ކަނޑު މަތީގައި ހިނގި ހާދިސާއެއްގައި ފުލުހުންގެ އިންސިޑެންޓު ރިޕޯޓު ވަކި ގޮތަކަށް ތައްޔާރުކޮށް ވަކި މީހަކަށް މަންފާއެއް ހޯދައިދިނުމަށް ފުލުހުންނަށް އަންގައި މަޖުބޫރުކުރުވަން ހޯމް މިނިސްޓަރު ޢަބްދުﷲ މަސައްކަތްކުރެއްވި މައްސަލައެއް ފެންމަތިވެއްޖެއެވެ.
މި މައްސަލައަކީ ލޯންޗެއް މާލެއިން އދ.ދަގެއްޗަށް ދަތުރުކުރަނިކޮށް ލޯންޗު ފަޅައިގެން ދިޔަ މައްސަލައެކެވެ. އެ މައްސަލަ ބެލުމަށްފަހު ފުލުހުން ނިންމާފައިވަނީ އެ ލޯންޗު ފަޅައިގެންދިޔައީ އިންޝުއަރެންސް ފައިސާ ލޯންޗުގެ ވެރިފަރާތަށް ލިބެންޖެހޭ ގޮތަކަށް ނޫން ކަމަށެވެ.
އެ ލޯންޗަކީ އިމްރާނާ ގާތް ގުޅުމެއް އޮންނަ ޑޮކްޓަރެއްގެ މަސްލަހަތު ހިމެނޭ ލޯންޗެކެވެ. އެ މައްސަލާގައި އިންޝުއަރޭންސް ނުލިބޭ ގޮތަށް ފުލުހުންގެ އިންސިޑެންޓު ރިޕޯޓު އިޝޫކުރުމުން ސީދާ މައްސަލަ ބަލާ އޮފިސަރަށް ގުޅުއްވައި އެ ރިޕޯޓު ބަދަލުކުރަން އިމްރާނު އެންގެވިއެވެ.
މި މައްސަލައާ ގުޅިގެން "ދިޔަރެސް"އަށް މައުލޫމާތު ދެއްވި ފުލުހުންގެ އިދާރާގެ އިސްވެރިޔަކު ވިދާޅުވީ ކުރިންވެސް ހޯމް މިނިސްޓަރުން ތިއްބެވިއިރު، އެއިރު ފުލުހުންގެ ޤާނޫނުން އެ ބޭފުޅުންނަށް ބޮޑެތި ބާރުތަކެއް ލިބިވަޑައިގެންނެވި ނަމަވެސް މިގޮތަށް ވަކިވަކި ފުލުހުންނަށް ގުޅުއްވައި ކަންކަން ކުރަން އަމުރުކުރައްވައި ނުހައްދަވާ ކަމަށެވެ.
މި ދައުރުގައި ފުލުހުންގެ ޤާނޫނަށް ގެނައި ބޮޑެތި ބަދަލުތަކާއެކު، މިހާރު މިނިސްޓަރުންނަށް ފުލުހުންނަށް އަމުރުކުރުމުގެ ބާރު ނެތީސް، އިމްރާނު ގުޅުއްވައިގެން ވަކިވަކި ފުލުހުންގެ މަސައްކަތްތަކަށް ހުރަސްއަޅުއްވައި ޣައިރު ޤާނޫނީ އަމުރުތައް ކުރެއްވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ.
"ފުލުހުންގެ ޚިދުމަތުގައި ހައިރާކީއެއް އޮވޭ. އެ ހައިރާކީ ބާއްވާފައި އިމްރާން ހުރިހާ ރޭންކެއްގެ އޮފިސަރުންނަށް ގުޅުއްވައި އެހެން ހަދާށޭ، މިހެން ހަދާށޭ ވިދާޅުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން،" "ދިޔަރެސް"އަށް މައުލޫމާތު ދެއްވި ފުލުސް އޮފިސަރު ވިދާޅުވިއެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި ފުލުހުންގެ އޮޕަރޭޝަނަކަށްފަހު ނުވަތަ ތަހުގީގަކަށްފަހުގައި ތައްޔާރުކުރާ އިންސިޑެންޓު ރިޕޯޓެއް ވަކި ގޮތަކަށް ތައްޔާރުކުރަން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ދުވަހަކުވެސް ފުލުސް އޮފިސަރުންނަށް އިރުޝާދުނުދެއްވާއިރު، އެފަދަ އިރުޝާދުތައް އިމްރާން ސީދާ ދެއްވުމަކީ ސީޕީގެ ބާރަށްވެސް ބުރޫއަރާ ކަމެއް ކަމަށެވެ.
އިތުރަށް އޭނާ ވިދާޅުވީ މިހައި ކުދިކުދި ކަންކަމުން ފެށިގެން ގޮސް ބޮޑެތި މައްސަލަތަކުގައި ވަކި ގޮތަކަށް އަމަލުކުރަން ފުލުހުންގެ ތަހުގީގުތައް ހިންގާ އައިއޯންނަށް އިމްރާނު އަންގަވައި އިރުޝާދުދެއްވާ ކަމަށެވެ.