Saturday 21st Jun 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޑރ.މުއިއްޒު

ވަރަށް އަވަހަށް ރާއްޖެއިން އިންޑިއާ ސިފައިން ބޭރު ކުރެވޭނެ: ޑރ. މުއިއްޒު

ވެރިކަމާ ހަވާލުވުމަށް ފަހު ވަރަށް އަވަހަށް ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ގައުމުން ބޭރުކުރެވޭނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ޑރ. މުއިއްޒުގެ ކެމްޕެއިންގެ ތެރެއިން ވެސް އެންމެ ބޮޑަށް ދެއްކެވި އެ ވާހަކައަކީ ރާއްޖޭގައި އިންޑިއާ ސިފައިން ގާއިމުވެ ތިބި ކަމާއި، އިދިކޮޅުގެ ވެރިކަމެއްގައި އެމީހުން ރާއްޖެއިން ބާލާނެ ކަމެވެ. އަދި އެކަން ކުރާނެ ކަމުގެ ޔަގީންކަން ޑރ. މުއިއްޒު ވަނީ ދެއްވާފަ އެވެ.
މިދިޔަ ހޮނިހިރު ދުވަހު އޮތް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު %53.9 އިން ކާމިޔާބު ކުރެއްވުމަށްފަހު "ދިޔަރެސް" އަށް ދެއްވި ހާއްސަ އިންޓަވިއުގައި، އިންޑިއާ ސިފައިން ފޮނުވާލުމުގެ މަސައްކަތް ކިހާ ދުވަހެއްގެ ތެރޭގައި ހާސިލް ކުރެވިދާނެތޯ ކުރި ސުވާލުގެ ޖަވާބުގައި ޑރ. މުއިއްޒު ވިދާޅުވީ، އެއީ ވަރުގަދަ މަސައްކަތެއް ކަމުން ސީދާ ސުވަހެއް ދަންނަވަން ނޭނގޭ ކަމަށެވެ.
".ތީގަ [އިންޑިއާ ސިފައިން ބާލަމް] އަޅުގަނޑު ޖެހޭނީ ހަމަ ވަރަށް ވަރުގަދަ މަސައްކަތްތަކެއް ކުރަން. އަޅުގަނޑަށް ގަބޫލުކުރެވެނީ ހަމަ ވަރަށް އަވަހަށް އެކަން ވާނެ ކަމަށް. އެހެންނަމަވެސް ކިތަށް ދުވަސްތޯ ހިޔެއްނުވޭ އެކަކަށްވެސް ދަންނަވާލެވޭނެ ހެނެއް،" ޑރ. މުއިއްޒު ވިދާޅުވި އެވެ.
"އެހެންނަމަވެސް އަޅުގަނޑަށް ޔަގީން އަޅުގަނޑުމެންނަށް އެކަން [އިންޑިއާ ސިފައިން ބޭލުމުގެ މަސައްކަތް] ރަނގަޅަށް ކުރެވިއްޖިއްޔާ، ހަމަ ޔަގީނުންވެސް ވަރަށް އަވަހަށް އެކަން ކުރެވިދާނެކަން."
ޑރ. މުއިއްޒު ވެރިކަމުގެ ހުވާ ކުރައްވާނީ އަންނަ ނޮވެމްބަރު 17 ގަ އެވެ. މިހާރު ކުރިއަށްދަނީ ރިޔާސީ އިންތިހާބު ނިމުމަށްފަހު ވެރިކަމުގެ ބާރުތައް އައު ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅަށް ބަދަލުކުރުމުގެ މަސައްކަތް ހިނގަމުންދާ އިންތިގާލީ މަރުހަލާ އެވެ.
މިހާރު ކުރިއަށްދާ އިންތިގާލީ މަރުހަލާގެ ތެރެއިން އިންޑިއާ ސަފީރާ ބައްދަލު ކުރުމަށް ދައުވަތު ލިބިފައިވާކަން ފާހަގަކުރައްވައި، އިއްޔެ ދެއްވި އިންޓަވިއުގައި ޑރ. މުއިއްޒު ވިދާޅުވީ އެ ބައްދަލުވުމުގެ ތެރެއިން ވެސް އިންޑިއާ ސިފައިންގެ ވާހަކަ ދަންނަވާނެ ކަމަށެވެ.
"ނޭބަރލީ ރިލޭޝަންގެ ތެރެއިން އަޅުގަނޑު ގަބޫލުކުރަނީ މި ބޮޑު މައްސަލަ، އަޅުގަނޑުމެންގެ ގައުމަށް މިއޮތް ބޮޑު ނުރައްކަލުގެ [އިންޑިއާ ސިފައިންގެ] މައްސަލަ ހައްލުކުރެވޭނޭ، ރައްޔިތުން ނިންމި ނިންމުމުގެ މައްޗަށް އިހްތިރާމް އަދާކުރުމަކީ އަޅުގަނޑު ގަބޫލުކުރާ ގޮތުގަ ހަމަ އެބޭފުޅުން [އިންޑިއާއިން] ކުރައްވާނެ ކަމެއް،" ޑރ. މުއިއްޒު ވިދާޅުވި އެވެ.
"މި އިންތިގާލީ މަރުހަލާގެ ތެރޭގައި ވެސް އެބަ އޮތް އިންޑިއާ ސަފީރާ ބައްދަލު ކުރަން. އެ ފުރުސަތު ލިބޭ ގޮތަށް އޮތީ. އެހެންވީމަ އަޅުގަނޑު މި ގަސްދުކުރަނީ ހަމަ އެ ފުރުސަތުގެ ވެސް ބޭނުން ހިފަން. އަދި ރަސްމީކޮށް މަގާމާ ހަވާލުވާ ހިސާބުން ވެސް ހަމަ އަދި މާ ބާރު މިނުގައި [އިންޑިއާ ސިފައިން ބޭރުކުރުމުގެ މަސައްކަތް] ކުރިއަށް ގެންދެވޭނެ."
އަޒުމަކީ ވީހާވެސް އަވަހަށް އިންޑިއާ ސިފައިން ރާއްޖޭގެ ފަސްގަނޑުން ބޭލުންކަން ޑރ. މުއިއްޒު ތަކުރާރުކުރެއްވި އެވެ.
ވެރިކަމާ ހަވާލުވުމަށްފަހު ހާރިޖީ ސިޔާސަތު އެކުލަވާލުމުގައި ކޮންމެ މައުލޫމާތެއް ލިބުނަސް ބަދަލެއް ނާންނާނެ ކަމަށާއި، ފޯކަސް ހުރީ އިގްތިސާދު ރަނގަޅުކޮށް، އިންޑިއާ ސިފައިން ބޭލުމާއެކު، ރައްޔިތުންނަށް ދިމާވެފައިވާ ބޮޑެތި މައްސަލަތައް ހައްލުކުރުން ކަމަށް މުއިއްޒު ވިދާޅުވި އެވެ.
"އޯވަރޯލް ޑައިރެކްޝަން ބަދަލެއް ނުވާނެ. އިގްތިސާދުގައި ހުރި މައްސަލަތައް ހައްލުކުރަން އަޅުގަނޑު ޑޭ ވަން އިން ފަށަންޖެހޭ، ހާރިޖީ ސިޔާސަތު، ގެދޮރުގެ މައްސަލަ، އެއީކީއެއް ވަކި ޑީޓެއިލް ނޭނގިގެން މަޑުކުރަންޖެހޭ ކަންކަމެއް ނޫން،" ޑރ. މުއިއްޒު ވިދާޅުވި އެވެ.
މި ލިއުމާއި ގުޅޭ