ދިވެހިރާއްޖޭގެ ދާހިލީ ވަޒީރު އިމްރާން އަބްދުالله އަކީ ޕާކިސްތާނުގައި ކިޔަވަން އުޅުއްވިއިރު ހަނގުރާމަވެރި ޖަމާއަތެއްގައި އުޅުނު ފަރާތެއްކަމަށް މައުލޫމާތު ލިބިއްޖެއެވެ.
އިމްރާންގެ ޒުވާން ދުވަސްވަރާ ގުޅޭ ގިނަގުނަ މައުލޫމާތު އެނގޭ ފަރާތަކުން "ދިޔަރެސް" އަށް މައުލޫމާތު ދެއްވި ގޮތުގައި ޕާކިސްތާނުގެ ޕިޝާވަރުގައި އިމްރާން ކިޔަވާވިދާޅުވިއިރު އިމްރާނަކީ ހަނގުރާމަވެރި ޖަމާއަތެއްކަމަށްވާ ލަޝްކަރީ ތައިބާގެ މެމްބަރެއް ކަމަށެވެ. މިގޮތުން އެ ޖަމާއަތާއި އެކު އޭނާ ތަމްރީނު ހަދާފައިވާ ކަމަށް މައުލޫމާދު ދެއްވިއެވެ. އިމްރާން ޕާކިސްތާނުގައި ކިޔަވާ ވިދާޅުވީ އިމާމް އަބޫ ހަނީފާ މައުހަދުގައެވެ.
އެ ޖަމާއަތާއި އެކު ހަނގުރާމަކުރަން އެއްފަހަރު އިމްރާން ބަހަކަށް އަރައި ހުއްޓާ, އެ ބަހުން ބާލުވަން ޖެހުނީވެސް ގަދަކަމުން ކަމަށް މައުލޫމާތު ދެއްވި ބޭފުޅާ ވިދާޅުވިއެވެ.
"މިވާހަކަތައް އިމްރާނަށް ދޮގު ނުކުރެއްވޭނެ" އެބޭފުޅާ އިތުރަށް ވިދާޅުވިއެވެ.
"ދިޔަރެސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އިމްރާން ލަޝްކަރީ ތައިބާގައި އުޅުނުކަމުގެ ރެކޯޑުތައް ދިވެހިރާއްޖޭގައި ހުންނަ ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގައިވެސް ހުރެއެވެ.
ލަޝްކަރީ ތައިބާ އަކީ 2001 ވަނަ އަހަރުއްސުރެ ޓެރަރިސްޓު ޖަމާއަތެއްގެ ގޮތުގައި ކަނޑައެޅިފައިވާ ޖަމާއަތެކެވެ. އަދި 2002 ވަނަ އަހަރު ޕާކިސްތާނުގައިވެސް ވަނީ އެ ޖަމާއަތް މަނާކޮށްފައެވެ. މީގެ އިތުރުންވެސް ވަރަށް ގިނަ ގައުމުތަކުގައި އެ ޖަމާއަތަކީ ޓެރަރިސްޓު ޖަމާއަތެއްގެ ގޮތުގައި ކަނޑައަޅާފައިވެއެވެ. ދިވެހިރާއްޖޭގައި ޓޭރަރިޒަމް މަނާ ކުރާ ޤާނޫނުގެ ދަށުންވެސް އެ ޖަމާއަތަކީ ޓެރަރިސްޓު ޖަމާޢަތެއްގެ ގޮތުގައި ލިސްޓުކޮށްފައިވެއެވެ.
ދިވެހިރާއްޖެއަކީ ޤައުމުގެ ހޯމް މިނިސްޓަރުގެ ގޮތުގައި މިފަދަ ޖަމާއަތެއްގެ މެމްބަރަކަށް އުޅުނު މީހަކު ހުރި ހަމައެކަނި ޤައުމުކަމަށް ބެލެވެއެވެ.