އިދިކޮޅު ޕްރޮގްރެސިވް ކޮންގުރެސް ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓު ޑރ.މުޙައްމަދު މުޢިއްޒަށް ތާއީދުކުރާ ޒުވާނުންގެ ސައިކަލު ބުރެއް މިއަދު ހަވީރު މާލޭގައި ބާއްވަން ނިންމައިފިއެވެ.
ޒުވާނުންގެ އިސްނެގުމަށް މާލޭގައި މިއަދު ހަވީރު ބާއްވާ ސައިލު ބުރުގައި ޑރ.މުޢިއްޒުގެ ރަނިން މޭޓުގެ ގޮތުގައި އިންތިޚާބުގައި ވާދަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފު (ސެންބެ) ބައިވެރިވެވަޑައިގަންނަވާނެއެވެ.
މިއަދު ބާއްވާ ސައިކަލު ބުރު ފަށާނީ މެންދުރު ފަހު 3:45 ގައި ބޮޑުތަކުރުފާނު މަގުގައި ހުންނަ ޕީޕީއެމް އޮފީސް ކުރިމަތިންކަމަށް އެ ޕާޓީން ބުނެފައިވެއެވެ. މި ސައިކަލު ބުރުގައި ގިނަ އަދަދެއްގެ ޒުވާނުން ބައިވެރިވާނެކަމަށްވެސް އެ ޕާޓީން ބުނެއެވެ.
އިދިކޮޅު އިއްތިހާދުން ރާއްޖޭގެ އުތުރާއި ދެކުނުގައި އަދި މާލޭގައި ކެމްޕެއިން ގިނަ ހަރަކާތްތަކެއް ބާއްވަމުން ދާއިރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް އިންތިޚާބުގެ ފުރަތަމަ ބުރުގައި ކުރިމަތިވެވަޑައިގެންނެވި ނާކާމިޔާބަށްފަހު، އެމަނިކުފާނުވަނީ ދަތުރުތައް ހުއްޓަވާލައްވައި ކެމްޕެއިން ހަރަކާތްތައް ވަރަށް ބޮޑަށް މަޑުޖައްސަވާފައެވެ.
ސިޔާސަތުތައް ކިޔައިދީ ޤާބިލުކަން ސާބިތުކޮށްދީގެން ވޯޓު ހޯދުމަށް މަސައްކަތްކުރުމުގެ ބަދަލުގައި ސަރުކާރުން މިހާރު އިޚުތިޔާރުކޮށްފައިވަނީ އިދިކޮޅު ކެންޑިޑޭޓާއި އޭނަގެ ރަނިންމޭޓުގެ އިސްތަށިފުޅުގައި ސާބިތުނުހިފޭ ދޮގު ތުހުމަތުތައް އަޅުވައިގެން ޝަޚުޞު ކަތިލުމުގެ ބޮޑު އެންޓި-ކެމްޕެއިން ހަރަކާތެއް މީސްމީޑިއާއާއި ސަރުކާރުން ފައިސާ ނަގައިގެން ހިންގާ ނޫސްތަކާއި ޓީވީ ޗެނަލްތައް މެދުވެރިކޮށް ހިންގުމެވެ.
މިއަދު ހަވީރު ޒުވާނުންގެ ސައިކަލު ބުރެއްގައި ސެމްބެ ބައިވެރިވެވަޑައިގަންނަވާ ކެންޑިޑޭޓު ޑރ.މުޢިއްޒު މިހަރު ހުންނެވީ ދެކުނުގެ ހަތަރު އަތޮޅަށް ކުރައްވާ ކެމްޕެއިން ދަތުރުފުޅެއްގައި ގއ. އަދި ގދ. އަތޮޅުގައެވެ.
ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ޑރ.މުޢިއްޒަށް 46 އިންސައްތަ ރައްޔިތުންގެ ތާއީދު ލިބިވަޑައިގެންނެވިއިރު، 100،000 އަށްވުރެ ގިނަ ވޯޓާއެކު 2018 ވަނަ އަހަރު އިންތިޚާބުވެވަޑައިގެންނެވި ރައީސް އިބްރާހީމަށް ލިބިވަޑައިގަތީ 85،000 އެއްހައި ވޯޓާއެކު 39 އިންސައްތަ މީހުންގެ ތާއީދެވެ.