Thursday 25th Jul 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ސޯލިހް

ދިރިއުޅޭނީ ރާއްޖޭގަ، އެކަމަކު ބޭރަށް ދަތުރުކުރާނަން: ރައީސް

ނިމިދިޔަ ރިޔާސީ އިންތިހާބު ނާކާމިޔާބުވީ ނަމަވެސް ރާއްޖެ ދޫކޮށް ވަޑައިނުގަންނަވާނެ ކަމަށާއި، ދެންވެސް ދިރިއުޅުއްވާނީ ރާއްޖޭގައި ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
މިދިޔަ ހޮނިހިރު ދުވަހު ކުރިއަށްދިޔަ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓު ލެއްވުމަށްފަހު ރައީސް ނޫސްވެރިންނާ ބައްދަލުކުރެއްވުމުން، އިންތިހާބު ކާމިޔާބު ނުވެއްޖެނަމަ ރާއްޖެ ދޫކޮށް ވަޑައިގެންފާނެތޯ ނުވަތަ ރާއްޖޭގައި މަޑުކުރައްވާނީތޯ "ދިޔަރެސް" އިން ސުވާލު ކުރުމުން ރައީސް ސީދާ ޖަވާބެއް ނުދެއްވި އެވެ.
އެދުވަހު ރައީސް ވިދާޅުވީ އިންތިހާބުން ބަލިވާތަން ފެނިވަޑައި ނުގަންނަވާ ކަމަށެވެ.
އެކަމަކު 53.9 އިންސައްތައިން ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވީ އިދިކޮޅު ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އެވެ. ރައީސް އިބްރާހީމަށް ލިބިލެއްވީ 46 އިންސައްތަ ވޯޓެވެ.
އިންތިހާބުން ލިބުނު ނާކާމިޔާބިއަށްފަހު މިއަދު ބޭއްވި ނުސްވެރިންގެ ބައްދަލުވުމުގައި އަނެއްކާވެސް "ދިޔަރެސް" އިން އެ ސުވާލު ތަކުރާތު ކުރެއްވުމުން ރައީސް ވިދާޅުވީ ރާއްޖެ ދޫކޮށް ވަޑައިނުގަންނަވާނެ ކަމަށެވެ.
"އަޅުގަނޑު ރާއްޖެ ދޫކޮށް ދާންޖެހޭ އެއްވެސް ސަބަބެއް ނެތް. އަޅުގަނޑު ދިރިއުޅޭނީ ރާއްޖޭގައި އިރާދަކުރެއްވިއްޔާ. އަދި އަޅުގަނޑުގެ އުފަން ރަށުގަޔާއި މާލޭގައި،" ރައީސް ވިދާޅުވި އެވެ.
"އެހެންނަމަވެސް ރާއްޖެއިން ބޭރަށް މީހުން ދަތުރުކޮށް އުޅޭ، އެގޮތުން ބައެއް ފަހަރު އަޅުގަނޑު ރާއްޖެއިން ބޭރަށް ދަތުރެއް ކޮށްލާނަން އެކަމަކު ރާއްޖެ ދޫކޮށް އަޅުގަނޑު ދިރިއުޅުން ބަދަލުކުރުން އެއީ އަޅުގަނޑު ކުރާނެ ކަމެއް ނޫން. ހަމަ މާލޭގައި، ރާއްޖޭގަ ދިރިއުޅޭނީ."
އިންތިހާބުން ނާކާމިޔާބުވެއްޖެނަމަ ރާއްޖެ ދޫކޮށް ވަޑައިގެންފާނެތޯ 2018 ގައި ބޭއްވި ރިޔާސީ އިންތިހާބުގެ ވޯޓުލުމުގެ ތެރެއިން، ކުރީގެ ރައީސް އަބްދުﷲ ޔާމީން އާ ވެސް ނޫސްވެރިން ސުވާލުކުރެއްވި އެވެ.
އެގޮތަށް ނޫސްވެރިން ސުވާލު ކުރެއްވުމުން ރައީސް ޔާމިން ވަނީ އެއްވެސް ހާލެއްގައި ރާއްޖެ ދޫކޮށް ވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވެފަ އެވެ.
އިންތިހާބު ނާކާމިޔާބުވެ، އެންމެ ފުރަތަމަ 2020 ވަނަ އަހަރު ރައީސް ޔާމިންގެ މައްޗަށް ކުރި ފަސް އަހަރުގެ ޖަލު ހުކުމުން މިނިވަންވެވަޑައިގެން ޕާސްޕޯޓު ދޫކޮށްލުމުން ވެސް އެމަނިކުފާނު ރާއްޖެ ދޫކޮށް ވަޑައިނުގެންނެވި އެވެ. ވ. އާރަށް މައްސަލައިގައި 11 އަހަރަށް ޖަލަށް ލައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރަން 2022 ވަނަ އަހަރުގެ ޑިސެމްބަރުގައި ހުކުމްކުރީ އޭގެ ފަހުންނެވެ.
މި ލިއުމާއި ގުޅޭ