ޗައިނާއިން އެކިއެކި ބަހަނާތަކާއެކު ޓައިވާނަށް ބިރުދައްކަމުން ދާއިރު، ޓައިވާނުންވެސް އެގައުމުގެ ސަލާމަތާއި މިނިވަންކަން ހިމާޔަތް ކުރުމުގައި ދެމިތިބޭނެކަމުގެ ހެއްކެއްގެ ގޮތުން އެމީހުންގެ ފުރަތަމަ ސަބްމެރިން މިވަނީ ދައްކާލައިފައެވެ.
ބުރާސްފަތި ދުވަހު އެ ސަބްމެރިން ދައްކާލާފައިވާއިރު ޓައިވާނުން ފާހަގަކުރަނީ މިއީ އެ ޤައުމަށް ލިބުނު ވަރަށް ބޮޑު ކާމިޔާބެއްގެ ގޮތުގައެވެ. މި ސަބްމެރިންގެ ހުރިހާ ކަމެއް ކޮށްފައި ވަނީ ޓައިވާންގައެވެ. ޓައިވާނުން ވަނީ މިއީ ޓައިވާންގެ އަމިއްލަވަންތަކަމަށް ޓަކައި ކުރާ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ބުނެފައެވެ. ޓައިވާނުން ދަނީ މިލިޓަރީ ގާބިލިއްޔަތުކަން ވަރުގަދަކުރުމަށް މަސައްކަތް ކުރަމުންނެވެ. އަދި މިއީ އެ މަސައްކަތުގެ ތެރެއިން އުފައްދާފައިވާ އުފެއްދުމެކެވެ.
ޓައިވާނުން މިފަދަ މަސައްކަތްތަކެއް ކުރަމުން މިދަނީ ޓައިވާން ކަނޑުގެ ސަރަހައްދުގައި ޗައިނާގެ އަސްކަރީ ހަރަކާތްތައް އިތުރުވެ އެ ގައުމުގެ ސިޔާދަތު ނުރައްކަލަށް ހުށަހެޅިފައިވާ ދަނޑިވަޅެއްގައެވެ. ޓައިވާންގެ ސަބްމެރިން އަށް ނަން ދީފައި ވަނީ އިނގިރޭސި ބަހުން "ނާވަލް" އަދި މެންޑޭރިއަން ބަހުން "ހައި ކުން"ގެ ނަމުންނެވެ. މާނައަކީ ސީ މޮންސްޓަރ ނުވަތަ ކަނޑު ފުރޭތައެވެ.
ޓައިވާންގެ ޤައުމީ ސަބްމެރިން ލޯންޗް ކުރުން --- ޔޫޓިއުބް ވީޑިއޯ
މި ސަބްމެރިން އަކީ އެ ގައުމު ދިފާއުކުރުމަށް އަސްކަރިއްޔާ އިން ކުރާ މަސައްކަތް އިތުރަށް ވަރުގަދަކޮށްދިން ކަމެއް ކަމަށް އެ ގައުމުގެ އަސްކަރިއްޔާއިން ވަނީ ބުނެފައެވެ. އަދި ހަނގުރާމައިގެ ހާލަތަކަށް ޓައިވާނުން ވެސް ދަނީ މަޑުމަޑުން ތައްޔާރުވަމުންނެވެ. އެ ގައުމުން ވަނީ އެ ގައުމުގެ ސިޔާދަތު ހިމާޔަތްކުރަން ކުރަން ޖެހުނު ކޮންމެ ކަމެއް ކުރަން ތައްޔާރަށް ތިބި ކަމަށް ވެސް ބުނެފައެވެ.
ޓައިވާނުގެ ފުރަތަމަ ސަބްމެރިން، ދައްކާލުމުން މިއީ އެ ގައުމުގެ ކަނޑުގެ ސިފައިންގެ ހުނަރަށް ލިބުނު ބޮޑު ކުރިއެރުމެއް ރަމްޒުކޮށްދޭ ކަމެއްގެ ގޮތުގައި ދުނިޔެ ދެކޭނެއެވެ. އަމިއްލައަށް ޑިޒައިންކޮށް ހަދާފައިވާ މި އެޑްވާންސް ސަބްމެރިންއިން ދައްކުވައިދެނީ ޓައިވާނުގެ ކަނޑުގެ ސަލާމަތާއި ދިފާއީ ފުދުންތެރިކަން އިތުރުކުރުމަށް ޓައިވާނުން ދޭ އަހައްމިއްޔަތުކަމެވެ.
ޒަމާނީ ޓެކްނޮލޮޖީއާއި ރައްކާތެރިކަމަށް ހާއްސަ ސަމާލުކަމެއް ދީގެން އުފައްދާފައިވާ މި ސަބްމެރިން އަކީ ޓައިވާނުގެ ކަނޑުގެ ސަރަހައްދާއި ކަނޑުގެ މަސްލަހަތު ހިމާޔަތްކުރުމުގައި މުހިންމު ދައުރެއް އަދާކުރާނެ ސަބްމެރިންއެކެވެ. މި ކާމިޔާބީގެ ސަބަބުން ޓައިވާނުގެ ދިފާއީ ސިޔާސަތު އިތުރަށް ހަރުދަނާވުމުގެ އިތުރުން މި ސަރަހައްދުގައި ޓައިވާނުގެ ސިޔާދަތު ހިމާޔަތްކުރުމުގެ އަޒުމް ވެސް ދައްކުވައިދެ އެވެ.