Tuesday 14th Jan 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އަބްދުﷲ ޖާބިރު

ޖާބިރަށް ރިސޯޓު ހަދަން ދީފައި އޮތް ދެ ރަށަކުން ދައްކަންޖެހޭ 760 މިލިއަން ރުފިޔާ މައާފުކޮށްދީފި

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރުގެ ކުންފުންޏަކަށް ރިސޯޓު ތަރައްޤީކުރަން ދީފައި އޮތް ދެ ރަށެއްގެ ބިމު ކުލި ނުދައްކައިގެން އަރާފައިވާ ޖޫރިމަނާއިން 760 މިލިއަން ރުފިޔާ ސަރުކާރުން މައާފުކޮށްދީފިއެވެ.

ރިސޯޓު ކުލި ނުދައްކައިގެން ޖޫރިމަނާކުރާ ރޭޓަށް ސަރުކާރުން ބަދަލު ގެނެސް، އެ ގެނައި ބަދަލު ޤަވާއިދު އިސްލާހުކުރުމުގެ ކުރިން ނުދައްކައިހުރި ޖޫރިމަނާގެ މައްޗަށް ތަންފީޒުކުރެވޭ ގޮތަށް ކަނޑައަޅައި އިއުލާނުކުރިއެވެ. އެ އިސްލާހާއެކު ޖޫރިމަނާ މައާފުވި ކުންފުނިތަކުގެ ތެރޭގައި ޖާބިރުގެ ޔޮޗް ޓުއާސް ހިމެނެއެވެ.

އެގޮތުން ޔޮޗް ޓުއާސް މޯލްޑިވްސްއަށް ރިސޯޓު ތަރައްޤީކުރަން ދޫކޮށްފައިވާ ދެ ރަށް ކަމުގައިވާ ބީނާފުށި އަދި އައިދޫގެ ބިމު ކުލި ނުދެއްކުމުން އަރާފައިވާ ޖޫރިމަނާގެ ބޮޑު ބައެއް އެ އުސޫލުގެ ދަށުންވަނީ މައާފުކޮށްދީފައެވެ.

ސަރުކާރުން މައާފުކޮށްދީފައިވާ ޖޫރިމަނާގެ ހިސާބުތައް "ދިޔަރެސް"އަށްވަނީ ލިބިފައެވެ. އެ ހިސާބުތަކަށް ބަލާއިރު ޖާބިރުގެ ޔޮޗް ޓުއާސްއަށް ދޫކުރި ދެ ރަށުގެ ޖޫރިމަނާއިން ބޮޑު އަދަދެއް މައާފުވެފައިވެއެވެ.

ބީނާފުށީގެ ބިމު ކުލި ނުދައްކައިގެން ޖުމްލަ 1،125،292.63 (އެއް މިލިއަން އެއްލައްކަ ފަންސަވީސްހާސް ދުއިސައްތަ ނުވަދިހަ ދެ) ޑޮލަރު ޖޫރިމަނާގެ ގޮތުގައި އަރާފައިވެއެވެ. އެއީ ދިވެހި ރުފިޔާއިންނަމަ ޖުމްލަ 21،559،752 (އެކާވީސް މިލިއަން ފަސްލައްކަ ފަންސާސް ނުވަހާސް ހަތްސަތޭކަ ފަންސާސް ދެ) ރުފިޔާއެވެ.

ޔޮޗް ޓުއާސްއަށް ދޫކޮށް ބިމު ކުލި ދައްކާފައިނުވާ އަލިދޫގެ ބިމު ކުލި ނުދެއްކުމުން އަރާފައިވާ ޖޫރިމަނާއިން 47،914،718 (ސާޅީސް ހަތް މިލިއަން ނުވަލައްކަ ސާދަހާސް ހަތްސަތޭކަ އަށާރަ) ޑޮލަރު މައާފުކޮށްފައިވެއެވެ. އެއީ ދިވެހި ރުފިޔާއިންނަމަ 738،844،963 (ހަތްސަތޭކަ ތިރީސްއަށް މިލިއަން އަށްލައްކަ ސާޅީސް ހަތަރުހާސް ނުވަސަތޭކަ ފަސްދޮޅަސް ތިން) ރުފިޔާއެވެ.

ޖާބިރުގެ ކުންފުނިން ދައުލަތަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން ސަރުކާރުން އެކުލަވައިލި އުސޫލާއެކު މައާފުވި އަދަދު 760،404،716 (ހަތްސަތޭކަ ފަސްދޮޅަސް މިލިއަން ހަތަރުލައްކަ ހަތަރުހާސް ހަތްސަތޭކަ ސޯޅަ) ރުފިޔާއަށް އަރައެވެ.

ޖާބިރަކީ ރައްޔިތުންގެ މަޖިލީހުގައި ރައީސް އިބްރާހީމަށް ފާޑުވިދާޅުވެ، މަޖިލީހުން ބޭރުގައި ހުތުރު ބަހުރުވައިން އެމަނިކުފާނާ މުޚާތަބުކުރައްވަމުން ގެންދެވި ބޭފުޅެކެވެ. ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ކުރިން އޭނާގެ އަތުގައި އޮތް ކުޑަ ފިނޮޅެއްގެ ބަދަލުގައި ސަރުކާރުން ބޮޑު ފަޅެއްދީ އެ ފަޅު ވިއްކަވައިލެއްވިއެވެ. އަދި އެއާއެކު ރައީސް އިބްރާހީމަށް ތާއީދުކޮށް ކެމްޕެއިނުގެ ކުރީ ސަފަށް ނިކުމެވަޑައިގަތެވެ.

މި ލިއުމާއި ގުޅޭ