Friday 1st Dec 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މޯލްޑިވްސް އިމިގްރޭޝަން

އިމިގުރޭޝަންގެ މުވައްޒަފުންގެ މުސާރަތައް ބޮޑުކޮށް، ހަނަފީ މުވައްޒަފުން ގާތަށް ވޯޓު ހޯއްދަވަން

މޯލްޑިވްސް އިމިގުރޭޝަންގެ މުވައްޒަފުންގެ މުސާރަތައް ބޮޑުކުރަން ނިންމައި އެކަން މުވައްޒަފުންނަށް އެންގުމާއެކު ކޮންޓްރޯލާ އޮފް އިމިގުރޭޝަން މުޙައްމަދު އަޙްމަދު (ހަނަފީ) ވަކިވަކި މުވައްޒަފުން ގާތަށް ވަޑައިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ވޯޓުދެއްވަން އެދިވަޑައިގަންނަވަން ފައްޓަވައިފިއެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލާން ކުޑަ ދުވަސްކޮޅަކަށް ވެފައިވަނިކޮށް އިމިގުރޭޝަނުގެ ޑިޕާޓުމެންތަކަށް ފޮނުވި އިންޓާނަލް މެމޯއަކުން އެ އިދާރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ނިންމާފައިވާކަންވަނީ އަންގާފައެވެ. އެ އިދާރާގެ މުވައްޒަފެއް ބުނި ގޮތުގައި އެ މެމޯގައި ބުނެފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން އިމިގްރޭޝަނުގެ މުވައްޒަފުންގެ މުސާރަ ބޮޑުވާނެ ކަމަށް ކަމުގައެވެ.

އޭނާ ކިޔައިދިން ގޮތުގައި ފާއިތުވި ހަފުތާއާއި މި ހަފުތާގައިވެސް ކޮންޓްރޯލާ އޮފް އިމިގުރޭޝަން މުހައްމައު އަޙްމަދު ގެންދަވަނީ އެ އިދާރާގެ ޑިޕާޓުމެންޓުތަކަށް ވަޑައިގެން ވަކިވަކި މުވައްޒަފުންނާއި، ޑިޕާޓުމެންޓުތަކުގެ ހުރިހާ މުވައްޒަފުން އެއްކުރައްވައިގެންނާއެކީ ރައީސް އިބްރާހީމަށް ކެމްޕެއިން ކުރައްވަމުންނެވެ. ރައީސް އިބްރާހީމަށް ވޯޓު ދިނުމަށް އެދިވަޑައިގެން ހަނަފީވަނީ މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުން ލިބޭނީ ރައީސް ހޮވިވަޑައިގެންކަމަށް ވިދާޅުވަމުންނެވެ.

އިމިގުރޭޝަންގެ މުވައްޒަފުންގެ މުސާރަތައް ބޮޑުކުރަން ނިންމާފައިވާކަން މުވައްޒަފުންނަށް އަންގާފައިވާއިރު، މީގެ 3 މަސްކުރިން ޕްރޮމޯޝަން ދިން އޮފިސަރުން ހިމެނޭހެން އެމްއެންޑީއެފުގެ ގިނަ އޮފިސަރުންތަކަކަށް ޕްރޮމޯޝަން ދިނުމަށް ނިންމައި އެކަމަށް އެޕްރޫވަލް އަންނަނީ ތައްޔާރުކުރަމުންނެވެ.

ހަނަފީއަކީ އިދިކޮޅު ރިޔާސީ ކެންޑިޑޭޓު ޑރ.މުޙައްމަދު މުޢިއްޒުގެ ޝަޚުޞު ކަތިލުމަށްޓަކައި އޮންލައިން ނޫހަކުން އެމަނިކުފާނުގެ ދޮންމަންމައަށް ފައިސާދީގެން ނެގުވި އިންޓަވިއުއާ ގުޅުވައިގެން ބޮޑެތި ދޮގުތަކެއް ހެދުމުގައިވެސް ބައިވެރިވެފައިވާ މީހެކެވެ. ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި އެޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް އެދިވަޑައިގެން ކޮންޓްރޯލާ އޮފް އިމިގުރޭޝަންގެ މަޤާމަށް ހަމަޖެއްސި ހަނަފީވަނީ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ޤާސިމް ދޫކުރައްވައި ރައީސް އިބްރާހީމަށް ތާއީދުކުރައްވާފައެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ކުރިމަތިވެވަޑައިގެންނެވި ނާކާމިޔާބަށްފަހު ސަރުކާރު ކުންފުނިތަކުގައި ތިބި އެމްޑީޕީ މުވައްޒަފުންނަށް ވަޒީފާގެ ކުރިއެރުން ދިނުމާއި ބަޖެޓުގެ ބޭރުން އެކި މަޝްރޫޢުތައް ހިންގުމާއި އައު އިނާޔަތްތައް ތައާރަފުކުރުމާއި ސަރުކާރުގެ ބައެއް އިދާރާތަކުގެ މުވައްޒަފުންގެ މުސާރަތައް ބޮޑުކުރުން ފަދަ ކަންކަން އަންނަނީ ކުރަމުންނެވެ.

މި ލިއުމާއި ގުޅޭ