Sunday 20th Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ

ފުލުހުންގެ އިސްވެރިން ދެއްކެވި ވާހަކަފުޅެއްކަމަށް ބުނެ އިމްރާން ހެދީ ބޮޑު ދޮގެއް!

އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓު ޑރ.މުޙައްމަދު މުޢިއްޒަށް ވެރިކަން ލިބިއްޖެނަމަ އެކުލަވައިލައްވާނެ ވަޒީރުންގެ މަޖިލީހާ ގުޅޭ ގޮތުން ފުލުހުންގެ އިސްވެރިންތަކެއް ދެއްކެވި ވާހަކަފުޅެއްކަމަށް ބުނެ ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ ބޮޑު ދޮގެއްހެދުމާ ގުޅިގެން ފުލުހުންގެ ވެރިން ވަރަށް ބޮޑަށް ކޯފާވެއްޖެއެވެ.

ރިޔާސީ އިންތިޚާބުގައި ސިޔާސީ ގޮތުން އެއްވެސް މިންވަރަކަށް އެއްވެސް ފަޅިއަކަށް ބުރަވާ ގޮތަށް ފުލުހުންގެ މުއައްސަސާއިން މަސައްކަތްނުކުރެއެވެ. އިންތިޚާބު ކައިރިވުމުން އެހެން އިދާރާތަކުން ޕްރޮމޯޝަންތައް ދިނުމާއި މުސާރަ ބޮޑުކުރުން ފަދަ އެތައް ކަމެއް ހިންގާފައިވެއެވެ. ނަމަވެސް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދުވަނީ އިންތިޚާބާ ކައިރިވުމުން ޕްރޮމޯޝަން ބޯޑުތަކުގެ މަސައްކަތް ސަސްޕެންޑުކުރައްވައި މުސާރަ ބޮޑުވުންފަދަ އެއްވެސް ކަމެއް ނުކުރައްވަން ނިންމަވާފައެވެ.

އިންތިޚާބުގައި ވަރަށް ޕްރޮފެޝަނަލް މިންގަނޑުތަކެއް ފުލުހުންގެ މުއައްސަސާއިން ހިފަހައްޓަމުންދަނިކޮށް އެ އިދާރާގެ ވެރިން ވަކި ކެނޑިޑޭޓަކާ ގުޅުވައިގެން ވަކި ކަހަލަ ވާހަކަތައް ދައްކަވާކަމަށް ދޭހަވާ ގޮތަށް ހޯމް މިނިސްޓަރު އިމްރާން ވާހަކަދެއްކެވުމުން ފުލުހުންގެ އިސްވެރިންނާއި ހުރިހާ ރޭންކުތަކެއްގެ އޮފިސަރުންގެ މެދުގައިވެސް ނުތަނަވަސްކަމާއި ހިތްހަމަނުޖެހުން އުފެދިފައިވާކަމަށް ވެއެވެ.

ފުލުހުންގެ ކޮމިޝަންޑް އޮފިސަރުންގެ ތެރެއިން 3 ބޭފުޅަކު ވިދާޅުވީ އިއްޔެ ރޭ ފުލުހުންގެ ވެރިން މިނިސްޓަރާ ބައްދަލުކުރެއްވިކަމަށް މިނިސްޓަރު ވިދާޅުވި ވާހަކަފުޅަކީ އިތުރުފުޅެއް ކަމަށެވެ. އިތުރަށް އޭނާ ވިދާޅުވީ ފުލުހުންގެ އޮޕަރޭޝަންތަކުން ލިބޭ މައުލޫމާތު މިނިސްޓަރާ ހިއްސާކުރުމަކީ ޤާނޫނީ ގޮތުން ފުލުހުން ކުރަންޖެހޭ ކަމެއް ނޫން ކަމަށެވެ. އެހެންކަމުން ފުލުހުން އެފަދަ މައުލޫމާތު އިމްރާނާ ހިއްސާނުކުރާ ކަމަށެވެ.

