ހަނިމާދޫގައި އިންޑިއާގެ ކަނޑުގެ ސިފައިން އޮޕަރޭޓުކުރަމުން އަންނަ ޑޯނިއާ މަތިންދާބޯޓާއި އެކު ތިބޭ ސިފައިންނަކީ އިންސާނީ މަސައްކަތްތެރިން ކަމަށާއި އެއީ އަސްކަރީ ބައެއް ނޫންކަމަށް ދިވެހި ސަރުކާރުން އަންނަނީ ތަކުރާރުކޮށް ބުނަމުންނެވެ.
އަދި އެމީހުންގެ ހަމައެކަނި މަސައްކަތަކީ ބަލިމީހުން އެއްތަނުން އަނެއް ތަނަށް އުފުލުމާއި ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގައި ދިވެހި ސިފައިންނަށް އެހީތެރިވުން ކަމަށްވެސް ސަރުކާރުން ބުނެއެވެ. އެހެން ނަމަވެސް, އާންމުކޮށް އިންޓަނެޓުން ފެންނަން ހުރި މައުލޫމާތުތަކަށް ބަލާއިރު ޑޯނިއާއާއި އެކު ތިބި ސިފައިންނަކީ ހަމައެކަނި ބަލިމީހުން ގެންދަން އަށިގަނޑު އުފުލަން ތިބިބައެއް ނޫނެވެ. އެއީ އެއަށްވުރެ މާގާބިލު, ނުރައްކާތެރި ބައެކެވެ.
ހަނިމާދޫގައި ޤާއިމްވެގެން ތިބެނީ އިންޑިއާގެ ކަނޑުގެ ސިފައިންގެ ސްކޮޑްރަންއެއް ކަމަށްވާ އައިއެންއޭއެސް 310 އެވެ. މިއީ ސްކޮޑްރަންއަށް އިންޑިއާ ކަނޑުގެ ސިފައިންގެ ތެރޭގައި ދެވިފައިވާ ނަމަކީ ކޯބްރާސް އެވެ. ކޯބްރާ އަކީ ވިހަގަދަ ހަރުފައެކެވެ.
ހަނިމާދޫގައި ޤާއިމްވެގެން ތިބޭ ކޮންޓިންޖެންޓުގައި ހިމެނެނީ ނޭވަލް އޮފިސަރުންނާއި, ކަނޑުގެ ސިފައިން, އަދި ހިންދުސްތާން އެއިރޮނޮޓިކްސް އަށް ނިސްބަތްވާ ޓެކްނީޝަނުންނެވެ. މީގެ ތެރޭގައި ގިނައީ ކަނޑުގެ ސިފައިންނެވެ. ޑޯނިއާ އެއްބަސްވުމުގައި ވާގޮތުން އިންޑިއާއިން ބޭނުން އަދަދަކަށް ސިފައިން ބޭތިއްބެވެ. މިވަގުތު ހަނިމާދޫގައި ތިބީ ކިތައް ސިފައިންގެ މީހުންކަމެއް ސާފެއް ނޫނެވެ. އެ އަދަދު ހާމަކުރަން ސަރުކާރުން ވަނީ ދެކޮޅު ހަދާފައެވެ. އެ މައްސަލަ އަދިވެސް އޮތީ ކޯޓުގައެވެ.
އައިއެންއޭއެސް 310 އުފައްދާފައިވަނީ 1960 ވަނަ އަހަރުގައެވެ. އެންމެ ފުރަތަމަ އެ ސްކޮޑްރޮން އިން ބޭނުންކޮށްފައިވަނީ ފަރަންސޭސިވިލާތުގައި އުފައްދާފައިވާ މަތިންދާބޯޓެކެވެ. 1960 ވަނަ އަހަރުން ފެށިގެން މި ސްކޮޑްރޮންއިން ވަނީ ގިނަ ހަނގުރާމަތަކުގައި ބައިވެރިވެފައެވެ. މައިގަނޑުގޮތެއްގައި މި ސޮކްޑްރޮންއިން ހަރަކާތްތެރިވަނީ ސަވައިލެންސް އޮޕަރޭޝަންތަކުގައި އާއި ޖާސޫސް ކުރުމުގައި އަދި އިލެކްޓްރޯނިކް ވޯފެއަރގައެވެ.
އެ ސްކޮޑްރޮން އިން ޑޯނިއާ މަތިންދާބޯޓު އޮޕަރޭޓުކުރަން ފެށީ 2001 ވަނަ އަހަރުގައެވެ.
