ރާއްޖޭގައި ޤާއިމުވެގެން އިންޑިއާ ސިފައިން ނެތްކަމަށް ދޭހަވާ ގޮތަށް ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުން 4 ވަނަ ހާސިލުކުރެއްވި އުމަރު ނަސީރުގެ ރަނިންމޭޓު މާޒު އަޙްމަދު ސަލީމް ވާހަކަދެއްކެވުމުން އުމަރު ރައްދުދެއްވައިފިއެވެ.
ރިޔާސީ އިންތިޚާބުގެ ފުރަތަމަށް ބުރަށްފަހު އުމަރު ނިންމަވާފައިވަނީ އެއްވެސް ކެންޑިޑޭޓަކަށް ތާއީދުނުކުރެއްވުމަށެވެ. އެހެންނަމަވެސް އިއްޔެ ސަލީމުވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ތާއީދުކުރައްވައި، އެމްޑީޕީގެ ކެމްޕެއިން ހަރަކާތްތަކާ ގުޅިވަޑައިގެންފައެވެ. ރޭ ސޯސަންޖަގަހާގައި އޮތް ޖަލްސާގައި އޭނާ ވާހަކަދެއްކެވިއެވެ.
އެ ޖަލްސާގައި ސަލީމު ދެއްކެވި ވާހަކަފުޅުގެ ތެރޭގައި ރާއްޖޭގައި އިންޑިއާ ސިފައިން ޤާއިމުވެގެން ނެތްކަމަށް ދޭހަވާ މޭރުމަކުން ވާހަކަދައްކަވައި، ފާއިތުވި ފަސް އަހަރު އުމަރު ދެއްކެވި ވާހަކަފުޅުތަކާ އިދިކީލަ ފުށުއަރާ ވާހަކަތަކެއް ދެއްކެވިއެވެ.
އުމަރާއެކު ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ސަލީމު ކެމްޕެއިން ކުރެއްވިއިރު ދެ ބޭފުޅުންވެސް އެންމެ ބޮޑަށް ދެއްކެވި އެއް ވާހަކަފުޅަކީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ރާއްޖެއިން ފޮނުވައިލެއްވޭނެ ކެންޑިޑޭޓަކީ އުމަރުކަމަށް ވިދާޅުވެ ދެއްކެވި ވާހަކަފުޅެވެ. މި ސަރުކާރުން އިންޑިއާއާއެކު ހެދި އެއްބަސްވުންތަކަށް އެންމެ ބޮޑަށް ފާޑުވިދާޅުވި އެއް ބޭފުޅަކީވެސް އުމަރެވެ.
ސަލީމުގެ ވާހަކަތަކާ ގުޅިގެން އުމަރު މިއަދު ފަތިހުގައި އާންމުކުރެއްވި ވީޑިއޯއެއްގައި ވިދާޅުވީ ސަލީމު އެމްޑީޕީގެ ޕޯޑިއަމެއްގައި ވާހަކަދެއްކެވުމަކީ ހައިރާންކަން ލިބިވަޑައިގެންނެވި ވާހަކައެއް ކަމަށެވެ. އަދި އެއަށްވުރެ ބޮޑު ހައިރާންކަމެއް ލިބިވަޑައިގަތީ ރާއްޖޭގައި އިންޑިއާ ސިފައިން ނެތްކަމަށް ދޭހަވާ ގޮތަކަށް އޭނާ ވާހަކަދެއްކެވުމުން ކަމަށެވެ.
"ޚުދު ސަލީމަކީ އަޅުގަނޑާއެކު ޕިކަޕަކަށް އަރައިގެން އަޑުގަދަކުރާއިން އިންޑިއާ ސިފައިން ބާލަން ގޮވައިލަމުންދިޔަ މީހެއް. މިއަދު އެހެން ޕޯޑިއަމަކަށް އަރައި އެހެން ގޮތަކަށް ވާހަކަދެއްކުމަކީ އަޅުގަނޑު ހައިރާންވާ ކަމެއް،" އުމަރު ވިދާޅުވިއެވެ.
އިތުރަށް އޭނާ ވިދާޅުވީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބިކަމީ އެންމެން ދަންނަ ކަމެއް ކަމަށެވެ. "އެއީ ހަގީގަތެއް. އެމީހުން ބާލަންޖެހޭނެ ދިވެހިރާއްޖެއިން. އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަކީ އަޅުގަނޑު ފެށި މަސައްކަތެއް. އެ މަސައްކަތުގައި ދެމިހުންނާނަން،" އުމަރު ވިދާޅުވިއެވެ.
ރާއްޖެއިން އިންޑިއާ ސިފައިން ބޭލުމުގެ މަސައްކަތުގައި ދެމި ތިބުމަށް ރައްޔިތުންނަށާއި އޭނާގެ ސަޕޯޓަރުންނަށް އިލްތިމާސްކުރެއްވުމާއެކު އުމަރު ވިދާޅުވީ އެމީހުން ރާއްޖޭގައި ތިބުމަކީ ރާއްޖޭގެ މިނިވަންކަމަށް އޮތް ނުރައްކަލެއް ކަމަށެވެ. އަދި އޭނާ ކައިރީ އުޅުނު މީހަކު އެހެން ގޮތަކަށް ތާއީދުކޮށްގެން ދިއުމަކީ އޭނާ ޒިންމާވެވަޑައިގަންނަވަންޖެހޭ ކަމެއް ނޫންކަމަށާއި، އެކަމަށް ޒިންމާވާންޖެހެނީ އެމީޙަކު ކަމަށްވެސް އުމަރު ވިދާޅުވިއެވެ.
އަދި އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމުގެ މަސައްކަތްކުރާ ކޮންމެ ބަޔަކަށް އެއްބާރުލުންދީ މަދަދުވެރިވެވަޑައިގަންނަވާނެ ކަމުގައިވެސް އުމަރު ވިދާޅުވިއެވެ.