"އިމްރާނަކީ ޕޮލިސިންގެ ބޭސިކް ކޮންސްޕްޓްސް އަންޑަސްޓޭންޑުވާ މީހެއް ނޫން. ޓެކްޓިކަލް ސްޓްރެޓިޖިކް ތިންކިން އެނގޭ މީހެއް ނޫން. ދެން އަޅުގަނޑުމެން އިންޓެލިޖެންސް ގެދާކޮށް އޭނާއަށް ގެންގޮސްދޭންޖެހޭ ސަބަބަކީ ކޮބާ؟ އިންޓެލިޖެންސް އެއްކުރަނީ ކުށެއް ހިނގުމުގެ ކުރިން ހުއްޓުވުމަށް ނޫނީ ހިނގާފައި އޮންނަ ކުށެއްގެ ތަހުގީގު އަވަސްކުރަން. އިމްރާން ސިޔާސީ ޕޯޑިއަމްތަކުގައި ބޭނުންކުރާކަށް ނޫން،" އެސިސްޓެންޓު ކޮމިޝަނާ އޮފް ޕޮލިސްގެ މަޤާމުގައި ހުންނެވި ބޭފުޅެއް ނަން ހާމަނުކުރުން ޝަރުތުކުރައްވައި ވިދާޅުވިއެވެ.

"ދިޔަރެސް"އަށް މައުލޫމާތު ދެއްވި އިތުރު އޮފިސަރުން ފާހަގަކުރެއްވި ގޮތުގައި މީގެ ކުރިންވެސް އިމްރާންވަނީ ފުލުހުންގެ އޮފިސަރުން ވިދާޅުވިކަމަށް ނުވަތަ އެބޭފުޅުން ރިޕޯޓުކުރެއްވިކަމަށް ވިދާޅުވެ ސިޔާސީ ޕޯޑިއަމްތަކުގައި ވާހަކަދައްކާފައެވެ. އެފަދައިން އިމްރާން ވާހަކަދެއްކި ނަމަވެސް އެ ބޭފުޅުން މާބޮޑަށް ސަމާލުކަން ނުދެއްވައި ތިއްބެވީ އެއިރުގެ ހާލަތަށް ބަލާއިރު އެވާހަކަތަކުން ކުރާ އަސަރު ކުޑަވުމުންނެވެ.

ނަމަވެސް ރިޔާސީ އިންތިޚާބެއްގެ ތެރޭގައި ވެރިކަންކުރާ ޕާޓީ ނޫން އެހެން ޕާޓީތަކަށް ޖާސޫސްކޮށް އެ ޕާޓީތަކުގެ އެތެރޭގެ މައުލޫމާތު އެއްކޮށްގެން ވެރިކަންކުރާ ޕާޓީއަށް ނުވަތަ އެ ޕާޓީއަށް ތާއީދުކުރާ ފަރާތްތަކަށް ފޯރުކޮށްދޭކަމަށް ދޭހަވާފަދަ މޭރުމަކުން އިމްރާން ވާހަކަދެއްކުމުން ފުލުހުންގެ މުއައްސަސާގެ ނަޒާހަތްތެރިކަމާމެދު ޝައްކު އުފެދި އިތުބާރު ގެއްލިގެންދާނެތީ އެކަމުގައި އިމްރާނު ހެދީ ދޮގުކަން އާންމުންނަށް ހާމަކޮށްދެއްވަން ބޭނުންފުޅުވީއެވެ.

"ދިވެހި ފުލުހުންގެ ޚިދުމަތަކީ ސަރުކާރުން ވާދަވެރިންނަށް ޖާސޫސްކުރަން ގެންގުޅޭ ތަނެއް ނޫން. އަދި އެކަމެއް މި ޚިދުމަތުން ނުކުރާނެ. އަޅުގަނޑުމެންގެ އިންޓެލިޖެންސް ގެދަރިންގެ ތެރެއިން ލިބޭ މައުލޫމާތު އަޅުގަނޑުމެން ބޭނުންކުރަނީ ކުށްތައް ހުއްޓުވަން އެނޫން ބޭނުމެއްގައި އެ މައުލޫމާތު ބޭނުންކުރާކަށް ސިޔާސީ ބޭފުޅުންނަށް އެ މައުލޫމާތު ދީއެއް ނުހަދަން. ހޯމް މިނިސްޓަރުކަމުގައި ހުންނެވި ބޭފުޅަކު އަޅުގަނޑުމެންގެ މުއައްސަސާ މިފަދައިން ކަތިލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން. ވަރަށް އަންޕްރޮފެޝަނަލް އަންއެތިކަލް ކަމެއް އިމްރާނު އެކުރަނީ،" މި ޚަބަރަށް މައުލޫމާތު ދެއްވި ފުލުހުންގެ އިތުރު އިސްވެރިޔަކު ވިދާޅުވިއެވެ.

މި ލިއުމާއި ގުޅޭ