ޑޯނިއާ މަތިންދާބޯޓުގެ ބޭނުމަކީ ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ބަލި މީހުން އުފުލުން ކަމަށް ސަރުކާރުން ބުންޏަސް އެއީ ހަގީގަތެއް ނޫނެވެ.
މި މަތިންދާބޯޓަކީ ޖާސޫސްކުރުމަށް ހާއްސަކޮށް މޮޑިފައިކޮށްފައިވާ އުޅަނދެކެވެ. މިގޮތުން އެކި ބާވަތްތަކުގެ މުވާސަލަތީ ހިދުމަތްތައް ޓެޕްކޮށް އަޑު އެހުމުގެ ގާބިލުކަން މި އުޅަނދަށް ލިބިފައިވެއެވެ. ޑޯނިއާގައި ހިމެނޭ ބައެއް ޖާސޫސީ ވަސީލަތްތައް:
އިންޑިއާ އާއި ޕާކިސްތާނުން ނިއުކްލިއަރ ހަތިޔާރު ފައްކާކުރިއިރު, އިންޑިއާއިން ޕާކިސްތާނާއި ދެކޮޅަށް އެންމެ ގަދަޔަށް ޖާސޫސް ކުރަން ބެނުން ކުރީ އައިއެންއޭސް ސްކޮޑްރޮންއެވެ. އެ ސްކޮޑްރަން ހާއްސަ ވެފައިވަނީ އިލެކްޓްރޯނިކް ވޯފައަރ އަދި އިންޓެލިޖެންސަށެވެ. އޭރު އެ ސްކޮޑްރަންއިން ކުރި މަސައްކަތްތައް ފާހަގަކޮށް 1998 ވަނަ އަހަރު އެ ސްކޮޑްރޮންއަށް "އިންފޮމޭޝަން ވޯފެއަރ ސްކޮޑްރޮން" ގެ ނަމުން ރަމްޒީ ނަމެއްވެސް ދެވުނެވެ.
ހަނިމާދޫގައި ޤާއިމްވެގެން ތިބި އިންޑިއާ ސިފައިންނަކީ އާދައިގެ ބައެއް ނޫންކަމާއި, އެމީހުންގެ ކުޅަދާނަކަން އެއީ ދެބަސްވެވެން ނެތް ހަގީގަތެކެވެ. އިންޑިއާ ސިފައިންގެ ރަސްމީ ވެބްސައިޓުތަކުގައި އެމީހުންނަށް ކުރެވޭނެ ކަންކަމާއި, ފާއިތުވި އަހަރުތަކުގައި ކޮށްފައިހުރި ކަންކަން އެހެރީ ފެންނާށެވެ. ޕާކިސްތަން, ނޭޕާލް, އަދި ސްރީލަންކާގައި އިންޑިއާ އިން ހިންގާފައިވާ އަސްކަރީ އޮޕަރޭޝަންތަކުގައި އައިއެންއޭއެސް 310 ގެ ދައުރު ބޮޑެވެ. އެ ޤައުމުތަކުގެ ހަމަޖަހުން ނަގާލާފައިވަނީ މި ސްކޮޑްރޮންގެ މަސައްކަތުންނެވެ. މިއީ އިންޑިއާއިން ފަހުރުވެރިކަމާއި އެކު ދައްކާ ވާހަކައެކެވެ.
މިހާ ކުޅަދާނަ އަދި ގާބިލު ބަޔަކު ރާއްޖޭގައި ތިބެގެން އެކުރާ ކަމަކީ ހަމައެކަނި ބަލި މީހުން އުފުލުން ކަމަށް ބުނުމަކީ ބުއްދި ގަބޫލުކުރާ ކަހަލަ ވާހަކައެއް ނޫނެވެ. ބަލި މީހުން އުފުލަން އިންޑިއާ ކަނޑުގެ ސިފައިންގެ އެންމެ ޑެކޮރޭޓެޑް އެއް ސްކޮޑްރަން ފޮނުވާކަށް ނުޖެހޭނެއެވެ.
