އެމްޑީޕީއަށް ތާއީދުކޮށް ކެމްޕެއިން ކުރަމުން ދިޔަ ޖަގަހަތައް ރޫޅާލަމުންދަނީ ކަމަށާއި، އުފާވެރި އަމާންރާއްޖެ ކަންތައް މިހާރު ނިމެނީ ކަމަށް މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގް (ޓޮމް) ވިދާޅުވެއްޖެއެވެ.
ޓޮމް މިހެން ވިދާޅުވެފައި މިވަނީ ރިޔާސީއިންތިޚާބުގެ ފުރަތަމަ ބުރުގައި އެމްޑީޕީއަށް ތާއީދުކޮށް ކޯލިޝަން ހެދި މޯލްޑިވްސް ޑިމޮކްރެޓިކް އެލައިންސް (އެމްޑީއޭ)އިން އެ ތާއީދު ގެންގޮސް އިދިކޮޅު ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އަށް ތާއީދުކުރަން ނިންމުމާއި ގުޅިގެންނެވެ.
އެއާއެކު އެމްޑީއޭގެ ޖަގަހައިގައި ހުރި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފޮޓޯ ޕޯސްޓަރުތައް މިއަދު ވަނީ ވީދާލައިގެން ނަގައިފައެވެ.
އެވީޑިއޯ ހިއްސާ ކުރައްވައި ޓޮމް ކުރެއްވި ޓްވީޓްގައި ވިދާޅުވީ ވޯޓްލާން ބާކީ 2 ދުވަސް އޮއްވައި އެމްޑީޕީ ރޫޅާލައިފި ކަމަށެވެ. އަދި ކޯލިޝަން ވެސް ރޫޅިއްޖެ ކަމަށް ޓޮމްވިދާޅުވިއެވެ.
އެމްޑީއޭގެ އިތުރުން "ދަ ޑިމޮކްރެޓްސް" އާއި އަދާލަތު، ޖޭޕީ އަދި އެމްއާރްއެމްގެ އާންމު ގިނަ މެމްބަރުންތަކެއް ވަނީ ޑރ. މުއިއްޒު އަށް ތާއީދު ކުރަން ނިންމައިފައެވެ.
އެމްޑީޕީއާއެކު ދެވަނަ ބުރުގައި މިހާރު އޮތް ހަމަ އެކަނި ޕާޓީއަކީ އަދާލަތު ޕާޓީ ނަމަވެސް އެޕާޓީގެ އެކި ގޮފިތަކާއި އާންމު މެންބަރުން ވަނީ އިދިކޮޅު ކެންޑިޑޭޓަށް ތާއީދު ކުރަންނިންމައިފައެވެ.