ރައީސް ޢަބްދުﷲ ޔާމީނުގެ ވެރިކަމުގައި ރާއްޖެއިން ބޭރުވާން އަންގަވާފައިވާ އިންޑިއާގެ ވައިގެ ސިފައިން އަނބުރާ ރާއްޖެއަށް ގެންނެވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުކަމަށް ބީޖޭޕީއާ ގުޅިފައިވާ ވިއޮން ޓީވީން ބުނެފިއެވެ.
ރިޔާސީ އިންތިޚާބުގެ ތެރޭގައި ރާއްޖޭގައި ވިއޮންއިން ގެނެސްދިން ރިޕޯޓެއްގައި ރައީސް އިބްރާހީމު ސިފަކުރަމުން ބުނެފައިވަނީ، އެމަނިކުފާނުވަނީ "އިންޑިއާ ފާސްޓް" ޕޮލިސީއެއް ވަރަށް ބޮޑަށް ޕްރޮމޯޓުކުރައްވާފައި ކަމަށެވެ.
އަދި ރައީސް އިބްރާހީމު ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެން ހުވާކުރެއްވި ރަސްމިއްޔާތުގައިވެސް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ބައިވެރިވެވަޑައިގެންނެވިކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ.
ހަމައެހެންމެ ރައީސް ޔާމީނުގެ ވެރިކަމުގައި ރާއްޖެއިން ބޭރުކުރެއްވި އިންޑިއާގެ އެއާފޯސްއަށް އަލުން މަރުހަބާ ވިދާޅުވީވެސް ރައީސް އިބްރާހީމުކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ.
އިންޑިއާގެ ދެ ހެލިކޮޕްޓަރާއެކު 2010 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ޤާއިމުވެގެން ތިބި އިންޑިއާ ސިފައިންގެ ދެ ކޮންޓިންޖެންޓުގެ ވިސާ އައުކޮށްނުދޭން ނިންމައި، އެމީހުން އެ ހެލިކޮޕްޓަރުތަކެއްގެ ހަވާލުގައި ތިބި ދެ ހެލިކޮޕްޓަރު ރާއްޖެއިން ގެންދިއުމަށް ރައީސް ޔާމީނުގެ ސަރުކާރުން 2018 ވަނަ އަހަރުގައި އަންގާފައިވެއެވެ.
ނަމަވެސް އިންޑިއާ ސަރުކާރުންވަނީ ހެލިކޮޕްޓަރުތައް އަނބުރާ ނުގެންގޮސް ސިފައިންވެސް ރާއްޖެއިން ބާނުލައި ބައިތިއްބާފައެވެ. އެ ސިފައިން އަނބުރާ ނުގެންގޮސް ބޭތިއްބުމަށްފަހު، ރައީސް އިބްރާހީމު ވެރިކަމާ ހަވާލުވެވަޑައިގަތުމާއެކު، އިންޑިއާއާއެކު ހަދާފައިވާ ހެލިކޮޕްޓަރު އެއްބަސްވުންތައް އެމަނިކުފާނުގެ ސަރުކާރުން އައުކުރިއެވެ.
އަދި އެއަށްފަހު، އުތުރުތިލަފަޅު ތަރައްޤީކުރުމުގެ އެއްބަސްވުމާއި، ޑޯނިއާ ފުލައިޓު ގެނައުމުގެ އެއްބަސްވުމުގެ އިތުރަށް، ހައިޑްރޮގްރަފީ ސާވޭ ހެދުމުގެ އެއްބަސްވުމުގައި މިސަރުކާރުން ސޮއިކުރިއެވެ. އެކަމުގައި ރައްޔިތުންގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވުމުން އެ އެއްބަސްވުންތަކަކީ ކުރީ ސަރުކާރުން ހެދި އެއްބަސްވުންތަކެއް ކަމުގައި ދެއްކުމަށް މި ސަރުކާރުންވަނީ ވަރަށް ބޮޑަށް މަސައްކަތްކޮށްފައެވެ.
މި މައްސަލާގައި ތެދު ހަގީގަތް ބަޔާންކޮށްދީ ލިޔެކިޔުންތަކުން ކަން ހިނގާފައިވާ ގޮތސް ސާފުކޮށްދޭ ފަރާތްތަކުން ފަތުރަނީ ދޮގު ވާހަކަތަކެއްކަމުގައި ބޭރުގެ ފަރާތްތަކަށް ވިސްނައިދިނުމަށް ސަރުކާރާއި، ސަރުކާރަށް ތާއީދުކުރާ ބައެއް ނޫސްތަކާއި މަދަނީ ޖަމްއިއްޔާތަކުން ވަރަށް ބޮޑަށް މަސައްކަތްކުރި ނަމަވެސް އެވާހަކަތަކަކީ ހަގީގަތެއްކަން އިންޑިއާގެ ނޫސްތަކާއި ޓީވީ ޗެނަލްތަކުގެ ރިޕޯޓުތަކުން އެނގެއެވެ.
ނިމުނު ރިޔާސީ އިންތިޚާބުގެ ތެރޭގައިވެސް އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު މަސައްކަތްކުރައްވަނީ ރާއްޖޭގައި ތިބި އިންޑިއާގެ އަސްކަރީ މީހުން ރާއްޖެއިން ބާލަންކަމަށް ބުނެ އިންޑިއާގެ ޓީވީ ޗެނަލަކުން ރިޕޯޓުކޮށްފައިވެއެވެ.