ދިވެެއްސެއްގެ ހައިސިއްޔަތުން މިކަމާ މެދު ކަންބޮޑުވާންޖެހޭ ބައިވަރު ސަބަބުތައް އެބަހުއްޓެވެ. މިގޮތުން އެއް ކަމަކީ ޑޯނިއާ އެއްބަސްވުމުގައި ހުރި ބައެއް މާއްދާތަކެވެ. މީގެ ކުރިންވެެސް "ދިޔަރެސް" އިންވާނީ ތަފްސީލުކޮށް އެކަންކަން ގެނެސްދީފައެވެ. އޭގެ ތެރެއިން ބައެއް ކަންކަން:
މީގެއިތުރުން ދެން ހުރި ކަންބޮޑުވުންތަކަކީ ސީދާ އެމީހުން މިތަނުގައި ހިންގަމުންދާ އަދި ހިންގާ އޮޕަރޭޝަންތަކާ ގުޅޭ ކަންކަމަވެ. ފުޅާ ދާއިރާއެއްގައި ޖާސޫސް ކުރުމުގެ ގާބިލުކަން ލިބިފައިވާއިރު, ރާއްޖެއާއި އެހެން ޤައުމުތަކާއި މެދު ކުރެވޭ މުއާސަލާތުތަކާއި, ރާއްޖޭގެ ސަލާމަތީ ބާރުތަކުން އެކި ފަރާތްތަކާއި ކުރާ މުވާސަލާތު އެމީހުން އަޑުއަހާނެ ކަމަށް ބެލެވެއެވެ. މިއީ ސީދާ ރާއްޖޭގެ ޤައުމީ ސަލާމަތަށް ހުރި ނުރައްކަލެކެވެ.
އިންޑިޔާއަކީ ދިވެހިރާއްޖެއާއި ގާތް ގުޅުމެއް އޮންނަ ޤައުމެއް ނަމަވެސް, ރާއްޖެއެއިން އެހެން ޤައުމުތަކާއި ކުރާ މުވާސަލާތުތަކާއި, ރާއްޖޭގެ އެތެރޭގައި ހިނގާ އެންމެހާ ކަންކަމަކީ އިންޑިއާއަށް އެނގެން ޖެހޭނެ ކަންކަމެއް ނޫނެވެ.
މީގެ އިތުރުން ދެން އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ ރާއްޖޭގެ ސަރަހައްދު ބޭނުންކޮށްގެން އިންޑިޔާއިން އެހެން ޤައުމުތަކަށް ޖާސޫސޫސް ކުރުމެވެ. ރާއްޖެއަކީ ހުރިހާ ޤައުމުތަކާވެސް އެއް ހަމައެއްގައި ގުޅުންތައް ބާއްވާ, ބެލެންސްޑް ފޮރިން ޕޮލިސީއެއް ގެންގުޅޭ ޤައުމަކަށްވާއިރު ރާއްޖޭގެ ސަރަހައްދު ބޭނުންކޮށްގެން މިގޮތަށް ޖާސޫސޫސް ކުރުމަކީ އޭގެ ސަބަބުން ރާއްޖެއާއި އެހެން ޤައުމުތަކާއި އޮންނަ ގުޅުމަށް އަސަރު ކުރާނެ ކަމެކެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަސްކަރީ ދައުރެއް އަދާނުކުރާކަމަށް ސަރުކާރުގެ ވެރިންނާއި އެމްއެންޑީއެފްގެ ޖެނެރަލުން ވިދާޅުވި ނަމަވެސް، އަސްކަރިއްޔާގެ ހަމައެކަނި ދައުރަކީ ހަތިޔާރާއެކު ހަނގުރާމަވެރި އޮޕަރޭޝަންތައް ހިންގުމެއް ނޫނެވެ. ޖާސޫސުކުރުމާއި، އެހެން ޤައުމުތަކުގެ ދާޚިލީ ހަމަޖެހުން ނަގައިލުމާއި، "މިލިޓަރީ ޑިޕްލޮމަސީ"ގެ ދަށުން ޤައުމަތަކުގެ ދާޚިލީ ކަންކަމަށް ނުފޫޒު ފޯރުވުމަކީ، 21 ވަނަ ޤަރުނުގައި އަސްކަރިއްޔާގެ ދައުރުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. މިދެންނެވި ހުރިހާ ކަމެއް ކުރުމުގެ ޤާބިލުކަން ލިބިފައިވާ ބޭރުގެ ސިފައިންގެ ކޮންޓިންޖެންޓުތަކެއް ދިވެހި އަސްކަރިއްޔާގެ ބާރުނުހިނގާ ގޮތަށް ރާއްޖޭގައި ތިބުމަކީ ކަންބޮޑުވާންޖެހޭ، އެކަމާމެދު ފުންކޮށް ދިވެހިން ވިސްނާންޖެހޭ ކަމެކެވެ. މި ސިފައިން ތިބުމަށް ދިވެހި ޤައުމަށް ވަފާދާރު އެކަކަށްވެސް ނުރުހެވޭނެއެވެ.