ސަރުކާރުގެ އިދާރާތައް ބޭނުންކޮށްގެން އިދިކޮޅު ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއަށް އެންޓި ކެމްޕެއިންކުރާކަމަށް އެމްއެންޕީގެ ނައިބުރައީސް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު އުޝާމް ތުހުމަތުކުރައްވައިފިއެވެ.
އުޝާމް މިފަދައިން ތުހުމަތު ކުރެއްވީ ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުއިއްޒުގެ ދޮންމަންމާފުޅަށް ރާއްޖެއަށް ނާދެވޭ ގޮތަށް ރާއްޖޭގެ ގާނޫނުތަކާ ހިލާފަށް ބްލެކް ލިސްޓުކުރި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް އިމިގްރޭޝަނުން ބުނުމާއި ގުޅިގެންނެވެ.
މިކަން އުޝާމް ސިފަކުރެއްވީ ސަރުކާރުގެ އޮފީސްތައް ބޭނުންކޮށްގެން އިންތިހާބަށް ނުފޫޒު ފޯރުވުމަށް ކުރަމުންދާ މަސައްކަތްތަކުގެ ގޮތުގައެވެ.
މީގެއިތުރުން އިންތިހާބުތަކާ ދިމާކޮށް ސަރުކާރުގެ އިދާރާތައް ބޭނުންކޮށްގެން މިފަދައިން އެންޓިކެމްޕެއިން ކުރުމަކީ އިލެކްޝަންސް ކޮމިޝަން (އީސީ)ން ބަލަންޖެހޭ ކަމެއް ކަމަށްވެސް އުޝާމް ވިދާޅުވެފައިވެއެވެ.