވަހުގެ ތެރޭގައި އަމާޒަކީ، ކެބިނެޓާއި، ސަރުކާރު ކުންފުނިތަކާއި، އެންމެ މަތީ މަގާމުތަކަށް މީހުން ހަމަޖައްސައި މުޅި ޓީމު އެކުލަވާލުން ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑު ބޭނުންވަނީ ވަރަށް ކޭޕަބަލް، ވީހާވެސް ގާބިލް ބޭފުޅުން މަގާމުތަކަށް ނަގަން،" ޑރ. މުއިއްޒު ވިދާޅުވި އެވެ.
މި ސަރުކާރުން ބޭކާރު ގޮތުގައި ސިޔާސީ މަގާމުތަކައް މީހުން ނަގާފައިވާކަން ފާހަގަކުރައްވައި ޑރ. މުއިއްޒު ވިދާޅުވީ އޭނާގެ ވެރިކަމެއްގައި އެކަށީގެންވާ ވަރަށްވުރެ އިތުރަށް މަގާމުތަކައް މީހުން ނުނަގާނެ ކަމަށެވެ.
ކޮންމެ މަގާމަކަށް ވެސް ލާނީ އެކަމެއް ކުރުމަށް ގާބިލު މީހާ ކަމަށާއި އަދި އެ މަސައްކަތް ރަނގަޅަށް ކުރޭތޯ ނިޒާމުގެ ތެރެއިން ބަލައި، ނުކުރާނަމަ މަގާމުން ވަކިކުރާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
"ރިޒާލްޓް އޮރިއެންޓެޑް، ނަތީޖާ ނެރެދޭން ބޭނުންވާ ގޮތަށޭ އަޅުގަނޑުގެ ވިސްނުން މިހުރީ އެހެންވީމަ އެންމެ އެކަމަށް ގާބިލު މީހާއޭ [މަގާމަށް] ލާނީ،" ޑރ. މުއިއްޒު ވިދާޅުވި އެވެ.

"ފުލުހުންގެ މުއައްސަސާއަށް ބަދަލު އަންނަންޖެހެ"

ޔުނީފޯމް ބޮޑީސް ނުވަތަ ސިފައިންނާއި ފުލުހުންގެ މުއައްސަސާގެ އިސްވެރިންނަށް އައްޔަންކުރާނެ ބޭފުޅުންނާ ގުޅޭގޮތުން ވެސް ޑރ. މުއިއްޒު ވިދާޅުވީ އެބޭފުޅުން ވާނީ ތައުލީމީ، ތަޖުރިބާ ހުރި ގާބިލް ބޭފުޅުން ކަމަށެވެ.
ޑރ. މުއިއްޒު ވިދާޅުވި ގޮތުގައި އޭނާ މަގާމަކަށް އައްޔަންކުރާ މީހަކީ އެހެން ފަރާތަކުން ކޮންޓްރޯލް ކުރާ މީހަކަށް ނުވާނެ އެވެ.
"އަޅުގަނޑު ބޭނުން ފުލުހުންގެ މުއައްސަސާއަށް ހެޔޮ ބަދަލެއް އަންނަން. ވަރަށް ގިނަ ނޭދެވޭ ކަންކަން މަތިފަޑީގައި ހިނގާކަމަށް މައުލޫމާތު ލިބޭ،" ޑރ. މުއިއްޒު ވިދާޅުވި އެވެ.
"އަޅުގަނޑު އިސް މަގާމަކަށް ލާ މީހަކު އެހެން ފަރާތަކުން ކޮންޓްރޯލްކޮށްގެން ނުވާނެ. ވަރަށް ގިނައިން އަޑު އިވޭ ވާހަކައެއް ވަކި ގްރޫޕަކުން ނުވަތަ ޖަމާއަތަކުން ކޮންޓްރޯލްކުރާ ތަނެކޭ ފުލުހުންގެ މުއްސަސާ އެއީ. އެހެނެއް ނުވާނެ."
ހާއްސަކޮށް ފުލުހުން ފަދަ މުއައްސަސާގެ އިސް މަގާމުތަކަށް އައްޔަންކުރާނީ ފުލް އޮތޯރިޓީ ހިނގާ، ބޭފުޅުން ކަމަށާއި، ހެޔޮ ބަދަލުތައް ގެންނަވާނެ ކަމަށް ޑރ. މުއިއްޒު ވިދާޅުވި އެވެ.
މި ލިއުމާއި ގުޅޭ